ހިޔާ މަޝްރޫއު

ހިޔާ މަޝްރޫއު: ދާއިމީ ލިސްޓް މި މަހު

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ މީހުންގެ ދާއިމީ ލިސްޓް މި މަހުގެ ނިޔަލަށް ފައިނަލް ކުރެވޭތޯ މަަސައްކަތް ކުރަމުން ގެންދާ ކަމަށް ސަރުކާރުން އުފައްދާފައިވާ ފްލެޓް ކޮމެޓީން ބުނެފި އެވެ.

ހިޔާ ފްލެޓްތަކާއި ގުޅޭގޮތުން ޝަކުވާތައް ފުނިޖެހިފައިވާއިރު ރައީސް އޮފީހުގައި ފްލެޓް ކޮމެޓީން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލްވުމެއް ބާއްވާފައެވެ. ކުރީ ސަރުކާރުން އިމާރާތް ކުރި ހިޔާ ފްލެޓްތަށް ލިބޭނެ މީހުން އެ ސަރުކާރުން ކަނޑައަޅާ ލިޔުން ދިން ނަމަވެސް އެއީ އިންސާފުން ކޮށްފައިވާ ކަމެއް ނޫން ކަމަށް މި ސަރުކާރުން ދެކެއެވެ. އެހެން ކަމުން އިންސާފުވެރި ކޮށް ފްލެޓް ދިނުމަށް ފްލެޓް ކޮމެޓީ އެއް އުފައްދާ މަސައްކަތް ވަނީ ފަށާފައެވެ.

ފްލެޓް ކޮމެޓީން ވަނީ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަކުރި އެޗް4 ކެޓަގަރީ އާއި ޓީޗަރުންނަށް ހާއްސަ އެޗް5 ކެޓަގަރީ އާއި މާލެ ރައްޔިތުންނަށް ހާއްސަ އެޗް8 ކެޓަގަރީ އާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ހާއްސަ ކުރި އެޗް10 ކެޓަގަރީ އާއި މާލެ މުނިސިޕަލްޓީ ހާއްސަ ދަފްތަރުގައި ހިމެނިފައިވާ މީހުންނަށް ހާއްސަ އެޗް9 ކެޓަގަރީގެ އިތުރުން ކައިވެނި ކޮށްގެން އުޅޭ މީހުންނަށް ހާއްސަ ކުރި އެޗް7 ކެޓަގަރީގެ ވަގުތީ ލިސްޓް އާންމުކޮށްފައެވެ. ވަގުތީ ލިސްޓްތަކާއެކު ކުރީ ސަރުކާރުން ފްލެޓް ދޭނެ ކަމަށް ލިޔުން ލިބުނު އެތަށް ބަޔަކަށް ފްލެޓް ނުލިބޭނެ ކަން ވަނީ ޔަގީންވެފައެވެ. އެހެން ކަމުން އެ މީހުން ވަނީ ގިނަ ޝަކުވާތަކެއް ހުށައަޅާފައެވެ.

މިހާތަނަށް ވަގުތީ ލިސްޓް ނެރެފައި ނުވަނީ ސިވިލްސާވިސް މުވައްޒިފުންނަށް ހާއްސަ ކުރި ކެޓަގަރީގެއެވެ. ފްލެޓް ކޮމެޓީން މިއަދު ބުނީ މަސައްކަތް ކުރަމުން ދަނީ އަންނަ ހަފްތާގައި އެ ކެޓަގަރީގެ ވަގުތީ ލިސްޓް އާންމު ކުރުމަށް ކަމަށެވެ.

އެ ކޮމެޓީގެ މެންބަރު ތޯހާ މުހައްމަދު ވިދާޅުވީ ކޮމެޓީގެ އަމާޒަކީ މި މަސް ނިމުމުގެ ކުރިން މިހާރު ހުށައެޅިފައިވާ ހުރިހާ ޝަކުވާތަކަށް ޖަވާބުދީ ހިޔާ ފްލެޓްތަކުގެ ދާއީމީ ލިސްޓެއް އެކުލަވާލުމެވެ.

"އަޅުގަނޑުމެން އުންމީދު މި ކުރަނީ ވަގުތީ ލިސްޓަށް ހުށައެޅުނު ޝަކުވާތަކަށް ޖަވާބުދީ ޑިސެންބަރު މަހުގެ ނިޔަލަށް އަޅުގަނޑުމެންނަށް ދާއިމީ ލިސްޓް ފައިނަލް ކުރެވޭތޯ މި މަސައްކަތް ކުރަނީ،"

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް އެކުލަވާލާލި މިންގަނޑުވެސް އެ ކޮމެޓީން ވަނީ އާންމުކޮށްފައެވެ. އަދި އެ މިންގަނޑުގެ އިތުރު ތަފްސީލް މިއަދު ނޫސްވެރިންގެ ބައްދަލްވުމުގައި ހާމަވެސް ކުރިއެވެ.

ފްލެޓް ކޮމެޓީން ބުނީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބަޔަށް އިންސާފުވެރި އަދި ހަމަހަމަ ކަމާއެކު، ޕޮއިންޓް ދިނުމުގެ ކަންކަން ކުރިއަށް ގެންދެވޭނީ ފޯމު ހުށައަޅާފައިވާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށް ދިރިއުޅޭ ގޭގެއަށް ޒިޔާރަތްކޮށް ދިރިއުޅުމުގެ ހާލަތު ވަޒަން ކޮށްގެން ކަމަށް ކޮމިޓީއިން ނިންމައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަންނީ ލަފަޔާއެކު، ދިރިއުޅުމުގެ ހާލަތު ބަޔަށް ޕޮއިންޓް ދިނުމުގެ މިންގަނޑެއް އެކުލަވާލި ކަމަށެވެ.

ދިރިއުޅުމުގެ ހާލަތު ބަޔަށް ޕޮއިންޓް ދިނުމަށް އެކުލަވާލާފައިވާ މިންގަނޑުގައި ކުރިން ހާމަނުކުރީ އެ މައުލޫމާތަކީ އެ މައުލޫމާތު ކުރިން ހާމަކޮށްފި ކަމުގައިވާ ނަމަ އެންމެ އިންސާފުވެރި ކަމާއެކު ޕޮއިންޓް ދިނުމަށް ހުރަސްއެޅޭނެ މައުލޫމާތުތަކެއް ކަމަށް ކޮމިޓީއަށް ފެންނާތީ ކަމަށް ފްލެޓް ކޮމެޓީން ބުންޏެވެ.