އެއްދުވަހަކު، ކީރިތި ރަސޫލާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ ޞަޙާބީން މިސްކިތުގައި (އެބަހީ: މަސްޖިދުއްނަބަވީގައި) ތިއްބަވަނިކޮށް، މީހަކު، އޭނާގެ ޖަމަލުގައި މިސްކިތަށް ވަނެވެ. ދެން އޭނާގެ ޖަމަލު ތިރިކޮށް، އެސޮރު މިސްކިތުގައި ބަނދެފައި އައިސް މީސްތަކުންނާ މުޚާޠަބުކޮށް އެއްސެވެ. "ތިޔަބައިމީހުންގެ ތެރެއިން މުޙައްމަދަކީ ކޮބައިހެއްޔެވެ؟"
އެހިނދު، ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ ޞަޙާބީންގެ މެދުގައި، އެއަތްޕުޅު މައްޗަށް ލެނގިވަޑައިގެން އިންނެވިއެވެ. ތިމަންމެން ބުނީމެވެ. "އެކަލޭގެފާނަކީ ހަމުގެ ކުލަ ދޮން ކުލައިގައިވާ، އަތްޕުޅު މައްޗަށް ލެނގިވަޑައިގެން މި އޮންނެވި ކަލޭގެފާނެއެވެ."
ދެން އެމީހާ ބުންޏެވެ. "އޭ ޢަބްދުލް މުއްޠަލިބުގެ ދަރިކަލުންނޭވެ." އެހިނދު ޖަވާބު ދެއްވަމުން ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "ތިބާއަށް ޖަވާބު ދެމުއެވެ." އޭނާ ދެންނެވިއެވެ. "ތިމަންނާ ކަލޭގެފާނަށް ސުވާލެއް ދަންނަވަން ބޭނުންވެއެވެ. އަދި ސުވާލު ކުރުމުގައި ހަރުކަށިކޮށް ބުނެވުނަސް ތިމަން ދެކެ ކޯފާވެވަޑައި ނުގެންނެވުން އެދެމެވެ." އެހިނދު ޙަދީޘް ކުރެއްވިއެވެ. "ތިބާ ބޭނުން ކޮންމެ އެއްޗެއް އަހާށެވެ."
އޭނާ ދެންނެވިއެވެ. "ކަލޭގެފާނާއި ކަލޭގެފާނުގެ ކުރީން އިސްވެދިޔަ އެންމެންގެ ރައްބު ގަންދީ އަހަމެވެ. ﷲ، ހަމަ ކަލޭގެފާނު ހުރިހާ މީސްތަކުންގެ ގާތަށް ރަސޫލު ކަމާއިގެން ފޮނުއްވެވީ ހެއްޔެވެ؟"
ޙަދީޘް ކުރެއްވިއެވެ. "ﷲ ގަންދީ ބުނަމެވެ. އާއެކެވެ." އަނެއްކާވެސް އޭނާ ސުވާލު ކުރިއެވެ. "ﷲ ގަންދީ ދަންނަވަމެވެ. ކޮންމެ ރެޔަކާއި ދުވާލު ފަސް ނަމާދު ކުރުމަށް ހަމަ ﷲ އަމުރު ކުރެއްވި ހެއްޔެވެ؟" ޙަދީޘް ކުރެއްވިއެވެ. "ﷲ ގަންދީ ބުނަމެވެ. އާއެކެވެ." އޭނާ ސުވާލު ކުރިއެވެ. "ﷲ ގަންދީ އަހަމެވެ. ކޮންމެ އަހަރަކު މި މަހު (އެބަހީ: ރަމަޟާން މަހު) ރޯދަ ހިފުމަށް، ހަމަ ﷲ އަމުރު ކުރެއްވި ހެއްޔެވެ؟" ޙަދީޘް ކުރެއްވިއެވެ. "ﷲ ގަންދީ ބުނަމެވެ. އާއެކެވެ." އޭނާ އަނެއްކާވެސް ސުވާލު ކުރިއެވެ. "ﷲ ގަންދީ ދަންނަވަމެވެ. މުއްސަނދިންގެ އަތުން ޒަކާތް ނަގައި ފަޤީރުންނަށް ދިނުމަށް މާތް ﷲ ހަމަ އަމުރު ކުރެއްވި ހެއްޔެވެ؟" ޙަދީޘް ކުރެއްވިއެވެ. "މާތް ﷲ ގަންދީ ބުނަމެވެ. އާއެކެވެ." އެހިނދު އެމީހާ ދެންނެވިއެވެ. "ކަލޭގެފާނު ގެންނެވި ހުރިހާ ކަމަކަށް އީމާންވެއްޖައީމު އެވެ. އަހުރެންނަކީ، އަހުރެންގެ ގައުމުގެ މީސްތަކުން ފޮނުވައިގެން އައި މީހަކީމެވެ.
އަހުރެންނަކީ ބަނީ ސާޢުދު ބުނު ބަކްރު ވަންހައިގެ ޟިމާމު ބުނު ޘަޢުލަބާއެވެ." މިއީ ޞަޙީޙުލް ބުޚާރީގައި ރިވާވެގެންވާ ޙަދީޘެކެވެ.
ބައެއް ރިވާޔަތްތަކުގައިވެއެވެ. އެމީހާއަށް އިޝާރަތްކުރައްވައި ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "ތިމަން ކަލޭގެފާނުގެ ފުރާނަ އެފަރާތެއްގެ އަތްޕުޅުގައިވާ އިލާހު ގަންދީ ހުވާކޮށްފައި ބުނަމެވެ. އޭނާ އެބުނީ ތެދުކަމުގައިވާނަމަ، އޭނާ ސުވަރުގެ ވަންނަ ހުއްޓެވެ."
ތެދުވެރިކަމާއެކު، މާތް ﷲ އަށް އީމާންވާ ޙާލު، ނަމާދުކޮށް ރޯދަހިފައި، ޒަކާތްދީ ޙައްޖުވާނަމަ އެމީހަކީ ސުވަރުގެ ވަންތަވެރިއެކަން ކަށަވަރެވެ. ނަމަވެސް މުސްލިމުންގެ ތެރެއިން ގިނަ ބަޔަކުވަނީ އިސްލާމް ކަމުގެ ރުކުންތަކާއި އެރުކުންތަކުގެ މަޤާމާއި، މަތިވެރިކަން ހަނދާން ނައްތައިލާފައެވެ. އެ ރުކުންތަކުގެ މައްޗަށް ދުނިޔެވީ ހުރިހާ ކަމެއް އިސްކޮށްފައެވެ.
މިއީ އަދުގެ މުސްލިމުންގެ ތެރެއިން ގިނަ ބައެއްގެ ޙާލަތެވެ.
އިސްލާމް ދީނުގެ ރުކުންތަކުގެ ތެރެއިން ފަރުޟު ކުރައްވާފައިވާ މި އަޅުކަންތަކާމެދު ނިކަން ވިސްނާލަމާތޯއެވެ! އެއިން އެންމެ ރުކުނެއް ފިޔަވައި ދެންހުރި ކޮންމެ ކަމަކީވެސް ބައެއް ޙާލަތްތަކުގެ އަޅުތަކުން އަދާކުރަން ޖެހޭ އަޅުކަންތަކެވެ.
ފަރުޟު ޒަކާތް ވާޖިބުވަނީ މުދަލުގެ ތެރެއިން ނިޞާބު ހަމަވެ، އަހަރު ހަމަވެފައިވާ މުދަލުގެ ވެރީންގެ މައްޗަށެވެ. ދަތުރުވެރިންނާއި ބަލިޙާލުގައިވާ މީހުންނަކީ ފަރުޟު ރޯދަ ދޫކޮށްލުމުގެ ހުއްދަ ދެއްވާފައިވާ މީހުންނެވެ. ޙައްޖު ކުރުން ވާޖިބުވެގެންވަނީ، ޢުމުރުން އެއްފަހަރު، އެކަމަށް ކެރިކުޅަދާނަވެގެންވާ މީހަކަށް އެކަންޏެވެ.
ނަމަވެސް، ބާލިޣުވެ ބުއްދި ސަލާމަތުން ހުރި ކޮންމެ މުސްލިމެއްގެ މައްޗަށް ރެޔަކާއި ދުވާލު ފަރުޟު ކުރައްވާފައިވާ ފަސްނަމާދު، ބަލިޙާލުގެ ސަބަބުން ނުވަތަ ދަތުރެއްގެ ސަބަބުން ނޫނީ މަސައްކަތުގައި ބުރަކޮށް އުޅެއްޖެހުމުންގެ ސަބަބުން އެ ނަމާދުތައް ފަސްކުރުމަށް، ނުވަތަ އަދާ ނުކުރުމަށް އެއްވެސް އުޒުރެއް ނެތެވެ. ދަތުރު ވެރިންނާއި، ބަލި ހާލުގައިވާ މީހާއަށްވަނީ ލުއިތަކެއް ދެއްވާފައެވެ. ފެން ލިބެން ނެތް މީހާއަށް އޮތީ ތަޔައްމަމު ކުރުމެވެ. ނަމަވެސް ނަމާދު ވަގުތުން ފަސްކޮށްލުމުގެ އިޒުނަ ދެއްވާފައެއް ނުވެއެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ حَافِظُوا عَلَى الصَّلَوَاتِ وَالصَّلَاةِ الْوُسْطَى وَقُومُوا لِلَّهِ قَانِتِينَ * فَإِنْ خِفْتُمْ فَرِجَالًا أَوْ رُكْبَانًا فَإِذَا أَمِنْتُمْ فَاذْكُرُوا اللَّهَ كَمَا عَلَّمَكُمْ مَا لَمْ تَكُونُوا تَعْلَمُونَ ﴾ [البقرة: 238، 239] މާނައީ: "ތިޔަބައިމީހުން ނަމާދުތަކާއި، އަދި، މެދުނަމާދުގެ މައްޗަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުން ﷲ އަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާއެކު (ނަމާދުގައި) ޤާއިމުވެ ތިބޭށެވެ! * ފަހެ، ތިޔަބައިމީހުންނަށް ބިރުވެރިކަމެއް މެދުވެރިވެއްޖެނަމަ، ފައިމަގުގައި ހިނގަހިނގާތިބެގެން، ނުވަތަ، ސަވާރުވެތިބެގެން ނަމާދު ކުރާހުށިކަމެވެ! ދެން، ތިޔަބައިމީހުންނަށް أمانކަން ލިބިއްޖެނަމަ، ފަހެ، ތިޔަބައިމީހުން، ﷲ ހަނދުމަކުރާށެވެ! (އެބަހީ: ކުރީގައި ނަމާދުކޮށް އުޅުނުގޮތަށް ނަމާދު ކުރާށެވެ!) ތިޔަބައި މީހުންނަށް އެނގިގެންނުވާ ކަންތައް، އެކަލާނގެ ތިޔަބައިމީހުންނަށް އުނގަންނައިދެއްވި ފަދައިންނެވެ." އެއްވެސް ޙާލެއްގައި ނަމާދު ނުކޮށް ދޫކޮށްލުމަކަށް ފުރުޞަޠެއް ނެތެވެ.
ދަންނާށެވެ! ތިމާއާއި ކުފުރާއި ޝިރުކާ ވަކިކޮށްދޭ ފާހަގައަކީ ނަމާދެވެ. ނަމާދު އަޅައިފި މީހާ ޝިރުކު ކޮށްފި ކަމުގައި ނުވަތަ ކުފުރުވެއްޖެ ކަމުގައި ވަނީ ޙަދީޘް ކުރައްވާފައެވެ.
ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. "لا تَتْرُكَنَّ الصلاةَ متعمِّدًا، فإنَّهُ من تَرَكَ الصَّلاةَ مُتَعَمِّداً فقد برِئَتْ منه ذِمَّةُ الله ورسُولِه" رواه البخاري في أدب المفرد މާނައީ: "ޤަޞްދުގައި ނަމާދު ނާޅާށވެ. އެހެނީ ޤަޞްދުގައި ނަމާދު އަޅައިފި މީހާވަނީ ﷲ އާއި އެކަލާނގެ ރަސޫލާގެ ޒިންމާއިން ބޭރުވެފައިވެއެވެ."
ލޮބިވެތި އަޚުންނާއި އުޚުތުންނޭވެ! ނަމާދަކީ ވަޤުތު ކަނޑައެޅިގެންވާ ގޮތުގައި އަދާކުރުމަށް މުއުމިނުތަކުންގެ މައްޗަށް ފަރުޟު ކުރެއްވުނު އަޅުކަމެކެވެ. އަދި ނަމާދުތަކުގެ ވަޤުތުތައް ސުންނަތުގައިވަނީ ތަފްޞީލުކޮށް ބަޔާންކޮށްދެއްވާފައެވެ. އަދި ނަމާދު ވަޤުތު ފާއިތުވަންދެން ނުކޮށް ހުރުމަކީ ނުރައްކާތެރިކަން ބޮޑު ފާފައެކެވެ. ނަމާދަށް ރައްކާތެރިވެލައްވާށެވެ!