މީގެ ދެ ހަފުތާއެއް ކުރިން ސޯޝަލް މީޑިއާގައި ވައިރަލްވީ ވީޑިއޯއެއްގައި ކުޑަ ކުއްޖަކު އޭނާގެ ބޯކޮށާތީ ހިތްހަމަ ނުޖެހިގެން ބޯކަށާ މީހާއަށް ރުޅިދައްކާތަން ފެނެ އެވެ.
"ދާދާ ތިހެން ނަހަދާށޭ. ތިހެން ނަހަދަބަލަ" ކިޔާފައި އެ ކުއްޖާ ރުޅި އައިސްގެން އުޅޭ ތަން ވީޑިއޯގައި ފެނެ އެވެ. މި ކުއްޖާ ލޯބިކަމުން ވަރަށް ގިނަ ބަޔަކު މި ވީޑިއޯ ބަލާފައި މަޖާ ވެގެން އުޅުނެވެ. މިހާރު އިންޑިޔާގެ މުމްބާއިގެ ފުލުހުން ވެސް މި ކުއްޖާގެ ވީޑިއޯ ބޭނުން ކޮށްގެން މީހުން ހޭލުންތެރި ކުރުވުމުގެ މަސައްކަތްތައް ވަނީ ފަށާފަ އެވެ.
މި ކުއްޖާ ދައްކާ ވާހަކަ ތަކަކީ މާސްކް ނާޅާ މީހުންނަށް އެކަމުގެ ހޭލުންތެރި ކުރުވުމަށް ދޭ މެސެޖެއްގެ ގޮތުގައި ފުލުހުން ތައްޔާރު ކޮށްފައިވާ މީމްގައި ދައްކާފައި ވެއެވެ.
ފުލުހުންގެ އިންސްޓަގްރާމްގެ މި ވީޑީއޯ އާއި މާސްކް އެޅުމުގެ މުހިއްމުކަމާ ބެހޭ މެސެޖު ޝެއާ ކޮށްފައި ވަނީ ކުއްޖާގެ "ލޯބި" ކަމުން މި ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބޭނެތީ ކަމަށް ބެލެވެ އެވެ.
އިންޑިޔާގެ ގިނަ ބަޔަކު މިހާރު ގެއިން ނުކުންނައިރު މާސްކް ނާޅާތީ އާއި އެކަމަށް ފަރުވާ ކުޑަކުރާތީ މި ވައިރަލް ވީ ވީޑިއޯ އާއެކު ފުލުހުން ވަނީ މާސްކް އެޅުމަށް ހޭލުންތެރިކުރުވުމުގެ މެސެޖެއް ޝެއާ ކޮށްފަ އެވެ.
އަސްލު ވީޑީއޯއިން ފެންނަ ކުޑަ ކުއްޖާ އަކީ އަންޝުރަތު ނަމަކަށް ކިޔާ ވަރަށް ކުޑަ އަދި ވަރަށް ލޯބި ކުއްޖެކެވެ. މި ވީޑިއޯ ވައިރަލްވެ އެތައް މިލިއަން ބަޔަކު ވީޑިއޯ ބަލައި ކޮމެންޓުތައް ކޮށްފައި ވެއެވެ. އިންޑިޔާގެ ބައެއް ފިލްމީ ތަރިން ވެސް މި ވީޑިއޯ ޝެއާ ކޮށް ވީޑިއޯއަށް ކޮމެންޓުކޮށްފައި ހުއްޓެވެ.
ވީމާ ގިނަ ބައެއްގެ ސަމާލުކަން ލިބުނު އަދި ލިބޭ ވީޑިއޯ އަކަށް މި ވީޑިއޯ ވެފައި ވާތީ ވީޑިއޯ ބޭނުންކޮށްގެން މާސްކް އެޅުމަށް ހޭލުންތެރިކުރުވުން މުމްބައި ފުލުހުން ނިންމީ އެވެ.