މެންޗެސްޓާ ޔުނައިޓެޑް

ފެންނަނަނީ ޔުނައިޓެޑް ވަރުގަދަ ވަމުން އަންނަތަން

މެންޗެސްޓާ ޔުނައިޓެޑްގައި އޭނާއަށް ކުރިމަތި ވެފައިވާ ޕްރެޝަރުން އޭނާ އަށް އަރައި ގަނެވޭނެ ކަމަށް، އެ ޓީމުގެ ކޯޗް އޮލޭ ގަނާ ސޮލްޝަޔާ ބުންޏެވެ.

ޗެމްޕިއަންސް ލީގްގައި، މިދިޔަ އަންގާރަ ދުވަހު، ރެޑްބުލް ލައިޕްޒިގް އަތުން ބަލިވުމުން ޔުނައިޓެޑް ވަނީ އެ މުބާރާތުން ކަޓާފަ އެވެ. އެއާއެކު ސޮލްޝަޔާގެ މަގާމާ މެދު އޮތީ ސުވާލު އުފެދިފަ އެވެ. މިއަދު މެންޗެސްޓާ ޑާބީގައި މެންޗެސްޓާ ސިޓީ އާ ދެކޮޅަށް ކުޅޭ މެޗުން ބަލި ވެއްޖެނަމަ ސޮލްޝަޔާގެ މަގާމު ގެއްލުމަކީ ގާތުގައިވާ ކަމެކެވެ.

ކުރިއަށް ހަފުތާ ވެގެންދާނީ، މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް ކަމާ ސޮލްޝަޔާ ހަވާލުވިތާ ދެ އަހަރު ފުރޭ މުނާސަބަތަށެވެ. މިހާރު އޭނާގެ ވަޒީފާ އާ މެދު ސުވާލު އުފެދިފައި ވިޔަސް، އެ ހާލަތުން އަރައި ގަތުމުގެ ގާބިލުކަން އޭނާގެ ކިބައިގައި އެބަހުރި ކަމަށް ސޮލްޝަޔާ ބުންޏެވެ.

"އެއީ މި މަގާމާ [ޔުނައިޓެޑްގެ ކޯޗް ކަން] ހަވާލު ވާއިރު އަހަރެން ވިސްނާނެ ކަމެއްނު،" އަޑިގަނޑުން އަރައި ގަތުމަށް އޭނާ އަމަލު ކުރާނީ ކިހިނެއްތޯ ސުވާލު ކުރުމުން ސޮލްޝަޔާ ބުންޏެވެ. "'އެ ހާލަތުން އަރައިގަތުމުގެ ގާބިލުކަން އަހަރެންގެ އެބަހުރިތޯ، ފަހަތައް ވެއްޓޭ ފަހަރުތަކުގައި ޕްރެޝާ ދެމެހެއްޓެނެ ތޯ، މޮޅުވުމުން އެކަން ދެމެހެއްޓެނެތޯ. އަހަންނަށް ހީވަނީ އަހަންނަށް އެކަން ކުރެވޭނެހެން."

ސޮލްޝަޔާ ބުނީ، އޭނާ އަށް އިހްސާސް ކުރެވޭނީ ޔުނައިޓެޑް ވަރުގަދަ ވަމުން އަންނަ ތަން ކަމަށެވެ. އަދި ހަލުވި އެޓޭކިން ކުޅުންތެރިންނާއެކު ވަރުގަދަ އެޓޭކިން ފުޓްބޯޅައެއް ކުޅޭ ޓީމަކަށް ޔުނައިޓެޑް ބަދަލުވެގެންދާތަން ފެންނަ ކަމަށް ސޮލްޝަޔާ ބުންޏެވެ.

އޭނާ ބުނީ، ޗެމްޕިއަންސް ލީގުގައި ކުރިއަށް ދާން ފުރުސަތު ގެއްލުނު ނަމަވެސް މިދިޔަ އަހަރު ޔޫރޮޕާ ލީގްގައި ކުޅުނު ކުޅުމަށް ވުރެ ޗެމްޕިއަންސް ލީގްގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުގައި ޔުނައިޓެޑް ކުޅުން ރަނގަޅު ކަމަށެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރަފާޑް ސްޓޭޑިއަމް ސިޓީއާ ދެކޮލަށް މިރޭ ކުޅޭ މެޗު ފާށާނީ ރާއްޖޭ ގަޑިން 10:30 ގަ އެވެ.