ވިޔަފާރި

ޓޫރިޒަމް އިންޓަޝިޕަށް ދިވެހިންނަށް ފުރުސަތު ދޭން ލާޒިމްކޮށްފި

Dec 7, 2020

ޓޫރިޒަމް އިންޓަޝިޕަށް ދިވެހިންނަށް ފުރުސަތު ދޭން ލާޒިމްކޮށް، ބޭރުގެ ފަރާތްތަކަށް އިންޓަންޝިޕަށް ފުރުސަތު ދޭން ވިސާ ދޫކުރާ އުސޫލަށް ޓޫރިޒަމް މިނިސްޓްރީން ބަދަލު ގެނެސްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރެފައިވާ ސާކިއުލާއެއްގައި ބުނި ގޮތުގައި ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނު ބާރުލިބިގެން ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނުގައި ބޭރުގެ ފަރާތްތަކަށް އިންޓަންޝިޕް ފުރިހަމަ ކުރުމަށް ސްޕެޝަލް ވިސާ ދޫކުރުމަށް ޓޫރިޒަމް އިން ހަދާފައިވާ އުސޫލަށް ބަދަލު ތަކެއް ގެނެސް އެކަން ރާއްޖޭގެ ޓޫރިޒަމް ހިދުމަތް ދޭ ތަންތަނަށް އަންގަން ނިންމާފައިވާ ކަމަށެވެ.

އެ މިނިސްޓްރީން މިއަދު ގެނައި ބަދަލާއެކު ޓޫރިޒަމް ދާއިރާ އިން ދިވެހިން ބިނާކުރުމަށާއި ފަތުރުވެރިކަމުގެ ދާއިރާ އިން ދިވެހިންނަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން އިންޓަނުންގެ ގޮތުގައި ބިދޭސީ ދަރިވަރުން ގެނައުމަށް ނޯ އޮބްޖެކްޝަން ދިނުމުގައި ޓޫރިޒަމް ދާއިރާގެ ހިދުމަތްދޭ ތަންތަނުން ފުރުސަތު ދޭ ކޮންމެ ބިދޭސީ އިންޓަންއަކަށް ދެ ދިވެހި ދަރިވަރުން ތަމްރީނުކޮށް، އަދި ބިދޭސީ އިންޓަންއަށް ފުރުސަތު ދިން މުއްދަތަށްވުރެ ކުރުނޫން ނުވަތަ އެ ކުއްޖަކު ކިޔަވާ ތަނަކުން ބުނެފައިވާ މުއްދަތަށް އިންޓަންޝިޕްގެ ފުރުސަތުދޭން ޖެހޭގޮތަށް އުސޫލު ބަދަލު ގެނެސްފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މި ބަދަލު ކަށަވަރުކުރުމުގެ ގޮތުން ބިދޭސީ ދަރިވަރުގެ ވިސާ ދޫކުރުމަށް ޓޫރިޒަމް މިނިސްޓްރީން ދޫކުރާ ނޯ އޮބްޖެކްޝަން ލެޓާ ހޯދުމަށް އެދި މިނިސްޓްރީ އަށް ހުށަހަޅާއިރު ދެ ދިވެހި ދަރިވަރުންގެ އިންޓަންޝިޕާ ގުޅޭ އެއްބަސްވުން ހުށަހަޅަން ލާޒިމް ކޮށްފައިވާ ކަމަށެވެ.

މި އުސޫލަކީ ދުނިޔޭގެ އެކިއެކި ކިޔަވާދޭ މަރުކަޒުތަކުން އެ ފަރާތްތަކުގެ ދަރިވަރުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތްދޭ (ޓޫރިސްޓް ރިސޯޓް، ޓޫރިސްޓް ހޮޓެލް، މެރީނާ، ޑައިވް ސްކޫލް، ޓޫރިސްޓް ވެސެލްސް، ޓްރެވަލް އޭޖެންސީ އަދި ޓޫރިސްޓް ގެސްޓް ހައުސް) ތަންތަނުގައި އެކި ދާއިރާތަކުން މަސައްކަތްތަކުގެ ތަޖުރިބާ ހޯދުމަށްޓަކައި އިންޓަނުންގެ ގޮތުގައި މަސައްކަތްކުރުމަށާ އަދި ރިސާޗް ސްޓަޑީ ހެދުމަށް ބިދޭސީ ދަރުވަރުން އިންޓަނުންގެ ގޮތުގައި ފޮނުވުމަށް އެދޭތީ، ސަރުކާރުން އަމަލުކުރުމަށް އެކުލަވާލާފައިވާ ސްޕެޝަލް ވިސާ ދޫކުރުމުގެ އުސޫލެކެވެ.