ތަފާސް ހިސާބު

ރާއްޖޭގެ ކޮންމެ ދިހައަކުން އެކެއް ނުކުޅެދުންތެރި!

Dec 8, 2020
2

ރާއްޖޭގެ އާބާދީގެ ނުވަ ޕަސެންޓް މީހުންނަކީ ނުކުޅެދުންތެރިކަން ހުންނަ މީހުނެވެ. މިއީ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) ގެ އާ ހިސާބުތައް ދައްކާ ގޮތެވެ.

ނުކުޅެދުންތެރިކަން ހުންނަ އާބާދީގެ ފަސް އަހަރުން މައްޗަށް އެންބީއެސް އިން ހެދި "ހަޔަސް" ސާވޭގެ މައްޗަށް ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ ނުވަ ޕަސެންޓަކީ ނުކުޅެދުންތެރިކަން ހުންނަ މީހުނެވެ. ނުވަތަ ރާއްޖޭގެ އާބާދީގެ ކޮންމެ 10 މީހަކުން އެކަކީ ނުކުޅެދުންތެރިކަން ހުންނަ މީހެކެވެ.

75 އަަހަރުންމަތީގެ 58 ޕަސެންޓުގައި މައްސަލަ

އެ ސާވޭގެ ނަތީޖާއަށް ބަލާއިރު، ކުޑަކުދިންގެ އުމުރު ފުރައިގެ ފަސް އަހަރާއި 17 އަހަރުގެ ކުދިންގެ ނުކުޅެދުންތެރިކަން ހުންނަ ނިސްބަތަކީ ހަތަރު ޕަސެންޓެވެ. އަދި އުމުރުން 75 އަހަރުން މަތީގެ މީހުންގެ މެދުގައި ނުކުޅެދުންތެރިކަން ހުންނަ ނިސްބަތް 58 ޕަސެންޓަށް މަތި ކަމަށް ދައްކަ އެވެ.

ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ 35 ޕަސެންޓަކީ އެއް ގޮތަށް ވުރެ ގިނަ ކަންކަމުން ނުކުޅެދުންތެރިކަން ހުންނަ މީހުނެވެ. މީގެ ތެރޭގައި ގިނައީ ދެ ކަމެއްގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ. އަންހެނުންނަށް ވުރެ ފިރިހެނުންގެ މެދުގައި އެއް ބާވަތަށް ވުރެ ގިނަ ބާވަތްތަކުން ނުކުޅެދުންތެރިކަން ހުންނަ މިންވަރު އިތުރެވެ. އަދި ރާއްޖޭގައި އެންމެ ގިނައީ ހިނގައި އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުނެވެ.

އެ ސާވޭ ދައްކާ ގޮތުގައި ރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ އާބާދީގައި ހަރުމުދަލުގެ ގޮތުގައި ގިނަ މީހުން ގެންގުޅެނީ މޮބައިލް ފޯނެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ އަންހެނުން ވެސް ކައިވެނި ކުރާ އުމުރު ފުރައަކީ، އާއްމު މީހުންނެކޭ އެއްގޮތަށް 20 އަހަރެވެ. ނަމަވެސް ފިރިހެނުން ކައިވެނި ކުރަނީ ނުކުޅެދުންތެރިކަން ހުންނަ އަންހެނުނަށް ވުރެ ތިން އަހަރު ފަހުންނެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ އަންހެނުން ކުދިން ހޯދާ އުމުރު އާއްމު މީހުންނަށްވުރެ އަވަހެވެ. އެވްރެޖު ގޮތެއްގައި ކައިވެނި ކުރާތާ އެއް އަހަރު ތެރޭގައި މިފަދަ މީހުން ކުދިން ހޯދަ އެވެ.

އުމުރު މަތިވާ ވަރަށް ސްކޫލަށް ނުދޭ

ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ އާބާދީގެ ތެރެއިން 10 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓަށް ދިވެހި ބަހުން ލިޔަން ކިޔަން އެނގެ އެވެ. އަދި އިނގިރޭސި ބަހުން ލިޔަން ކިޔަން އެނގެނީ އެ އާބާދީގެ ތިން ބައިކުޅަ އެއްބަޔަށެވެ. އަދި ފަސް އަހަރުން މަތީގެ މި އާބާދީގެ 91 ޕަސެންޓް ސްކޫލަށް ދެ އެވެ. އަދި ސްކޫލަށް އުމުރު ފުރާ މަތިވާ ވަރަކަށް ސްކޫލަށް ނުދާ ނިސްބަތް ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ މެދުގައި އިތުރުވާ ކަމަށް ސާވޭގައި ފާހަގަވެފައިވެ އެވެ.

ލިބޭ އާމްދަނީ މަދު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ބޮޑު ބައެއް މަސައްކަތް ކުރަނީ އިންފޯމަލް ސެކްޓާގަ އެވެ. އަންހެނުންގެ ތެރެއިން ކޮންމެ ފަސް މީހަކުން ހަތަރު މީހުން މަސައްކަތް ކުރަނީ މި ސެކްޓާގަ އެވެ. މި ސާވޭ ދައްކާ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހަކު މަސައްކަތުގައި ހޭދަ ކުރާ ވަގުތު އާދައިގެ މީހަކު މަސައްކަތުގައި ހޭދަކު ރާ ވަގުތަށް ވުރެ އެއް ގަޑިއިރު މަދެވެ. އަދި އާއްމު މީހަކަށް ވުރެ މި ފަދަ މީހުންނަށް ލިބޭ އާމްދަނީ ވެސް މަދެވެ.

ނުކުޅެދުންތެރިކަން ނުހުންނަ އަންހެނަކު އާއްމުކޮށް އަށް ގަޑިއިރު މަސައްކަތް ކުރުމުން ގަޑިއަކަށް ޖެހެނީ 81.39ރ. އެވެ. ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ އަންހެނަކު ހަތް ގަޑިއިރު މަސައްކަތް ކުރުމުން ލިބެނީ 49.38ރ. އެވެ. އަދި ނުކުޅެދުންތެރިކަން ނުހުންނަ ފިރިހެނަކު ނުވަ ގަޑިއިރު މަސައްކަތް ކުރުމުން 67.12ރ. ލިބޭއިރު، ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކު އަށް ގަޑިއިރު މަސައްކަތް ކޮށްގެން ގަޑިއަކަށް ޖެހެނީ 58.41ރ. އެވެ.