ކޮވިޑް-19ގެ ހާލަތުގައި ދުނިޔޭގެ ގިނަ ގައުމުތަކެއްގެ މީހުންނަށް މާސްކް އަޅައިގެން އުޅެން ވަނީ މަޖްބޫރުވެފަ އެވެ. ނަމަވެސް މި ގަވާއިދާ ޚިލާފަށް ގިނަ ބަޔަކު އުޅެމުން ދެއެވެ. އަދި ގަވާއިދާ ޚިލާފަށް އުޅެމުންދާ މީހުންނަށް އަދަބު ލިބޭ ތަނެއް ވެސް ނުފެނެ އެވެ.
ގިނަ ބަޔަކު ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތާ އުޅޭއިރު ގަވާއިދަށް އުޅޭ މީހަކު ކުޑަކުޑަ ހިނދުކޮޅަކަށް މާސްކް ތިރިކޮށްލުމުން ބޮޑު ޖޫރިމަނާއެއް ކުރުމަކީ އެހާ އިންސާފުވެރި ގޮތެއް ކަމަކަށް ނުބެލެވެ އެވެ.
އިނގިރޭސި ވިލާތުގެ މި ފިރިހެން މީހާ އަށް ދިމާވީ މިފަދަ ގޮތެކެވެ. ޔޫކާގެ ކްރިސްޓޮފާ އޯޓޫލޭ ބުނި ގޮތުގައި ޕްރެސްކޮޓްގައި ހުންނަ ބީއެންޑަބްލިޔު ފިހާރައަކަށް އޭނާ ވިޔަފާރިކުރަން ގޮސް ހުރީއިރު ހުރީ މާސްކް އަޅައިގެންނެވެ. ނަމަވެސް އެތަނުގައި އުޅެނިކޮށް ކުއްލިއަކަށް އޭނާއަށް އުނދަގޫތަކެއް ވާން ފެށުމުން ކުޑަ އިރުކޮޅަކަށް މާސްކް ތިރިކޮށްލިތަނާ ފުލުސް އޮފިސަރަކު އައިސް އޭނާ ހިފެހެއްޓީ އެވެ.
ކްރިސްޓޮފާ ބުނާ ގޮތުން މާސްކް ތިރިކޮށްލުމާ ފުލުސް އޮފިސަރު އައުމާ ދޭތެރޭ ވަނީ 16 ވަރަކަށް ސިކުންތެވެ. ޕޮލިސް އޮފިސަރު އައިސް އޭނާގެ ނަން މާސްކް ނާޅާ ހުރި މީހެއްގެ ގޮތުގައި ނޯޓު ކުރީ ކަމަށް ކްރިސްޓޮފާ ބުންޏެވެ.
މި ކަމެއް ހިނގީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެ ދުވަސްވަރަކީ ޔޫކޭގައި މާސްކް އެޅުން މަޖްބޫރުކޮށްފައި އޮތް ދުވަސްވަރެކެވެ. އަދި މާސްކް ނާޅާ މީހުން ޖޫރިމަނާ ކުރި ދުވަސްވަރެކެވެ.
އިނގިރޭސި ވިލާތުގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ކްރިސްޓޮފާ ބުނީ މާސްކް އަޅައިގެން އުޅުމަކީ އޭނާ ދެކޮޅުހަދާ ކަމެއް ނޫނެވެ. ނަމަވެސް އެ ދުވަހު މާސްކް އިރުކޮޅަކަށް ތިރިކޮށްލެވުނީ ސިއްހީ މައްސަލަތަކެއް ދިމާވެގެންނެވެ.
އޭގެ ދުވަސްކޮޅެއް ފަހުން ކްރިސްޓޮފާ އަށް ކްރިމިނަލް ރެކޯޑްސް އޮފީހުގެ ލިޔުމެއް ލިބުނެވެ. އޭގައި ވަނީ އޭނާ މާސްކް ނާޅާ އުޅުމުގެ ސަބަބުން 100 ޕައުންޑުން ޖޫރިމަނާ ކޮށްފަ އެވެ. ކަންވީގޮތް އޮޅުން ފިލުވައިދީ އޭނާ ކަމާ ބެހޭ އިދާރާތަކަށް އީމެއިލް އެއް ފޮނުވުމަށްފަހު ޖޫރިމަނާ ނުދައްކާ ހުރީ އެވެ. އޭގެ ފަހުން އަނެއްކާ އޭނާއަށް އިތުރު ސިޓީއެއް ލިބުނެވެ. އެ ސިޓީގައިވަނީ ޖޫރިމަނާ ފައިސާ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާ 2000 ޕައުންޑަށް އިތުރުވެފައިވާ ކަމަށެވެ.
ފުރަތަމަ ސިޓީ އާއި ދެވަނަ ސިޓީއާ ދެމެދު ހަތަރު މަހެއްހާ ދުވަސް ވީކަމަށާއި ދެވަނަ ސިޓީގައި އޮތީ ވަގުތުން 2000 ޕައުންޑުގެ ޖޫރިމަނާ ދެއްކުމަށް ކަމަށް ވެސް ކްރިސްޓޮފާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި އޭނާއަށް މަހަކު ލިބޭ މުސާރަ އެއްކޮށް ދިނަސް 2000 ޕައުންޑު ހަމަ ނުކުރެވޭނެ ކަމަށެވެ.
"އަހަރެން އަނެއްކާ އީމެއިލް ކުރިން އެމީހުންނަށް މި ވާހަކަތައް ބަޔާންކޮށް. އެހިސާބުން އެނގުނީ އަހަންނަށް އެންގުމަކާ ނުލައި މައްސަލަ ކޯޓަށް ފޮނުވާފައިވާކަން،" ކްރިސްޓޮފާ ބުންޏެވެ.
މިހާރު ކްރިސްޓޮފާ ދަނީ ކޯޓުގައި އޭނާގެ ކުށެއް ނެތްކަން ސާބިތުކޮށްދޭން މަސައްކަތް ކުރަން ތައްޔާރުވަމުންނެވެ.