ރާއްޖޭގައި މި ފަހުން ހިނގާދިޔަ މަރުގެ ބޮޑެތި މައްސަލަތަކަށް އިންސާފު ނުލިބި ލަސްވަނީ އެ ޖަރީމާތައް ފޮރުވަން ދައުލަތުގެ މުއައްސަސާތަކުގައި ތިބި ބަޔަކު މަަސައްކަތް ކުރާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
"އާސްކް ސްޕީކާ" ޕްރަގްރާމްގައި އާންމުންގެ މީހަކު ވަނީ ގެއްލުވާލާފައިވާ އަހުމަދު ރިލްވާން އަބްދުﷲ އާއި އަނިޔާވެރި ގޮތަކަށް މަރާލި ޔާމީން ރަޝީދުގެ މަރުގެ މައްސަލައަށް އިންސާފު ނުލިބި ލަސްވަނީ ކީއްވެގެންތޯ ސުވާލު ކޮށްފައެވެ. ގޮތްނޭންގޭ މަރުތަކަށް އިންސާފު ހޯދުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެކަމަށްޓަކައި ވެރިކަަމުގެ ފުރަތަމަ ދުވަހު ރައީސް ސޯލިހް ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދާފައެވެ. ނަމަވެސް ވެރިކަމުގެ ފުރަތަމަ ދެ އަހަރު ނިމިގެންދިޔައިރު އެ ކޮމިޝަނަށް އެދެވޭ ކުރިއެރުންތަކެއް ހޯދިފައެއް ނުވެއެވެ. އަދި ކޮމިޝަންގެ ގިނަ މެންބަރުން މިހާރު އެ ކޮމިޝަންގައިވެސް ނެތެވެ.
މިރޭގެ ޕްރަގްރާމްގައި ވާހަކަދައްކަވަމުން ރަައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކުގައި މަރުގެ ޖަރީމާތައް ފޮރުވަން މަސައްކަތް ކުރާ ބަޔަކު އެބަތިބި ކަމަށެވެ. މަރުގެ މައްސަލަތަކުގެ ތަހުގީގު ނުހިނގައި ވަނީ އެހެން ވެގެން ކަމަށްވެސް ވިދާޅުވިއެވެ.
"އެކިއެކި މުއައްސަސާތަކުގެ ތެރޭގައި އެ ޖަރީމާތައް ފޮރުވުމަށް ނުވަތަ އެ ޖަރީމާތަކާއި ގުޅޭގޮތުން އެހާ ބޮޑެތި ރުޅިވެރިކަމާއި ދެރަވުމާއި އެކަންކަން ހިތުގެ ތެރޭގައި ނުއުފެދޭ މީހުން އެބަ އުޅޭ މި ދައުލަތުގެ އެކި މުއައްސަސާތަކުގެ ތެރޭގައި. އެހެންވީމަ އެ މުއައްސަސާތަކުގެ ތެރެއިން ތަހުގީގުތައް ހިންގިގެން ދައުވާތައް ކުރެވެން ދަތިވެގެން މި ދަނީ،"
ރައީސް ނަޝީދު ވިދާޅުވީ ހުރަސްތައް ހުރި ނަމަވެސް މަރުތަކަށް އިންސާފު ލިބޭނެ ކަމަށެވެ.
"އިރާދަ ކުރެއްވިޔާ ޔާމީންގެ މައްސަލަވެސް ރިލްވާންގެ މައްސަލަވެސް ޑރ. އަފްރަޝީމްގެ މައްސަލަވެސް އަޅުގަނޑުމެންނަށް ބެލޭނެ. އަދި އެއަށް އިންސާފުވެސް ލިބޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.