ޖަރުމަންގެ ގައުމީ ޓީމުގެ ކޯޗް ކަމުގައި ޔޯކިމް ލޯ ބަހައްޓަން، ލިވަޕޫލްގެ ކޯޗް ޖަރުމަންގެ ޔާގަން ކްލޮޕް ތާއީދު ކޮށްފި އެވެ.
ސްޕެއިން އަތުން ބަލިވެ، ޔޫއެފާ ނޭޝަން ލީގްގެ ސެމީ ފައިނަލު ބުރުން ޖަރުމަން ކެޓުމުން ލޯއަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިއުން އަމާޒު ކޮށްފަ އެވެ. ރަޝިއާގައި 2018 ގެ ވޯލްޑް ކަޕުން ޖަރުމަން ކަޓައިގެން ދިޔައީ ގުރޫޕް ސްޓޭޖުންނެވެ. އޭގެ ފަހުން މިހާ ހިސާބަށް ޖަރުމަންގެ ޓީމު ހަމަ މަގަށް އެޅުވުމުގައި ލޯ އަށް ކާމިޔާބު ހޯދިފަ އެއް ނުވެ އެވެ.
ލޯ މަގާމުން ވަކި ކުރުމަށް، ނުވަތަ އިސްތިއުފާ ދިނުމަށް ގޮވާލަމުންދާ އަޑުތައް ގަދަ ވެފައި ވާއިރު ކްލޮޕް ވަނީ ލޯ މަގާމުގައި ހުންނަން ތާއީދު ކުރާ ކަމަށް ބުނެފަ އެވެ. ކްލޮޕް ބުނީ އުނދަގޫ ހާލަތެއްގައި ޓީމު އޮންނަ ވަގުތު ކޯޗް ބަދަލު ކުރުމުން ކަންކަން ރަނގަޅު ވާނެ ކަމަށް ބައެއް ފަރާތްތަކުން ހީކުރާ ކަމަށެވެ. ނަމަވެސް ކޯޗް އެކަނި ބަދަލު ކުރުމުން އެކަމަށް ހައްލު ނުލިބޭނެ ކަމަށް ކްލޮޕް ބުންޏެވެ.
"މި ހުރިހާ ކަމަކުން ހާމަ ކޮށްދެނީ ގައުމީ ޓީމާއެކު ވެސް މި ހާލަތު ރަނގަޅު ނޫން ކަން. ޖަރުމަންގެ ބިލްޑް ނޫހަށް ދިން އިންޓަވިއުގައި ކްލޮޕް ބުންޏެވެ. "ބައެއް މީހުންނަށް ގަބޫލު ކުރެވިފައި އޮންނަ ކަމެއް އެހެން ކޯޗަކު ހަމަޖެއްސީމަ އޮޓަމެޓިކުން ކަންކަން ރަނގަޅު ވާނެއޭ. އަހަރެމެން ހަނދާން ނައްތާލައިގެން ނުވާނެ ޔޯގީ ވަނީ އަހަރުތަކެއް ވަންދެން ގިނަ ކާމިޔާބުތަކެއް ހޯދާފައި. ބައެއް ހާލަތްތަކުގައި ކޯޗުންގެ ސަބަބުން އެކަންޏެއް ނޫން ކަންކަން މަސައްކަތް ނުކުރަނީކީ. މިއީ އަހަރެން ދެކޭ ގޮތް. އަހަންނަށް ހީވަނީ އެހެން ކޯޗުންވެސް ދެކޭނީ މިގޮތަށް ހެން. މިހާލަތު ބަދަލު ޔޯގީއަށް ކުރެވޭނެ ކަމުގެ ވަރަށް ބޮޑު ފުރުސަތެއް އެބައޮތް. ޔޫރޯ ކާމިޔާބު ކުރުން ނުވަތަ ޔޫރޯ އެންމެ ދުރަށް ގެންދާނެހެން އަހަންނަށް ހީވޭ."
ޖަރުމަންގެ އެފްއޭއިން މިދިޔަ ހަފުތާގައި ވަނީ، ލޯ ގެ ހާލަތާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ފަހު އޭނާ މަގާމު ބަހައްޓަން ނިންމާފަ އެވެ. ޖަރުމަންގެ އެފްއޭއިން އޭރު ނެރުނު ބަޔާނުގައި ބުނީ ބައެއް މެޗުތަކުގައި ކަންކަން ގޯސް ކޮށްފައިވާ ގޮތަށް އެކަނި ބަލައިގެން މައްސަލައިގެ މުޅި މަންޒަރު ގޯސް ކަމަށް ނުބުނެވޭނެ ކަމަށެވެ. ލޯ އަށް ދީފައިވާ ކޮންޓްރެކްޓް ހަމަ ވާނީ 2022 ގެ ވޯލްޑް ކަޕަށް ފަހު އެވެ. އޭގެ ފަހުން ޖަރުމަންގެ ކޯޗަކަށް ގެންނާނެ ކަމަށް ބެލެވޭ ކޯޗުންގެ ލިސްޓްގެ ޓޮޕް ފޭވަރިޓަކީ ކްލޮޕް އެވެ. އެހެންނަމަވެސް ލިވަޕޫލާ އެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް ހަމަ ވަނީ 2024 ގަ އެވެ.