އިސްލާމިކް މިނިސްޓްރީ އިން އުމްރާއަށް ދިއުމުގެ އުސޫލުތަށް އެކުލަވައިލާ އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝަރީފް ވިދާޅުވީ އެ މިނިސްޓްރީ އިން ފުރަތަމަ ފަހަރަށް އެކުލަވައިލި، [އުމްރާއަށް ދިއުމުގެ] ގަވައިދުތަށް މިދިޔަ ހޯމަދުވަހު އޭޖީގެ ލަފާ ހޯދަން ފޮނުވައިފައިވާ ކަމަށާއި އެއޮފީހުން ލަފަޔަށް ހުއްދަދިންހާ އަވަހަށް އުމްރާއަށް މީހުން ގެންދިޔުމުގެ ފުރުސަތު ހުލުވާލާނެ ކަމަށެވެ.
އުމްރާއަށް ގެންދިއުމުގައި މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކު ތެރެއިން އުމްރާއަށް މީހުންގެންދާ ކުންފުންޏަކީ ރެޖިސްޓްރީކޮށްފައިވާ ކުންފުންޏެއް އަދި އެއްވެސް ކަހަލަ ހިޔާނާތުގެ ރިކޯޑެއް ނެތް ކުންފުންޏަކަށް ވާންޖެހެއެވެ. އަދި އުމްރާއަށް މީހުން ގެންދިޔުމަށް ހުއްދަ ލިބޭނީ މަދުވެގެން އެއްއަހަރު އަދި ގިނަވެގެން ތިން އަހަރަށެވެ.
ޝަރީފް ވިދާޅުވީ ގޮތުގައި އެމިނިސްޓްރީ އިން މިފަދަ އުސޫލުތަށް ކަންޑައެޅީ ހަރުދަނާ ނިޒާމެއްގެ ތެރެއިން އުމްރާގެ އަޅުކަން ކުރެވޭނެ މަގުފަހިކޮށްދިނުމަށެވެ. އަދި އެ އުސޫލުތަށް އެކުލަވައިލާފައި ވާނީ ސައުދީގައި އުމްރާއަށް ފޮނުވާ ޖަމިއްޔާތަށް އަމަލުކުރަން ކަންޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތަކަމަށް ޝަރީފް ވިދާޅުވި އެވެ.
އެމިނިސްޓްރީއިން މީގެކުރިން އުމްރާއަށް މީހުން ގެންދިޔުމުގެ ވަކި އުސޫލުތަކެއް ކަންޑައަޅައިފައި ނުވެއެވެ. އަދި އޭރު އުމްރާއަށް ދިއުމަށް ކުރިމަތިލާ ފަރާތްތަކުން ޝަރުތު ހަމަވާ ކޮންމެ ފަރާތަކަށް އެމިނިސްޓްރީ އިން ހުއްދަދެއެވެ.