މަސްތުވާތަކެތި

ބޮޑު އޮޕަރޭޝަންގައި 71 ކިލޯގެ ޑްރަގް އަތުލައިގެންފި

ޑްރަގް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް އަދި މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގަައި 71 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ޑްރަގް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް އަދި މެރިން ޕޮލިސް ގުޅިގެން ކަނޑުމަތީ ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަންގައި 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގެ ތެރެއިން ފަރީދީ މަގުގައި ޕާކުކޮށްފައި އޮތް ކާރެއްގެ ތެރެއިންވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ހޯދާފައެވެ. ފުލުހުން ބުނީ މަސްތުވާތަކެތި ހުރީ ދެ ގޯންޏެއްގެ އިތުރުން ދެ ލަގެޖެއްގައި ކަމަށެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަދަދު 71 ކިލޯއަށް އަރާ ކަމަށް ފުލުހުން ބުންޏެވެ. މި އޮޕަރޭޝަން އަދިވެސް ދަނީ ކުރިއަށެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވީ ކަނޑާއި އެއްގަމުގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ގެންދަނީ ބޮޑެތި އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މީގެ ކުރިން ކަނޑުމަތީ ހިންގި އޮޕަރޭޝަނެއްގައި 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ. އަދި ހުޅުމާލެ ފަޅުތެރޭ އޮތް ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެތިވެސް އަތުލައިގަތެވެ. މަސްތުވެގެން މީހުން ތިބޭ އައްޑާތަކަށް އަމާޒުކޮށްވެސް ފުލުހުން ބޮޑު އޮޕަރޭޝަނެއް ފެށިއެވެ. އެ އޮޕަރޭޝަން މިވަގުތު ވަނީ މެދުކަނޑާލާފައެވެ.