ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޔޫކޭގައި ދެވަނައަށް ވެކްސިން ޖެހީ ވިލިއަމް ޝެކްސްޕިއާ!

ފައިޒާ / ބައޯއެންޓެކުން ކޮވިޑް-19 އިން ދިފާއުވުމަށް ތައްޔާރުކޮށްފައިވާ ވެކްސިން އިނގިރޭސި ވިލާތުގައި ޖަހަން ފަށާފައިވާއިރު މި ވެކްސިން ޖެހި ފުރަތަމަ މީހަކީ 90 އަހަރުގެ ނޯދާން އައިލެންޑް އަންހެނެކެވެ. އަދި ދެ ވަނަ ވެކްސިން ޖަހާފައިވަނީ ވިލިއަމް ޝެކްސްޕިއާ ކިޔާ މީހެއްގެ ގަޔަށެވެ.

މި މީހާގެ ގަޔަށް ވެކްސިން ޖަހައިގެން ދުނިޔޭގެ ސަމާލުކަން އެހާ ބޮޑަށް ލިބުނީ އޭނާއަށް ކިޔާ ނަމުގެ ސަބަބުންނެވެ. ވަރަށް ގިނަ ބަޔަކު މި ޚަބަރު ކިޔާފައި މަޖާ ވެގެން އުޅުނީ އެ މީހާއަށް ވިލިއަމް ޝެކްސްޕިއާ ކިޔާތީ އެވެ.

ޝެކްސްޕިއާ، 81، ބުނީ ވެކްސިން ޖަހައިގެން އެމީހުންގެ ދިރިއުޅުމަށް ތަފާތެއް ގެނެވިދާނެ ކަމަށް އޭނާ ޔަގީން ކުރާ ކަމަށެވެ. މި މީހާގެ ގަޔަށް ވެކްސިން ޖެހިތާ މާ ގިނައިރުތަކެއް ނުވެ "ޝެކްސްޕިއާ ގަޔަށް ކޮވިޑް ވެކްސިން ޖަހައިފި" ކަމަށް ބުނެ ބީބީސީ ބްރޭކިން ނިއުސް އެރުވި އެވެ.

ހޮސްޕިޓަލުގެ ހެދުމުގައި ރަތް އިސްޓާކީނަކަށް އަރައިގެން އިން ޝެކްސްޕިއާގެ ގަޔަށް ވެކްސިން ޖަހައދިން ނާސް މޭ ޕާސަންސް ބުނި ގޮތުގައި ވެކްސިންގެ ސަބަބުން މީހުންގެ ދިރިއުޅުން އާދައިގެ ހާލަތަކަށް ބަދަލުވާނެ ކަމުގެ ޔަގީންކަން އޭނާއަށް އެބައޮތެވެ.

ފައިޒާ / ބައޯއެންޓެކްގެ ވެކްސިން އަކީ ދުނިޔޭގައި މިހާރު އުފައްދާ އެކި ޓްރަޔަލް މަރުހަލާތަކުގައި އުޅޭ އެތައް ވެކްސިނެއްގެ ތެރެއިން ގިނަ ބަޔަކު އެންމެ އިތުބާރުކުރާ ވެކްސިން އެވެ.

މިއީ ޖަރުމަނުގައި ދިރިއުޅޭ ތުރުކީގެ މުސްލިމް ދެމަފިރިއެއްގެ އެތައް އަހަރެއްގެ ތަޖުރިބާގެ އަލީގައި އުފައްދާފައިވާ ވެކްސިން އެކެވެ.
ފާއިތުވީ 30 އަހަރުއްސުރެ ކެންސަރަށް ވެކްސިން އެއް ހޯދުމުގެ މަސައްކަތް މި ދެމަފިރިން ދަނީ ކުރަމުންނެވެ. ކޮވިޑަށް ވެކްސިން ތައްޔާރު ކޮށްފައި ވަނީ އަވަހަށް އަދި އެކަށީގެންވާ ރަނގަޅު ފައިދާއެއް ލިބޭ ގޮތަކަށް ވެކްސިން އުފެއްދުމަށް މުޅިން އާ ޓެކްނޮލޮޖީއެއްގެ އެހީގައި އެ ދެމަފިރިން ކުރަމުންދާ މަސައްކަތް އަސްލަކަށް ބަލައިގެންނެވެ.