އަބްދުﷲ ޝާހިދު

ބައެއް ގައުމުތަކުގެ ސަފީރުންނާއި ބައްދަލުކޮށްފި

Dec 8, 2020

ދެކުނު އެމެރިކާ އަދި އިރުމަތީ ޔޫރަޕްގެ ބައެއް ގައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރައްވައިފި އެވެ.

ވާޗުއަލްކޮށް ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ކިއުބާ އަދި މެކްސިކޯއިން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންގެ އިތުރުން ސާބިއާ އަދި އާޖެންޓީނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޑިޕްލޮމެޓިކް މިޝަންތައް ހިންގުމާ ހަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދުއާއި ސަފީރުން ވަނީ ކޮވިޑް-19 އާ ގުޅޭ ގޮތުންނާއި، ބައިލޭޓަރަލް އަދި މަލްޓިލޭޓަރަލް ގުޅުންތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

މިއަދުގެ މި ބައްދަލުވުމަކީ ބޭރު ގައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބުންނާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މިނިސްޓަރު އަބްދުﷲ ޝާހިދު އިސްނަންގަވައިގެން ބާއްވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެކެވެ. މި ސިލްސިލާގެ ދަށުން މީގެ ކުރިންވެސް އެކި ސަރަހައްދުތަކުގެ ގައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއެކު ޝާހިދު ވަނީ ވާޗުއަލް ބައްދަލުވުންތައް ބާއްވަވާ، މަޝްވަރާތައް ކުރައްވާފައެވެ.