ލައިފްސްޓައިލް

ކައިވެނި ކުރުން ލަސްކުރާތީ ލޯބިވެރިޔާ ގޮވައިގެން ކޯޓަށް

ބައެއް މީހުންނަށް ކައިވެންޏަކީ ކޮންމެހެން އެހާ އަވަހަށް ކުރަން ޖެހޭ އެއްޗެއް ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. އެމީހުން އެ ކުރާ ކަމެއް ކޮށްކޮށްލަ އެމީހުން ދިރިއުޅުމުގެ ދުވަސްތައް މަޑުމަޑުން ހޭދަ ކުރެ އެވެ. ނަމަވެސް އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި ލޯބިވެގެން މާ ގިނަ ދުވަހު އުޅުމަކީ ބޭކާރު ކަމެކެވެ. މީހަކާ ލޯބީގެ ގޮތުން ގުޅުމަށްފަހު މިފަދަ މީހުން ދެން އިންތިޒާރު ކުރާނީ ކައިވެނި ކުރެވޭނެ ދުވަހަކަށެވެ.

ޒެމްބިއާގެ މި އަންހެންމީހާ އަށް ވެސް ދިމާވީ މިފަދަ ގޮތެކެވެ. އަށް އަހަރު ދުވަހު މީހަކާ ލޯބީގެ ގޮތުން ގުޅިގެން އަންހެންމީހާ ހޭދަ ކުރިއިރުވެސް ފިރިހެންމީހާ ކައިވެނިކުރާކަށް ނޫޅުނެވެ. އެ ވާހަކައެއް ނުވެސް ދައްކަ އެވެ. އެންމެ ފަހުން ހިތްހަލާކުވެ، ރުޅިއައިސްގެން އެމީހާ މިހާރު ވަނީ ލޯބިވެރިޔާ ގޮވައިގެން ކޯޓަށް ގޮއްސަ އެވެ.

ގާޓުރޫޑާ ނަގޯމާ ނަމަކަށް ކިޔާ މި އަންހެންމީހާ ބުނި ގޮތުގައި އޭނާ އަށް އަހަރުއްސުރެ ރައްޓެހިވެގެން އުޅުނު ލޯބިވެރިޔާ ހާބާޓް ސަލާލިކީ ކަކޫ މައްޗަށް ތިރިވެ ޕްރޮޕޯޒްކުރާނެކަމުގެ އިންތިޒާރުގައި ހުރެހުރެ މިހާރު އޭނާ ވަނީ މާޔޫސް ވެފަ އެވެ. އެހެންވެ އަށެއްކަ އަހަރު ވަންދެން އޭނާއާ ރައްޓެހިވެގެން އުޅެ އޭނާގެ ވަގުތުތައް ބޭކާރުކުރީތީ އައި ރުޅިން ކޯޓަށް ދިޔައީ އެވެ.

ނަގޯމާ ބުނި ގޮތުގައި ސަލާލިކީ އަކީ އޭނާގެ ލޯބިވެރިޔާގެ އިތުރުން ދަރިފުޅުގެ ބައްޕަ ވެސް މެއެވެ. އޭނާއާ ކައިވެނިކުރާނެ ކަމަށާއި ކައިވެނީގެ އަނގޮޓި އޭނާގެ އިނގިލީގައި އަޅުވާދޭނެ ކަމަށް ލޯބިވެރިޔާ ވައުދުވެފައިވާ ކަމަށް ނަގޯމާ ބުންޏެވެ. ނަމަވެސް ދޮގު ވައުދުތަކާއެކު ގިނަ ދުވަސްތަކެއް ބޭކާރުކުރީތީ މިހާރު އޭނާ ހުރީ ވަރަށް ރުޅިގަދަވެފަ އެވެ.

ނަގޯމާ ކޯޓަށް ވެއްދި މައްސަލައިގައި ސަލާލިކީ އޭނާއަށް މަކަރު ހަދާ ބޭވަފާތެރިވާ ކަމުގެ ތުހުމަތު ކޮށްފައި ވެއެވެ. އަދި ކައިވެނިކުރަން ނޫޅޭ ސަބަބު އޮޅުން ފިލުވައިދިނުމަށް ވެސް އެދިފައި ވެއެވެ.

"އޭނާ އެއް އިރެއްގައި ވެސް ސީރިއަސް އެއް ނޫން. އެހެންވެ އަހަރެން އޭނާ ގޮވައިގެން ކޯޓަށް ދިޔައީ. އަހަންނަށް ވެސް އެނގެން ޖެހޭނެ އަހަރެންގެ ކުރިމަގަކީ ކޮބައިކަން. އެކަން ނޭނގި އަހަރެން ކުރިޔަށް ދާނީ ކިހިނެއް؟" ކެންޔާ ނޫހެއް ކަމަށްވާ އައުޓްލެޓް ޓޫކޯ އަށް ދިން އިންޓަވިއު އެއްގައި ނަގޯމާ ބުނެފައި ވެއެވެ.

ބައެއް ގައުމުތަކުގެ ސަގާފަތުގައި ޑައުރީ ދިނުންއޮވެ އެވެ.މިއީ ކައިވެނިކުރާ އަންހެންމީހާގެ ފަރާތުން ފިރިހެންމީހާއަށް ނުވަތަ ފިރިހެންމީހާގެ އާއިލާއަށް ދޭ ފައިސާއެއް މުދަލެވެ. ސަލާލިކީ މި ޑައުރީ ކަންތައް ވެސް ހަމަޖައްސާފައި ވެއެވެ. ނަމަވެސް އޭނާ ކޯޓުގައި ބުނީ ކައިވެނީގެ ކަންތައްތައް ކުރާ ވަރަށް މިވަގުތު އޭނާގެ އަތުގައި މާލީ ތަނަވަސްކަން ނެތް ކަމަށެވެ.

ނަގޯމާ އޭނާ ގޮވައިގެން ކޯޓަށް ދިއުމާ ގުޅިގެން ސަލާލިކީ ވެސް ހުރީ ހިތްހަމަނުޖެހިފަ އެވެ. އޭނާ ތުހުމަތުކުރާ ގޮތުގައި ނަގޯމާ ވެސް ލޯބިވެރިޔާގެ ހައިސިއްޔަތުން "އޭނާއަށް ދޭން ޖެހޭ ސަމާލުކަން"ނުދޭ ކަމަށެވެ.

ނަމަވެސް ނަގޯމާ ކޯޓަށް ހުށަހެޅި މައްސަލައަކީ އެ ކޯޓަށް ބެލޭނެ މައްސަލައެއް ނޫންކަމަށް އެ މައްސަލަ ބަލަން ހަވާލުވި ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ. ސަބަބަކީ މި ދެ މީހުންނަކީ ގާނޫނީ ގޮތުން ދެމަފިރިންނަށް ނުވާތީ އެވެ. އެހެންވެ ކޯޓުން ބޭރުގައި ދެ މީހުން ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން ފަނޑިޔާރު ވަނީ މި ދެ މީހުންނަށް އަންގާފަ އެވެ.