ސަމްޕްޑޯރިއާގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން މޮޅުވެ، ތާވަލުގެ އެއްވަނަ މަގާމުގައި ލީޑް ފުޅާ ކޮށް އޭސީ މިލާން އިން ކުލަބުގެ ރެކޯޑަކާ ގާތް ކޮށްފި އެވެ.
މި ސީޒަންގައި ސެރީ އޭ ގެ އެއްވެސް މަޗަކުން ބަލިނުވެ ޓްރެކް ދަމަހައްޓަމުން އަންނަ މިލާނުން ރޭ ހޯދި މޮޅާއެކު އެ ޓީމުން ވަނީ 66 އަހަރުވީ ރެކޯޑެއް މުގުރާލާފަ އެވެ. ސަމްޕްޑޯރިއާގައި ކުޅުނު މެޗު ކާމިޔާބު ކޮށް މިލާންއިން ވަނީ ލީގްގައި ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗުން މޮޅުވެފަ އެވެ. އެއީ 1954-55 ގެ ސީޒަނަށް ފަހު އެޓީމުން ދެމެހެއްޓި އެންމެ ރަނގުޅު ޓްރެކެވެ.
ރޭގެ މެޗުގައި މިލާންގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ޔަނިކް ކަސިއޭ އެވެ. އޭނާ ލަނޑު ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ. މިލާންގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ސަމޫ ކަސްޓިލޭހޯ އެވެ. ސަމްޕްޑޯރިއާގެ ލަނޑު ކާމިޔާބު ކުރީ އަލްބިން އެކިޑަލް އެވެ.
ލީގްގައި އެންމެ ފަހުން ކުޅުނު 30 މެޗުގައި ވެސް މިލާން ވަނީ ލަނޑު ޖަހާފަ އެވެ. އެއީ 1972-73 ގައި އޮތް ކުލަބުގެ ރެކޯޑެއް މުގުރާލުމެވެ. އެފަހަރު ޖެހިޖެގެން 29 މެޗުގައި މިލާންއިން ލަނޑު ޖެހި އެވެ. ސެރީ އޭ ގެ ކުރީކޮޅު އަވޭ މެޗުތަކުގައި މިލާން މޮޅުވި މެޗުތަކުގެ އަދަދު ހަތަކަށް އެރީ އެވެ. އެ ރެކޯޑް މީގެ ކުރިން އޮޓީ ދެ ފަހަރު އެވެ. އެއީ 1964 އަސި 1993 ގަ އެވެ.
މިލާން އެއް ވަނައިގައި އޮތީ ފަސް ޕޮއިންޓްގެ ލީޑަކާ އެކު އެވެ. ދެ ވަނައިގައި އޮތް ވާދަވެރި އިންޓަ މިލާންއަށް ލިބިފައި ވަނީ 21 ޕޮއިންޓެވެ. ތިން ވަނައިގައި އޮތީ ރޭ ކްރޮޓޯން އަތުން 4-0 ން މޮޅުވި ނަޕޯލީ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސްއަށް ވެސް ޕޮއިންޓް ލިބިފައި ވަނީ ނަޕޯލީ އާ އެއްވަރަށެވެ. ނަޕޯލީއަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ.