ވިޔަފާރި

ސަސްގެ ކޯ ސްޕޮންސަރުގެ ގޮތުގައި އެލްބިއަން

ފުރަތަމަ ޑިވިޝަންގައި މުޅިން އަލަށް ވާދަ ކުރަން ތައްޔާރު ވަމުން އަންނަ ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބު (ސަސްޕަޓީސް) ގެ ކޯ ސްޕޮންސަރެއްގެ ގޮތުގައި އެލްބިއަން ސްޓޯރ ހަމަޖައްސައިފި އެވެ.

ރާއްޖޭގެ އެންމެ މަޝްހޫރު ހާޑްވެއާ އައުޓްލެޓްސް އެލްބިއަން އަކީ ސަސްގެ ކޯ ސްޕޮންސަރެއްގެ ގޮތުގައި ހަމަޖެހިގެން ދިޔަ ދެ ވަނަ ބުރޭންޑެވެ. އެ ޓީމުގެ ކޯ ސްޕޮންސަރެއްގެ ގޮތުގައި އެންމެ ފުރަތަމަ ހަމަޖެހިގެން ދިޔައީ ދިވހި އަތުކުރި ގަޑިގެ ބްރޭންޑް މޯލްޑިވްސް ވޭވް އެވެ. ސަސްގެ މެއިން ސްޕޮންސަރަކީ ވިޔަފާރި ބުރޭންޑް ފަތަހަ އެވެ.

މިދިޔަ ސީޒަންގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައި، ފުރަތަމަ ޑިވިޝަނަށް ކޮލިފައިވި ސަސް، ދިވެހި ޕްރިމިއާ ލީގްގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ އާދިއްތަ ދުވަހު ނުކުންނާނީ ކުލަބު އީގަލްސް އާ ދެކޮޅަށެވެ.

ފުރަތަމަ ޑިވިޝަންގައި ކުޅުނު ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ގިނަ ކުޅުންތެރިންނާއެކު ސަސް ވަނީ ރަނގަޅު ޓީމެއް އެކުލަވާލާފަ އެވެ. އެ ކުލަބުގެ އަމާޒަކީ ގަދަ ހައެއްގެ ތެރެއަށް ވަނުމެވެ.

އެ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ މީގެ ކުރިން ފުރަތަމަ ޑިވިޝަންގައި މަސައްކަތް ކުރި ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗް އަހްމަދު ނާޝިދު (ނާދު) އެވެ. އޭނާގެ އެސިސްޓެންޓްގެ ގޮތުގައި މަސައްކަތް ކުރާނީ ދެ ވަނަ ޑިވިޝަންގައި ދަ ގުރާންޑޭ އަދި ކުލަބު ޕީކޭއަށް ކުރިން ކޯޗްކޮށް ދިން 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗް ފަރީދު މުހައްމަދު (ފަރިއްޓޭ)، ކުރިން ނިއު ރޭޑިއަންޓާއި ޔުނައިޓެޑް ވިކްޓަރީ އަދި ސީނިއާ ގައުމީ ޓީމުގެ ގޯލް ކީޕަރު ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި ހަސަން ހަމީދު (ޑަކޭ) އެވެ.