ވޯލްޑް ކަޕް ކޮލިފިކޭޝަން

ޗެމްޕިއަން ފްރާންސާއި ޔޫކްރޭން އެއް ގުރޫޕަކަށް

ގަތަރުގައި 2022 ގައި ބާއްވާ ވޯލްޑް ކަޕަށް ކޮލިފައި ވުމަށް ކުޅޭ ޔޫރޯ ޒޯންގެ ކޮލިފިކޭޝަންގައި ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް، ޔޫކްރޭން އާ އެއްގުރޫޕެއްގައި ލައްވައިލައިފި އެވެ.

ރަޝިއާގައި 2018 ގައި ބޭއްވި ވޯލްޑް ކަޕް ޗެމްޕިއަންކަން ފްރާންސް ހޯދީ ފައިނަލުގައި ކްރޮއޭޝިއާ ބަލި ކުރުމަށް ފަހު އެވެ. ކުރިއަށް އޮތް ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ފްރާންސާއި ޔޫކްރޭން އާއެކު ގުރޫޕް ޑީގައި ދެން ހިމެނެނީ އަންނަ އަހަރު ބާއްވާ ޔޫރޯއަށް މުޅިން އަލަށް ކޮލިފައިވި ފިންލޭންޑް، ބްސްނިއާ ހާޒެގޮވީނާ އަދި ކަޒަކިސްތާން އެވެ. އެ ގުރޫޕްގެ ފޭވަރިޓަކީ ފްރާންސެވެ.

އެންމެ ފަހުގެ ރަނަރަފް ކްރޮއޭޝިއާ ލައްވާލީ ރަޝިއާ ދެކޮޅަށެވެ. އެ ދެ ޓީމު ހިމެނޭ ގުރޫޕް އެޗްގައި ދެން ހިމެނެނީ ސްލޮވާކިއާ، ސްލޮވޭނިއާ، ސައިޕްރަސް އަދި މާލްޓާ އެވެ. އެންމެ ފަހުގެ މުބާރާތުގެ ތިން ވަނަ ހޯދި ބެލްޖިއަމް ލައްވާލީ ވޭލްސް، ޗެކްރިޕަބްލިކް، ބެލަރޫސް އަދި އެސްޓޯނިއާ އާއެކު ގުރޫޕް އީގަ އެވެ. މިދިޔަ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރި އިންގެލެންޑާ އެއް ގުރޫޕެއްގައި ލައްވާލީ ޕޮލެންޑެވެ. އެ ދެ ޓީމާއެކު ގުރޫޕް އައި ގައި ދެން ހިމެނެނީ ހަންގޭރީ، އަލްބޭނިއާ އެންޑޯރާ އަދި ސެން މެރީނޯ އެވެ.

އެންމެ ފަހުގެ މުބާރާތުގެ ގުރޫޕް ސްޓޭޖުން ކެޓި، 2014 ވަނަ އަހަރުގެ ޗެމްޕިއަން ޖަރުމަން ލައްވާލީ ނިސްބަތުން ފަސޭހަ ގުރޫޕެއްގަ އެވެ. ގުރޫޕް ޖޭ ގައި ޖަރުމަނާއެކު ހިމެނެނީ ރޮމޭނިއާ، އައިސްލޭންޑް، މެސަޑޯނިއާ އަރުމީނިއާ އަދި ލިކްޓެންސްޓައިން އެވެ.

އެންމެ ފަހުގެ ވޯލްޑް ކަޕުން ޖާގަ ނުލިބުނު އިޓަލީ ލައްވާލީ ގުރޫޕް ސީ ގަ ސްވިޒަލޭންޑް، ނޮދާން އަޔަލޭންޑް، ބަލްގޭރިއާ އަދި ލިތުއޭނިއާއެކު އެވެ. ވޯލްޑް ކަޕުން ފުރުސަތު ނުލިބުނު މަޝްހޫރު އަނެއް ޓީމަކީ ހޮލޭންޑެވެ. ހޮލެންޑް ލައްވާލީ ތުރުކީ، ނޯވޭ އަދި މޮންޓަނީގްރޯ، ލެޓްވިއާ ގިބްރަލްޓާ އާއެކު ގުރޫޕް ޖީގަ އެވެ.

ޔޫރޯ ޒޯންގެ ކޮލިފިކޭޝަން ގުރު ލައްވާލި ގޮތް

  • ގުރޫޕް އޭ: ޕޯޗްގަލް، ސާބިއާ، ރިޕަބްލިކް އޮފް އަޔަލޭންޑް، ލަގްޒަމްބާގް، އަޒަރުބައިޖާން
  • ގުރޫޕް ބީ: ސްޕެއިން، ސްވިޑެން، ގުރީސް، ޖޯޖިއާ، ކޮސޯވޯ
  • ގުރޫޕް ސީ: އިޓަލީ، ސްވިޒަލޭންޑް، ނޮދާން އަޔަލޭންޑް، ބަލްގޭރިއާ، ލިތުއޭނިއާ
  • ގުރޫޕް ޑާ: ފްރާންސް، ޔޫކްރޭން، ފިންލޭންޑް، ބޮސްނިއާ ހާޒެގޮވީނާ، ކަޒަކިސްތާން
  • ގުރޫޕް އީ: ބެލްޖިއަމް، ވޭލްސް، ޗެކް ރިޕަބްލިކް، ބެލަރޫސް، އެސްޓޯނިއާ
  • ގުރޫޕް އެފް: ޑެންމާކް، އޮސްޓްރިއާ، ސްކޮޓްލޭންޑް، އިޒުރޭލް، ފަރޯ އައިލެންޑްސް، މޯލްޑޯވާ
  • ގުރޫޕް ޖީ: ނެދަލޭންޑްސް، ތުރުކީ، ނޯވޭ، މޮންޓަނީގުރޯ، ލެޓްވިއާ، ޖިބްރަލްޓާ
  • ގުރޫޕް އެޗް: ކްރޮއޭޝިއާ، ސްލޮވާކިއާ، ރަޝިއާ، ސްލޮވޭނިއާ، ސައިޕްރަސް، މާލްޓާ
  • ގުރޫޕް އައި: އިންގްލޭންޑް، ޕޮލެންޑް، ހަންގޭރީ، އަލްބޭނިއާ، އެންޑޯރާ، ސެން މެރީނޯ
  • ގުރޫޕް ޖޭ: ޖަރުމަން، ރޮމޭނިއާ، އައިސްލޭންޑް، މެސަޑޯނިއާ، އަރުމީނިއާ، ލިކްޓެންސްޓައިން

ޔޫރޯ ޒޯން އިން ވޯލްޑް ކަޕަށް ކޮލިފައި ވާނީ 13 ޓީމެވެ. ކޮންމެ ގުރޫޕަކުންވެސް އެއް ވަނަ ހޯދާ ޓީމު ވޯލްޑް ކަޕުން ސީދާ ޖާގަ ލިބޭނެ އެވެ. ދެން ހިމެނޭ ބާކީ ތިން ޓީމު ހޮވާނީ 10 ގުރޫޕްގެ ތެރެއިން ދެ ވަނައިގައި އެންމެ ރަނގަޅު ނަތީޖާ ހޯދި ޓީމުތަކުގެ ތެރެއިން ޕްލޭއޮފް ކުޅެގެންނެވެ.