ކުޅިވަރު

އެވޯޑް ހައްގުވަނީ ލެވަންޑޮސްކީއަށް: ފްލިކް

ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހައްގު ވަނީ، ބަޔާން މިޔުނިކްގެ ފޯވަޑް ރޮބަޓް ލެވަންޑޮސްކީއަށް ކަމަށް، އެ ޓީމުގެ ކޯޗް ހެންސް ޑިއެޓާ ފްލިކް ބުނެފި އެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ހޮވުމަށް ބާއްވާ އެވޯޑްގެ ގަދަ ތިނަކަށް ނޮމިނޭޓް ވެފައި ވަނީ، ލެވަންޑޮސްކީގެ އިތުރުން، ބާސެލޯނާގެ ލިއޮނެލް މެސީ، ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މިދިޔަ ސީޒަންގައި ބަޔާން އިން ސީޒަންގެ ތިން ތަށި ހޯދިއިރު ލެވަންޑޮސްކީ ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.

"މި ސީޒަނަކީ އޭނާ [ލެވަންޑޮސްކީ] އަށް އެވޯޑް ހައްގު އަހަރެން، ބާޔާންގެ ކޯޗް ހެންސީ ފްލިކް ބުންޏެވެ. "މި ކުލަބުގެ އެންމެން އުންމީދު ކުރޭ މިއަހަރުގެ އެވޯޑް އޭނާއަށް ލިބޭނެ ކަމަށް އަދި އޭނާ އަށް އެކަން ހައްގުވޭ."

ޗެމްޕިއަންސް ލީގްގައި ލެވަންޑޮސްކީ ވަނީ 15 ގޯލް ޖަހައި އިތުރު ފަސް ގޯލް ޖަހަން އެހީވެ ދީފަ އެވެ. ފީފާގެ ދަ ބެސްޓް އެވޯޑް ހާސިލު ކުރާ ކުޅުންތެރިޔާ ހޮވާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.