ވިޔަފާރި

މޯލްޑިވިއަން އިން އެތެރޭގެ އުދުހުމަށް ނަގާ އޮންލައިން ޓިކެޓުން ޑިސްކައުންޓް

Dec 8, 2020

މޯލްޑިވިއަން އިން އެތެރޭގެ އުދުހުން ތަކަށް އޮންލައިންކޮށް ޓިކެޓު ނެގުމުން 10 ޕަސެންޓުގެ ޑިސްކައުންޓް ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަން މެނޭޖަރު މޫސާ ވަސީމް އަވަސް އަށް ވިދާޅުވި ގޮތުގައި އޮންލައިންކޮށް، އެ ކުންފުނީގެ ވެބް ސައިޓުންނާއި މޮބައިލް އެޕްލިކޭޝަނުން ޓިކެޓު ނެގުމުން 10 ޕަސެންޓުގެ ޑިސްކައުންޓާއެކު ޓިކެޓު ލިބޭނެ އެވެ. މިއީ ހާއްސަ ޕްރޮމޯޝަނެކެވެ.

"މި ޕްރޮމޯޝަން ފެށުމުގެ މަގުސަދަކީ ފަސޭހަ ލުއި ގޮތްތަކެއް ހޯދައި ދިނުން. މިގޮތަށް ޓިކެޓު ނެގީމަ ޓިކެޓު ހޯދަން ނުގޮސް ފަސޭހައިން ލިބޭނެ. ކޭޝް ލެސް ވާނެ،" ވަސީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު އެތެރޭގެ އުދުހުން ތަކަށް އޮތް ޑިމާންޑު ވެސް މަތިވަމުން އަންނަ ކަމަށެވެ.

"އަލަަށް އުދުހެން ފެށި ހޯރަފުށި އެއާޕޯޓަށް ވެސް ރަނގަޅު ޑިމާންޑެއް އެބައޮތް. އެހެން ސެކްޓާ ތަކަށް ވެސް ޑިމާންޑް އެބައޮތް،" ވަސީމް ވިދާޅުވި އެވެ.

މި ޕްރޮމޯޝަންގައި ޓިކެޓު ވިއްކާނީ އެތެރޭގެ އުދުހުން ތަކަށް އެކަންޏެވެ. އަދި މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ މި މަހުގެ 15 އިން އަންނަ ޖެނުއަރީގެ ނިޔަލަށް ޓިކެޓު ނަގާ ފަރާތްތަކަށެވެ.