ވިޔަފާރި

މިދިޔަ އަހަރު ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ 8.8 ޕަސެންޓް އިތުރުވެއްޖެ

Jan 12, 2015

މިދިޔަ އަހަރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ 8.8 ޕަސެންޓް އިތުރުވެއްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު މީރާއަށް 11.48 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް 3013 ވަނަ އަހަރު މީރާއަށް ލިބިފައިވަނީ 8.98 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު ގާތްގަނޑަކަށް 27.8 ޕަސެންޓް އިތުރު އަދަދެކެވެ.

މިދިޔަ އަހަރު ލިބުނު އާމްދަނީ އިތުރުވެފައިވާ ސަބަބުތަކުގެ ތެރޭގައި އެއާޕޯޓް ސާވިސް ޗާޖް ނެގޭ ރޭޓް ބޮޑުވުމާއި، މުވާސަލާތީ ހިދުމަތުން ޖީއެސްޓީ ނަގަން ފެށުމާއި، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ އަލުން ނަގަން ފެށުން ހިމެނެ އެވެ. މީގެ އިތުރުން، މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު އިތުރުވުމާއި، އިގްތިސާދު ކުރިއެރުމުގެ ސަބަބުން އާމްދަނީއަށް ހެޔޮ ބަދަލު އައިސްފައިވާ ކަމަށް މީރާއިން އަންދާޒާ ކުރެ އެވެ.

މިދިޔަ އަހަރު ލިބޭނެ ކަމަށް ކުރިން އަންދާޒާ ކުރި އާމްދަނީ އިތުރިވިއިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެކަނިވެސް ދައުލަތަށް ބިލިއަނެއްހާ ރުފިޔާ ލިބިފައިވެ އެވެ. ޑިސެންބަރު މަހުގެ އާމްދަނީގެ ގޮތުގައި 999.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދައުލަތަށް ލިބުނު އާމްދަނީއަކީ 2013 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި ލިބުނު އާމްދަނީއަށްވުރެ 31.6 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މީގެ ތެރެއިން ޑޮލަރުން ލިބޭ އާމްދަނީގެ ގޮތުގައި ވެސް 51.1 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެ އެވެ.