ދުނިޔެ

އެމެރިކާގެ ބޮންއަޅާ ބޯޓުތަކުން އީރާނަށް ބިރުދައްކަނީ

އެމެރިކާއަށް ހީވާ ހީވުމެއް އެބަ އޮތެވެ؛ އީރާނުން މެދުއިރުމަތީގައި ކަންތައްގަނޑެއް ހިންގާލާފާނެ އެވެ. މިއީ އެފަދަ ކަމަކަށް މުނާސަބު ވަގުތެެވެ. ޕްރޮކްސީތަކުގެ އެހީގައި، ޕާސިއަން ގަލްފްގައި، އީރާނުން ގެއްލުމެއް ދީފާނެ އެވެ. މިއީ އީރާނުން އަބަދު ވެސް ކުރާ ކަމެކެވެ.

އީރާން މަތަކުރުމަށްޓަކައި އޮތް ގޮތަކީ ބިރު ދައްކާލުމެވެ. އެމެރިކާގެ ބޮން އަޅާ ބޯޓްތައް އެހިސާބަށް ގޮސް، އީރާްން ވަށައި ބުރެއް ޖަހާލުމުން ތައްޔާރީ ހާލަތަށް ވެސް އާދެވުނީ އެވެ. އެމެރިކާގެ މިލިޓަރީ އޮފިޝަލަކު ބުނި ގޮތުގައި މިއީ އެމީހުން ވިސްނި ގޮތެވެ.

އެމެރިކާގެ ލުއިޒިއާނާގެ ބާކްސްޑޭލް "އެއާ ފޯސް ބޭސް" އިން، ބީ52އެޗް މަރުކާގެ ބޮންއަޅާ ދެ ބޯޓު މެދުއިރުމައްޗަށް މިސްރާބުޖެހީ މި ބޭނުމުގަ އެވެ. އީރާންގެ ވައިގެ ސަރަހައްދަށް ނުވަދެ، އީރާނަށް ދައްކާލުމަށެވެ. މިކަން މިގޮތަށް ކޮށްފި އެވެ.

އެމެރިކާއިން މިދަނޑިވަޅުގައި އިރާނަށް ސަމާލުވާން ޖެހޭ ދެތިން ސަބަބެއް ވެސް އެބަ އޮތެވެ. އިރާންގެ ކޮމާންޑަރު، ގާސިމް ސުލައިމާނީ އެމެރިކާއިން އަވަހާރަ ކޮށްލި ހާދިސާއަށް ޖެނުއަަރީ 3، 2021 ގައި އަހަރެއް ފުރޭނެ އެވެ. އެ ސަރަހައްދުގައި ތިބި އެމެރިކާ ސިފައިން މަދުކުރަން ޓްރަމްޕް ވަނީ އަންގަވާފަ އެވެ. އެމެރިކާގެ ވެރިކަން ބަދަލުވުން ވެސް މިއޮތީ ކުޑަ ދުވަސްކޮޅެކެވެ. މިލިޓަރީ އޮފިޝަލުން ދެކޭ ގޮތުގައި މިއީ އީރާނަށް ހެލިފެލިވުމަށް ރަނުގެ ފުރުސަތެކެވެ.

މެދުއިރުމައްޗަށް ސަމާލު ވުމުގައި އެމެރިކާ މިހާރު ވިސްނާ ގޮތަކީ، އީރާނުން ކަމެއްކޮށްފި ނަމަ ކަމެއް ކުރުމެވެ. ހަމަލާއެއްދީފި ނަމަ ބަދަލުހިފުމެވެ. އެކަމަކު އެމެރިކާއާ އިޒްރޭލަކީ ވެސް ހާދިސާތައް އުފައްދާ ބައެކެވެ. އެހެން ބަޔަކުކުރި ކަމެއް، އެހެންބައެއްގެ ބޮލުގައި އެޅުވުމަށް ޔަހޫދީންނަކީ ސްމާޓް ބައެކެވެ.

އީރާންގެ ނިއުކްލިއާ ސައިންޓިސްޓް، މުހުސިން ފަހްރިޒާދާ އަވަހާރަކޮށްލީ އިޒްރޭލުންނެވެ. ޝައްކެއް ނެތް ގޮތުގައި އެމެރިކާގެ މަދަދު ލިބިގެންނެވެ. އީރާންގެ ރައީސް، ހަސަން ރޫހާނީ ވިދާޅުވީ ބަދަލު ނުހިފައި ދޫކޮށްލާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.