އެމެރިކާގެ ސްކޫލެއްގައި ކިޔަވައިދޭ ޓީޗަރަކު އައިސްލެންޑަށް ކުރި ދަތުރުން އެއްވެސް އުފަލެއް ހާސިލު ނުވެ ނިންމާލަން ޖެހިއްޖެ އެވެ. އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްކަން އެނގުނީ އައިސްލެންޑަށް ދާން ދަތުރުކުރި ފްލައިޓް ތެރޭގައި އިންދަ އެވެ.
އެކަން އެނގުމުން ފްލައިޓްގައި ދެން ތިބި މީހުން ނުރައްކަލަށް ހުށަހެޅިދާނެތީ ވަގުތުން އޭނާ ގޮސް ބޯޓުގެ ފާޚާނާއަށް ވަދެ ތަޅުލީ އެވެ. އަދި ބޯޓު އެއާޕޯޓުގައި ޖެއްސުމާ ދޭތެރޭ ހޭދަވި ފަސް ގަޑިއިރު އޭނާ އިނީ އެ ފާޚާނާ ތެރޭގަ އެވެ.
މަރީސާ ފޮޓީއޯ ނަމަކަށް ކިޔާ މި މީހާ ބަލިވާން ފެށީ ވެސް ފްލައިޓް ތެރޭގައި އިންދަ އެވެ. އޭނާގެ ބަލީގެ އަލާމާތްތަކަކީ ކޮވިޑް ކަން ޔަގީންކުރަން އޭނާ ރެޕިޑް ޓެސްޓް ހެދީ އަމިއްލައަށެވެ. އަދި ޓެސްޓުގެ ނަތީޖާ ދެއްކީ އޭނާ ކޮވިޑަށް ޕޮޒިޓިވް ކަމަށެވެ.
"އަހަރެން މާ ބޮޑަށް ބަލިވާން ފެށުމުން ރެޕިޑް ޓެސްޓް ހިފައިގެން ފާޚާނާއަށް ގޮސް ޓެސްޓްކުރީ. ވަގުތުން ޓެސްޓް ޕޮޒިޓިވް ކަމަށް ނަތީޖާ ދެއްކި،" އެމެރިކާ ނޫހަކަށް ދިން އިންޓަވިއުއެއްގައި ފޮޓިއޯ ބުންޏެވެ.
އޭނާގެ އަތުގައި އޮތް ފޯނުން އެ ވާހަކަ ވަގުތުން އޭނާ އެންމެންނަށް އެންގި ކަމަށާއި ބޯޓަށް އޭނާ އެރީ ވެސް ދެ ފަހަރަށް ޕީސީއާރް ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ކޮށް ދެއްކުމުން ކަމަށް ފޮޓިއޯ ބުންޏެވެ.
ނަމަވެސް އެއާޕޯޓަށް ދާން ނުކުންއިރު ވެސް ކަރުގައި ކުޑަކޮށް ރިއްސާތީ އެޓް-ހޯމް ޓެސްޓް ކިޓް އެއް ގަނެގެން ދިޔައީ ކަމަށް އޭނާ ބުންޏެވެ.
އެއީ ވަރަށް އާދައިގެ ޓެސްޓް ކިޓަކަށް ވާތީ އޭގެން ފޯލްސް ޕޮޒިޓިވް ވެސް ދައްކަފާނެ ނޫންހޭ ނޫސްވެރިއަކު ސުވާލު ކުރި އެވެ. ޖަވާބުގައި ފޮޓިއޯ ބުނި އެއީ ވެސް ވެދާނެ ކަމެއް ކަމަށެވެ. ނަމަވެސް އެހެން މީހަކަށް އޭނާގެ ފަރާތުން ބަލި އެރުމުގެ ފުރުސަތު ވީހާވެސް ކުޑަ ކުރުމަށް ހުރިހާ ވަގުތެއްގައި ފާޚާނާ ތެރޭ ބަންދު ވެގެން އިނީ ކަމަށެވެ.
އަދި ބޯޓު ޖެއްސުމުން އެއާޕޯޓަށް ފައިބައި އަލުން ހެދި ޕީސީއާރް ޓެސްޓް ދެއްކީ ޕޮޒިޓިވްކޮށް ކަމަށް ފޮޓިއޯ ބުންޏެވެ.
އެންބީސީ ނިއުސް އާ ވާހަކަ ދައްކަމުން ފޮޓީއޯ ބުނީ ފާއިތުވީ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު އޭނާ އައިސްލެންޑަށް ދިއުމަށް އެރި ފްލައިޓުގައި ދަތުރުކުރާތާ އިރުކޮޅެއް ފަހުން އޭނާގެ ކަރުތެރެއަށް ތަދުވާން ފެށި އެވެ. އެހެންވެ އަވަހަށް ފާޚާނާއަށް ވަދެ ޓެސްޓްކޮށް ޕޮޒިޓިވްކަން އެނގުމުން ފާޚާނާގައި ފަސް ގަޑިއިރު ވަންދެން އިނީ އެވެ.
ފޮޓިއޯ ބުނި ގޮތުގައި އެ ހުރިހާ އިރަކު އޭނާއަށް އެހީތެރިވީ އައިސްލެންޑް ފްލައިޓުގައި ހުރި ފްލައިޓް އެޓެންޑެންޓެކެވެ. އޭނާ އަހަންނަށް އިރުއިރުކޮޅާ ކާނެ ބޯނެ އެއްޗެތި ގެނެސްދީ އަހަރެންގެ ހާލު ބަލަމުން ގެންދިޔަ،" ފޮޓިއޯ ބުންޏެވެ.