ރާއްޖެ ކުޅިވަރު

ހޯމް މިނިސްޓްރީން ގަވާއިދު ބަލައިނުގަނެ ކުރުނބާ އަށް ސިޓީއެއް

އެފްއޭއެމްގެ އަސާސީ ގަވާއިދު ހޯމް މިނިސްޓްރީން އެންމެ ފަހު ވަގުތު ރަޖިސްޓްރީކޮށްނުދީ، މާދަމާ ބާއްވަން ހަމަޖައްސާފައިވާ އިންތިހާބު ބާއްވަން ހަމަޖައްސާފައިވާ ކުރުނބާ މޯލްޑިވްސް އަށް އެކަން ވިޔަނުދޭން ސިޓީއެއް ފޮނުވައިފި އެވެ.

އިތުބާރު ހުރި ގޮތަކަށް ކަށަވަރުވެފައިވާ ގޮތުގައި މިނިސްޓްރީން ކުރުނބާ އަށް ސިޓީ ފޮނުވާފައިވަނީ އެފްއޭއެމް އިންތިހާބަކީ ގާނޫނާ ހިލާފު އިންތިހާބެއް ކަމަށް ބުނެ އެ ރިސޯޓްގައި އިންތިހާބު ބާއްވައިނުދިނުމަށް އެދި އެވެ.

މިދިޔަ އޮގަސްޓް މަހު ބޭއްވި އެފްއޭއެމުގެ ކޮންގްރެސްގައި ފާސްކުރި އަސާސީ ގަވާއިދު ރަޖިސްޓްރީކޮށްނުދިން ސަބަބެއް ވަނީ ސާފުވާގޮތްނުވެފަ އެވެ. އެއީ ހޯމް މިނިސްޓްރީން ބަހެއް ނުލިބުމުންނެވެ. އެ މިނިސްޓްރީ އަށް ގުޅުމުން އެތަނުގެ އިސްވެރިއަކު ވިދާޅުވީ ޖަމިއްޔާތަކާ ބެހޭ ރަޖިސްޓްރާ ޔޫސުފް އަބުދުލްގަފޫރަށް ގުޅުއްވުމަށެވެ. އަދި ރަޖިސްޓްރާގެ މޮބައިލް ނަންބަރުކަމަށް އެބޭފުޅާ ދެއްވި ނަންބަރަށް ދެތިން ފަހަރަކު ގުޅުމުން ވެސް އެ ނަންބަރުން ފޯނެއް ނުނަންގަވަ އެވެ.

ގައުމީ ފުޓްބޯޅަ އިދާރާގެ އިންތިހާބު ސަރުކާރާއި އެފްއޭއެމުގެ އިންތިހާބަށް ކުރިމަތިލާފައިވާ ޓީމާދެމެދު ބޮޑު މައްސަލައަކަށްވި އިރު ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާއިން ވަނީ އެފްއޭއެމަށް ސަރުކާރުން ނުފޫޒު ފޯރުވާނަމަ ފުޓްބޯޅައިން ރާއްޖެ ސަސްޕެންޑްކުރާނެ ކަމަށް ބުނެ އިންޒާރުދީފަ އެވެ. އަނެއްކޮޅުން އިންތިހާބު ބާއްވައި ނިންމުމަށް ފީފާއިން ދިން ފަހު ފުރުސަތު އަންނަ ހަފުތާގެ ހުކުރު ދުވަހަށް ހަމަވާނެ އެވެ.

އިންތިހާބަށް ފީފާ އާއި އޭއެފްސީގެ އޮފިޝަލުން މާލެ ވަޑައިގަންނަވާއިރު މި އިންތިހާބު ނުބާއްވަން އެންމެ ފުރަތަމަ އެންގީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު ޒުހޫރެވެ. އެއީ އެފްއޭއެމުގެ ކޮރަޕްޝަނުގެ މައްސަލަތަކެއް ހުށަހެޅިފައިވުމުން އެންޓިކޮރަޕްޝަން ކޮމިޝަނުން އެ މައްސަލަ ބަލާ ނިމެންދެންނެވެ. ނަމަވެސް އޭސީސީން މައްސަލަ ބެލުމަށްފަހު އިއްޔެ އެފްއޭއެމަށް ފޮނުވި ސިޓީގައިވަނީ އެފްއޭއެމަށް ލިބޭ ފައިސާ ހަރަދުކުރުމުގައި ކޮރަޕްޝަނުގެ އަމަލެއްް ހިންގާފައި ނުވާ ކަމަށެވެ.

އެފްއޭއެމް އިންތިހާބަށް ކުރިމަތިލެއްވީ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު އެކަންޏެވެ. މިހެންވެ އިންތިހާބުގައި އޮންނާނީ އޭނާ އާއި އޭނާގެ ޓީމަށް ފެންނަ ނުފެންނަ ވޯޓުނެގުމެވެ.