ސަބްމެރީން އުފައްދަން ބޭނުންވާ ބައިތަކެއް، ތުރުކީ އަށް ވިއްކަން ޖަރުމަނުން މަސައްކަތްކުރުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ގުރީކުން ބުނެފި އެވެ. ބޮޑު ވަޒީރު ކިރިއަކޮސް މިޓްސޯޓަކިސް ވިދާޅުވީ މި ހަފުތާއި އޮންނަ ޔޫރަޕިއަން ކައުންސިލް ބައްދަލުވުމުގައި ވެސް ޝަކުވާކުރައްވާނެ ކަމަށެވެ.
ކިރިއަކޮސް މިޓްސޯޓަކިސް ވިދާޅުވީ، ތުރުކީ އަށް ވިއްކާ ހަތިޔާރު ބޭނުންކޮށް ޔޫރަޕިއަން ޔޫނިއަން މެންބަރު ގައުމުތަކަށް ވެސް ތުރުކީން ހަމަލާދީފާނެ އެވެ.
ގުރީކުން އެންމެ ބޮޑަށް ކަންބޮޑުވަނީ ތުރުކީން ގަންނަން އުޅޭ ޖަރުމަނުގެ ޓީ-214 މަރުކާގެ ސަބްމެރީންތަކެވެ. ޖަރުމަނާ އެކު ތުރުކީން ހަދާފައި އޮތް އެއްބަސްވުމުގައި، ސަބްމެރީން އުފައްދަން ބޭނުންވާ ބައިތައް ޖަރުމަނުން ފޯރުކޮށްދޭނެ އެވެ. އެއީ ތުރުކީގައި ސްބްމެރީން އުފެއްދުމަށެވެ. ކިރިއަކޮސް މިޓްސޯޓަކިސް ވިދާޅުވާ ގޮތުގައި ޖަރުމަނުން ހަ ސަބްމެރީނެއްގެ ބައިތައް ތުރުކީ އަށް ވިއްކާނެ އެވެ.
ތުރުކީ އަށް ހަތިޔާރު ވިއްކުމަކީ ޔޫރަޕިއަން ޔޫނިއަނުން ވެސް ކަންބޮޑުވާ ކަމެކެވެ. އެހެން ނަމަވެސް، ޖަރުމަނާ ސްޕޭނުން މިކަމާ ދެކޮޅު ހަދަ އެވެ. އެއީ އިގުތިސޯދީ ގޮތުން ލިބެން އޮތް މަންފާއެއް ގެއްލިދާނެ ކަމަށް ބިރުންނެވެ.
ގުރީކުން ބުނީ ޖަރުމަނުގައި އުފައްދާ މިލިޓަރީ އާލާތްތައް ތުރުކީ އަށް ނުވިއްކައި ފަރުޖެއްސިދާނެ ކަމަށެވެ. މީގެ ކުރިން ވެސް މިކަހަލަ މުއާމަލާތްތައް ހުއްޓާލާފައި އެބަ ހުރި ކަމަށެެވެ. އެގޮތުން ރަޝިއާ އަށް ވިއްކަން އުޅުނު "މިސްޓްރަލް-ކްލާސް" ހެލިކޮޕްޓަރު އުފުލާ ދެ މަނަވަރު ވެސް ވަނީ ކެންސަލްކޮށްފައި ކަމަށެވެ. އެއީ ރަޝިއާ އިން ކްރައިމިއާ އަށް އަރައިގަތުމުންނެވެ.
ރަޝިއާ އިން މި ދެ މަނަވަރަށް އޯޑަރުކުރީ 2010 ގަ އެވެ. ކްރައިމިއާ މައްސަލާގައި ފްރާންސުން މި އޯޑަރު 2015 ގައި ކެންސަލްކުރި އެވެ. އެކަމަކު ފަހުން މި ދެ މަނަވަރު 1.2 ބިލިއަން ޔޫރޯ އަށް މިސްރަށް ވިއްކާލި އެވެ.
ޖަރުމަނާ ސްޕޭނުން ވެސް މިލިޓަރީ ސާމާނާއި އުޅަނދު، ތުރުކީ އަށް ސަޕްލައިކޮށްދެ އެވެ. ތުރުކީ އަށް ހަތިޔާރު ވިއްކުން ހުއްޓުވަން ބައެއް ގައުމުތަކުން އެދުނު ނަމަވެސް، ހިނގައިނުގަނެގެން އުޅެނީ ހަތިޔާރު އުފެއްދުމަކީ މާލީ ތަނަވަސްކަމަށްޓަކައި އީޔޫ މެންބަރު ގައުމަތަކުން ކުރާ ވިޔަފާރިއަކަށް ވާތީ އެވެ.