މަސްވެރިންގެ ދުވަސް

މަސްވެރިކަން ފުޅާ ކުރުމުގެ ވަގުތު ޖެހިއްޖެ: ރައީސް

މަސްވެރި ކަމަކީ ރާއްޖޭގެ އެންމެ ފުޅާ އިގްތިސޯދީ ވަސީލަތައް ހެދުމުގެ ވަގުތު ޖެހިއްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތާ ގުޅުވައި އެ މަނިކުފާނު އާންމު ކުރެއްވި ހިތޯބެއްގަ އެވެ. އެ ހިތޯބު ވަނީ ރައީސް އޮފީހުގެ ވެބްސައިޓްގައި ޝާއިއު ކޮށްފަ އެވެ.

ރައީސް ވިދާޅުވީ ކޮވިޑްގެ ސަބަބުން އިގްތިސޯދީ ގޮތުން ކުރިމަތިވި ދަތިތަކާއެކު، ރާއްޖޭގެ އިގްތިސޯދު ފުޅާ ކުރުމުގެ މުހިންމުކަން މިހާރު އެނގިފައިވާ ކަމަށާއި ކޮވިޑްގެ ބަންދު ތެރޭގައި މުޅިން ހުއްޓުމަކަށް ނައިސް އޮތީ، މަސްވެރިކަމުގެ ސިނާއަތް އެކަނި ކަމަށެވެ. ކޮވިޑްގެ އިގްތިސޯދީ ގެއްލުންތަކުން އަރައިގަތުމަށް، ގައުމީ ފެންވަރުގައި ފަށާފައިވާ މަސައްކަތްތަކުގެ ތެރޭގައި މަސްވެރިކަން ފުޅާކޮށް މަސްވެރިކަމުގެ އުފެއްދުންތައް އިތުރު ކުރަންޖެހޭ ކަމަށެވެ.

އަންނަ އަހަރު މަސްވެރިކަން އިތުރަށް ތަރައްގީ ކުރުމަށް ކުރާނެ ބައެއް މަސައްކަތްތަކުގެ މައްޗަށް ވެސް ރައީސް އަލިއަޅުވައިލެއްވި އެވެ. އެގޮތުން، މަސް ގަންނަ އިތުރު ފެސިލިޓީތައް ގާއިމު ކުރުމާއި، އައިސް ލިބުމުގެ ދަތިކަން ހައްލު ކޮށްދޭން އިތުރު ހަތް ޕްލާންޓް އެޅުމުގެ މަސައްކަތް ފެށުމާއި، ދޯނިފަހަރުގެ ވަތުގައި ގާއިމު ކުރާ ފެން ފިނިކުރާ ނިޒާމުތައް އިތުރު ކުރުމަށް ނިންމަވާފައިވާކަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ މެރިކަލްޗާގެ ޒަރީއާއިން މަސްވެރިކަމުގެ ސިނާއަތް ފުޅާކޮށް ހަރުދަނާ ކުރުމަކީ ވެސް އަންނަ އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒެއް ކަމަށެވެ.