މުހައްމަދު ސައީދު

"ޔާމީން ހުންނެވީ އަނިޔާއަށް ކެތްތެރިވެ ސާބިތުކަމާއެކު"

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުންނެވީ ކުރާ އަނިޔާތަކަށް ކެތްތެރިވެ ސާބިތުކަމާއެކު ކަމަށް ޕީއެންސީގެ ނާއިބް ރައީސް އަދި ރައީސް ޔާމީން ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިހެން ވިދާޅުވީ ރައީސް ޔާމީންގެ ވަކީލުންގެ ބައްދަލްވުމަށް މިިދިޔަ ބުދަ ދުވަހު ފުރުސަތު ދީފައިނުވާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވައެވެ. މީގެ ކުރިންވެސް އެކި ސަބަބުތައް މެދުވެރިކޮށް ވަކީލުންގެ ބައްދަލްވުމަށް ތަފާތު ހުރަސްތައް ވަނީ ކުރިމަތިކޮށްފައެވެ. ބުދަ ދުވަހުގެ ބައްދަލްވުމަށް ވަކީލުންނަށް ފުރުސަތު ނުދިނީ ޕީސީއާރު ޓެސްޓްގެ ނަތީޖާ ހުށަނާޅާ ކަމަށް ބުނެ އެވެ. މިއީ މީގެ ކުރިން އެއްވެސް ބައްދަލްވުމަކަށް ކުރިމަތިކުރި ޝަރުތެއް ނޫނެވެ. ވަކީލުންގެ ބައްދަލްވުމަށް ދިއުމުން ކަރެކްޝަނުން ވަނީ ސިޓީއެއް ހަވާލުކޮށްފައެވެ. އެ ސިޓީގައި ބައްދަލް ނުކުރެވޭ ސަބަބެއް ކަމަށް ބުނެފައިވަނީ ޕީސީއާރު ޓެސްޓްގެ ނަތީޖާ ހުށައަޅާފައި ނުވުމެވެ.

އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާ ސައީދު ވިދާޅުވީ އެއްގޮތް ނެތިއްޔާ އަނެއް ގޮތުންވެސް ރައީސް ޔާމީނަށް ގޯނާ ކުރަމުން ގެންދާ ކަމަށެވެ.

"އިންޝާﷲ، ރައީސް ޔާމީން ހުންނެވީ ކުރާ އަނިޔާއަށް ކެތްތެރިވެ ސާބިތުކަމާއެކު،"

މީގެ ކުރިން ކޯޓުން އަންގައިގެންވެސް ވަކީލުންގެ ބައްދަލްވުންތައް އިންތިޒާމު ކޮށްދޭން ޖެހުނެވެ. އަދި ރައީސް ޔާމީންގެ މައްޗަށް މިހާރު އުފުލާފައިވާ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ އަޑުއެހުންތައް ނުފެށިގެން އުޅެނީވެސް ދެ ދައުވާ އާ ގުޅޭ ލިއުންތައް ދިރާސާ ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިނުދެވިގެންނެވެ. ކޯޓުން ވަނީ ޕީޖީ މެދުވެރިވެގެން ދައުލަތުން އެ އިންތިޒާމް ހަމަޖެއްސުމަށް އަމުރުކޮށްފައެވެ.