ރާއްޖެ ކުޅިވަރު

ޒޯން ނުވަޔަކުން އެފްއޭއެމް އިންތިހާބުގައި ވޯޓުލާނީ ރެޑްލައިން

Oct 21, 2015

މާދަމާ ބާއްވާ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބުގައި ޒޯން ނުވަޔަކުން ވޯޓުލާނެ ކުލަބަކަށް ރެޑްލައިން ހޮވިއްޖެ އެވެ.

މި ގޮތަށް ހަމަޖެހުނީ ރޭ ބޭއްވި ޒޯން ނުވައެއްގެ ޕްރައިމަރީ އަށް ފަހު އެވެ. މި ޕްރައިމަރީގައި ވޯޓުލީ ތިން ވަނަ ޑިވިޝަނުގެ 12 ޓީމުންނެވެ.

ޔޫތު މިނިސްޓްރީން ފަސްކުރަން އެންގި އިންތިހާބު ފީފާ އާއި އޭއެފްސީގެ ތާއީދާއި ބެލުމުގެ ދަށުން ބާއްވަން ނިންމީ ފީފާއިން އިންތިހާބު ބާއްވަން ދީފައިވާ މުހުލަތު މި މަހުގެ 30 އަށް ހަމަވާތީ އެވެ.

އެފްއޭއެމް އިންތިހާބުގައި މުޅިއެކު އިންތިހާބުގައި ވޯޓުލާނީ 16 ކުލަބެވެ. އެއީ ފުރަތަމަ ޑިވިޝަނުގެ އަށް ކުލަބާއި ދެ ވަނަ ޑިވިޝަނުގެ ހަތް ކުލަބާއެކުގަ އެވެ.

އެފްއޭއެމުގެ އިންތިހާބު ލަސްކުރަން ޔޫތު މިނިސްޓްރީން ޕްރެޝަރު ކުރީ އެއިދާރާގެ ކުރީގެ އެގްޒެކްޓިވް ސެކްރެޓަރީ ހުސައިން ރަޝީދު ހުށަހަޅާފައިވާ ކޮރަޕްޝަނުގެ މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަނުން ބަލަމުންދިއުމުންނެވެ. އޭނާގެ ޝަކުވާގައި ބުނެފައިވަނީ އެފްއޭއެމަށް ދީފައިވާ ފައިސާ އެތަނުގެ ވެރިންގެ އެކައުންޓަށް ބަދަލުކޮށް އިންތިހާބަށް ނުފޫޒު ފޯރުވަން ރިޝްވަތު ދެމުން އަންނަ ކަމަށެވެ. ނަމަވެސް އޭސީސީން މި މައްސަލް ބެލުމަށްފަހު ނިންމީ އެފްއޭއެމުގެ ފައިސާގެ މުއާމަލާތްތަކުގައި އެއްވެސް ވަރަކަށް ކޮރަޕްޝަން ނެތް ކަމަށެވެ. މި މައްސަލާގައި އޭއެފްސީ އާއި ފީފާއިން ބުނަނީ އެފްއޭއެމުގެ ފައިސާގެ މުއާމަލާތްތައް ރަނގަޅު ކަމަށެވެ. އަދި ސަރުކާރުން އެފްއޭއެމަށް ނުފޫޒު ފޯރުވާނަމަ ރާއްޖެ ފުޓްބޯޅައިން ސަސްޕެންޑްކުރާނެ ކަމަށެވެ.

މިފަހަރުގެ އިންތިހާބަށް ކުރިމަތިލާފައިވަނީ ފީފާއިން އެކުލަވާލާފައިވާ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދެވެ. އޭނާ އަކީ އޭއެފްސީގެ އެކްސްކޯ މެމްބަރެއްގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސެވެ. ޝަވީދު އެކަނިވުމުން އިންތިހާބުގައި ނަގާނީ ފެންނަ ނުފެންނަ ވޯޓެކެވެ.