ލައިފްސްޓައިލް

އަންހެނުންނާ އަރާރުންވެފައި ނުކުތް މީހާއަށް ޖޫރިމަނާއެއް

އިޓަލީ މީހަކު އޭނާގެ އަންހެނުންނާ ޒުވާބެއް ކުރުމަށްފަހު ރުޅިގަނޑު މައިތިރި ކުރުމަށް ހިނގަމުން ހިނގަމުން ގޮސް 280 މޭލު (450 ކިލޯ މީޓަރަށް) ހިނގި ފަހުން ފުލުހުން އެމީހާ ހުއްޓުވައި ބޮޑު ޖޫރިމަނާއެއް ކޮށްފި އެވެ. ފުލުހުން އެމީހާ ހުއްޓުވީ ކޮރޯނާވައިރަސް މައިތިރި ކުރުމަށް ލޮކްޑައުން ކޮށްފައިވާތީ ލޮކްޑައުނާ ޚިލާފުވުމުގެ ސަބަބުންނެވެ.

އިޓަލީގެ އުތުރުގައި އޮންނަ ކޯމޯގައި ދިރިއުޅޭ 48 އަހަރުގެ މި ފިރިހެންމީހާ މިހާ ދިގު ރާސްތާއެއް ފައިމަގުގައި ހިނގީ ހަފުތާއެއްގެ ތެރޭގަ އެވެ. އެހާ އިރު ހިނގިއިރުވެސް އޭނާގެ ރުޅި މައިތިރިނުވި ކަމަށް އިނގިރޭސި ވިލާތުގެ ދަ އިންޑިޕެންޑެންޓް ނޫހުގައިވާ މި ރިޕޯޓުގައި ބުނެފައި ވެއެވެ.

ހިނގާތާ ހަފުތާއެއް ވީއިރު މި މީހާއަށް ވަނީ ފާނޯ ކިޔާ ބީޗް ރިސޯޓަކާ ހަމަޔަށް ދެވިފަ އެވެ. އަދި އެޑްރިއެޓިކް ކޯސްޓްގައި އޮންނަ ރަށެކެވެ. އެހާތަނުން ފުލުހުންނަށް އެމީހާ މަގުމަތީގައި އެނބުރެނިކޮށް ފެނުނީ އެވެ. ފުލުހުންނަށް އެމީހާ ފެނުނީ ދަންވަރު 2.00 ހާއިރު އެވެ. އެހެންވެ ހިފަހައްޓައި ބޮޑު ޖޫރިމަނާއެއް ވަނީ ކޮށްފަ އެވެ.

ފުލުހުން އެމީހާއާ ސުވާލުކުރުމުން އޭނާ ދިން ޖަވާބުން ފުލުހުންނަށް ވެސް ބުނާނެ އެއްޗެއް ނޭނގިފައި ތިބެން ޖެހުނެވެ. ފުލުހުން އެމީހާގެ މައުލޫމާތު ވަގުތުން ޑާޓާބޭސް އަށް އެންޓާ ކުރުމުން އެމީހާ ދެއްކި ވާހަކަ އަކީ ތެދުކަމާއި އެ މީހާގެ އަންހެނުން އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަން އެނގުނެވެ. ކޮންމެ ގޮތެއް ވިޔަސް ލޮކްޑައުން އާ ޚިލާފުވެފައިވާތީ އެމީހާ 450 ޑޮލަރުން ޖޫރިމަނާ ކުރި އެވެ.

އިޓަލީގެ ނޫހެއްގައިވާ ޚަބަރެއް ބުނާ ގޮތުން އެހާ ގިނައިރު އެހާ ދިގު ރާސްތާއަކަށް ހިނގުނުކަން އެމީހާއަށް ނުވެސް އެނގޭ ކަމަށް ފުލުހުން ކައިރީ އެމީހާ ބުންޏެވެ. އަދި އޭނާ މަގުމަތީގައި ހިނގުމުގައި ހޭދަކުރި ވަގުތުތަކުގައި ކައިބޮއި ހެދީ ދިމާވި މީހުން ފޯރުކޮށްދިން އެއްޗެތި ކަމަށް ވެސް އެމީހާ ބުންޏެވެ.

"އަހަރެންގެ ހާލު ރަނގަޅު. އަހަރެން މިހިރީ ކުޑަކޮށް ވަރުބަލިވެފައި،" ފުލުހުން ކައިރީ އެމީހާ ބުނެފައި ވެއެވެ.

ފުލުހުން ވަނީ އެމީހާ ހޮޓަލަކަށް ގެންގޮސް އެތަނުގައި ހުރެވޭނެ އިންތިޒާމާއި ކެއިން ބުއިމުގެ އިންތިޒާމްތައް ހަމަޖައްސައިދީފަ އެވެ. އޭގެ އަނެއް ދުވަހު އެމީހާގެ އަންހެނުން ކާރުގައި އޭނާ ބަލާ އެ ހޮޓަލަށް އައިސް އެމީހާ ގެންދިޔައީ އެވެ.

މި މީހާގެ ވާހަކަ ސޯޝަލް މީޑިއާގައި ވައިރަލް ވުމުން "އިޓަލީގެ ފޮރެސްޓް ގަމްޕް"ގެ ނަން މީހުން އެމީހާއަށް ދިނެވެ. އަދި އެހާ ދިގުދަތުރެއް އެމީހާ ފައިމަގުގައި ކަޑައްތުކުރިއިރު އޭގެ ކުރިން ފުލުހުން އެމީހާ ނުހުއްޓުވީތީ ގިނަބަޔަކު ސުވާލު އުފެއްދި އެވެ.
ކޮރޯނާވައިރަސް ކޮންޓްރޯލްކުރުމުގެ ގޮތުން އިޓަލީގެ ހުރިހާ ރަށެއްގައިވެސް ރޭގަނޑު 10.00 އިން ފަތިހު 5.00 އަށް އޮންނަނީ ކާފިއު ހިންގާފަ އެވެ.