ދުނިޔެ

އިންޑިއާގެ އާމީ ޗީފް، ޔޫއޭއީއަށާއި ސައޫދީ އަރަބިޔާއަށް

އިންޑިއާގެ އާމީ ޗީފް، ޖެނެރަލް މަނޯޖް މުކަންދު ނަރާވަނި ތާރީހީ ދަތުރުފުޅެއްގައި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށާއި ސައޫދީ އަރަބިޔާއަށް ފުރާވަޑައިގެންފި އެވެ. މިއީ އިންޑިޔާގެ ސިފައިންގެ ވެރިޔާގެ ހައިސިއްޔަތުން ޖެނެރަލް ނަރާވަނި ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ޖެނެރަލް ނަރާވަނީ ކުރައްވާ ހަ ދުވަހުގެ ދަތުރުފުޅުގެ އަމާޒެއް ކަމަށް އިންޑިއާ އާމީން ނެރުނު ބަޔާނެއްގައި ވަނީ ދެ ގައުމާއެކު އޮންނަ ސްޓްރެޓެޖިކް އަދި ދިފާއީ ގުޅުން ހަރުދަނާ ކުރުން ކަމަށެވެ.

އިންޑިއާއިން އަބަދުވެސް ގަލްފު ގައުމުތަކާއެކު އިގުތިސޯދީ ގުޅުން ބާއްވަ އެވެ. އިންޑިއާ އަށް ބޭުނުންވާ ތެލުގެ ބާވަތްތައް އިމްޕޯޓް ކުރަނީ ވެސް ގަލްފު ގައުމުތަކުންނެވެ. ސައޫދީ އަރަބިޔާއަކީ އިންޑިއާއަށް ވަރަށް ހާއްސަ ވިޔަފާރި ބައިވެރިއެކެވެ. އިންޑިއާގެ އިގުތިސޯދު އެންމެ ބޮޑަށް ބަރޯސާކުރާ ގައުމުތަކުގެ ލިސްޓްގައި ހަތަރު ވަނާގައި އޮންނަނީ ވެސް ސައުދީ އަރަބިޔާ އެވެ.

ޖެނެރަލް ނަރާވަނީގެ ދަތުރުފުޅުގެ ބޭނުމެއް ކަމަށް ހަބަރުތައް ބުނަނީ ދިފާއީ ގުޅުން ހަރުދަނާ ކުރުމެވެ. ގަލްފު ގައުމުތަކުގެ މެދުގައި އިންޑިއާ ޝާމިލްވާ ގޮތަށް ދިފާއީ ނެޓްވޯކެއް ގަތާލުމަކީ ވެސް ވިސްނުމެކެވެ. އަނެއްކޮޅުން ޔޫއޭއީއާއެކު ދިފާއީ ގުޅުން ބަދަހި ކުރުމަކީ އިންޑިއާ ސަރުކާރަށް ވަރަށް މުހިންމުވެފައި އޮތް ކަމެކެވެ.

ގަލުފު ގައުމުތައް އިންޑިއާ އަށް މުހިންމުވާ ސަބަބުތަކުގެ ތެރޭގައި އެ ގައުމުތަކުގައި އުޅޭ އިންޑިއާ މީހުންގެ އަދަދު ހިމެނެ އެވެ. އަންދާޒާކުރެވިފައި ވަނީ 8.5 މިލިއަން އިންޑިއާ މީހުން އުޅޭނެ ކަމަށެވެ. ސައޫދީ އަރަބިޔާގައި އެކަނި ވެސް 2.7 މިލިއަން އިންޑިއާ މީހުން އުޅެ އެވެ.

އިންޑިއާގެ މަހަރާސްތުރާގައި، ސައޫދީ އަރަބިޔާއާ ޔޫއޭއީން ބޮޑު އިންވެސްޓްމަންޓެއް ކުރާ ވާހަކަ ވެސް، ޖެނެރަލްގެ ދަތުރުފުޅާ ގުޅުވައިގެން އެބަ ދެކެވެ އެވެ. ވިސްނުމަކީ މަހަރާސްތުރާގައި ތެޔޮ ސާފުކުރާ ކާރުހާނާއެއް ބިނާ ކުރުމެވެ. އިންވެސްޓްމަންޓްގެ އަދަދަކީ 42 ބިލިއަން ޑޮލަރެވެ.