ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ލޯގޯ އާއި ގައުމީ ޓީޓީ ޓީމުގެ ޖޯޒީ ފަރުމާ ކުރުމުގެ ފުރުސަތު އެ އެސޯސިއޭޝަން ހުޅުވާލައިފި އެވެ.
ޓީޓީ އެސޯސިއޭޝަންގެ ޖެނަރަލް ސެކެޓްރީ އިސްމާއީލް ސުޖާއު، ވިދާޅުވީ ޓީޓީއަށް ގައުމީ ޓީމަށް ހާއްސަކޮށް ޖޯޒީއެއް ފަރުމާ ކުރުމުގެ ބޭނުމަކީ ދިވެހި ވަންތަކަމާ ގައުމިއްޔަތު ރަމްޒުކޮށްދޭ ޖޯޒީއަކަށް ޓީޓީގެ ޖޯޒީ ހަދަން ބޭނުންވުން ކަމަށެވެ. ރާއްޖެ ބައިވެރިވާ އިންޓަނޭޝަނަލް މުބާރާތްތަކާއި ގޭމްސްތަކުގައި ރާއްޖޭގެ ޓީޓީ ޓީމުގެ ވިދުން ފެންނަނީ ގަދަ ކޮށެވެ.
"އިންޓަނޭޝަނަލް މުބާރާތްތަކުގައި އަޅުގަނޑުމެންގެ ގައުމީ ޓީމު ވާދަ ކުރާއިރު ޓީމު ބޭނުން ކުރާ ޖޯޒީ އަކީ ދިވެހި ވަންތަކަމާ ދިވެހި ގައުމިއްޔަތު ރަމްޒުކޮށްދޭ ޖޯޒީއަކަށް ވާން އަޅުގަނޑުމެން ބޭނުންވަނީ،" ސުޖާއު ވިދާޅުވި އެވެ. "އިންޓަނޭޝަނަލް މުބާރާތްތަކުގައި އަޅުގަނޑުމެންގެ ކުޅުންތެރިން ފެންނައިރު އެ ޖޯޒީގެ ސަބަބުން ދިވެހި ވަންތަކަން ރަމްޒުކޮށްދޭ ބައެއްގެ ގޮތުގައި ފެނުން ޖޯޒީ ފަރުމާ ކުރުމުގެ އެންމެ މުހިންމު ސަބަބަކީ."
ލޯގޯ އާއި ޖޯޒީ ފަރުމާ ކުރުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވާލާފަ އެވެ. ފަރުމާ ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ މިމަހު 29 ވަނަ ދުވަހު ހަވީރު ފަހެއް ޖެހުމުގެ ކުރިންނެވެ. ލޯގޯ އާއި ޖޯޒީގެ ފަރުމާ ވަކިވަކިން ފޮނުވާނީ ޕީޑިއޭފް ނުވަތަ ޖޭޕީޖީ ނުވަތަ ޕީއެންޖީ ފޯމެޓްގަ އެވެ.
ލޯގޯ އާއި ޖޯޒީއަށް ހުށަހަޅާ ފަރުމާ ކަނޑައަޅާނީ އެކަމަށް އެސޯސިއޭޝަނުން ކަނޑައަޅާފައިވާ ޕެނަލްއަކުން ކަމަށް ސުޖާއު ވިދާޅުވި އެވެ. ލޯގޯ އާއި ޖޯޒީ ފަރުމާ ވެސް ވަކިން ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފަ އެވެ. އެއް ވަނަ އަށް ދާ ޖޮޒީ އާއި އެއްވަނަ އަށް ދާ ލޯގޯއަށް ވަކިވަކިން 2500 ރުފިޔާގެ ފައިސާގެ އިނާމެ ދޭނެ އެވެ