ފްލައިންގ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނާ ބައްދަލުކުރައްވައި އެ ކުދިންނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތަކުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމް އޮޅުން ފިލުއްވައިފި އެވެ.
ނާއިބް ރަައީސް މިހާރު ގެންދަވަނީ އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީއަށް ދަތުރުފުޅެއް ކުރައްވަމުންނެވެ. ގަން އިންޓަރނޭޝަނަލް އެއާޕޯޓުގައި އެ ދަރިވަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުން ވަނީ އެ ކުދިންނަށް ދިމާވާ ދަތިތަކުގެ މައުލޫމާތު ވަރަށް ތަފްސީލުކޮށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާ ކުރައްވާފައެވެ.އެ ކުދިން ވަނީ ސްކޫލްގެ ފީ އެމެރިކާ ޑޮލަރުން ދައްކަން ޖެހުމުން ދިމާވާ ދަތިތަކާއި ފްލައިންގ ސްކޫލުން އެ ކުދިންނާ މެދު އަމަލުކުރަމުންދާ ގޮތުގެ މައުލޫމާތުވެސް ހިއްސާ ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ އެ ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ސަރުކާރުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި، އެ މަނިކުފާނު ވަނީ ސަރުކާރުން ފްލައިން ސްކޫލްގެ ދަރިވަރުންނަށް އެހީތެރިވެދެވޭނެ ގޮތްތަކެއް ބައްލަވައިދެއްވުމަށް ފިނޭންސް މިނިސްޓަރުގެ އަރިހުން އެދިވަޑައިގަންނަވާފައެވެ. އަދި އެ ދަރިވަރުންނަށް އެމެރިކާ ޑޮލަރުގެ ބަދަލުގައި ދިވެހި ރުފިޔާއިން ފީ ދެއްކޭނެ އިންތިޒާމުތައް ހަމަޖެއްސުމުގައި ސަރުކާރަށް ވެދެވެން އޮތް އެހީތެރިކަމަކީ ކޮބައިކަން ބެއްލެވުމަށް އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ފިނޭންސް މިނިސްޓަރ އަހްމަދު އަމީރު ވަނީ، މި ކަމުގައި އެ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.