ހަބަރު

ރައީސް ޔާމީން ކެނެޑާގެ އާ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

Oct 21, 2015

ކެނެޑާގައި ބޭއްވި އާންމު އިންތިޚާބުގައި ލިބަރަލް ޕާޓީން ހޯދި ކާމިޔާބީއާ ގުޅިގެން، އެ ޕާޓީއަށާއި، ކެނެޑާގެ ބޮޑުވަޒީރުކަމަށް އަލަށް ‏‏އިންތިޚާބުވެވަޑައިގެންނެވި ‏ޖަސްޓިން ޓްރޫޑޯއަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ތަހުނިޔާ ވިދާޅުވެއްޖެއެވެ‏‎.‎

‏ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ‏‏‏އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ‏ޖަސްޓިން ޓްރޫޑޯއަށާއި ލިބަރަލް ޕާޓީގެ މެންބަރުންނަށް ‏ތަހުނިޔާ ވިދާޅުވެފައިވެއެވެ.‏ އަދި ޖަސްޓިން ޓްރޫޑޯގެ ‏ޒަޢާމަތުގައި، ‏‏ކެނެޑާއަށް ‏‏އިތުރު ފާގަތިކަމާއި ކުރިއެރުން ލިބިގެންދާނެކަން ޔަގީން ރައްވާ ‏‏ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ‏‎.‎‏

މީގެ އިތުރުން، ރާއްޖެއާއި ކެނެޑާއާ ‏ދެ ގައުމުގެ ދެމެދުގައި ‏‏އޮތް ގާތް ގުޅުން ‏‏އިތުރަށް ވަރުގަދަ ކުރެއްވުމަށް މި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.‏