އެމްއެންޑީއެފް

ރާއްޖެ ސަރަހައްދަށް ވަތް ދެ މަސްބޯޓް ނުފެނުނު

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ދެ މަސްބޯޓް ފެނިފައި ނުވާ ކަމަށް ސިފައިން ބުނެފި އެވެ.

ބޭރުގެ ދެ މަސްބޯޓެއް ފެނިގެން ސިފައިން ހަރަކާތްތެރިވާން ފެށީ އިއްޔެ އެވެ. އެ ދެ ބޯޓް ފެނިފައިވަނީ ލ. އިސްދޫ މުލީގެ 87 މޭލު ބޭރުންނެވެ. އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެ ދެ ބޯޓްގެ މައުލޫމާތު ދީފައިވަނީ މަސްވެރިކަމަށް ނިކުމެ އުޅުނު ދިވެހި ދޯންޏެއްގަައި ތިބި މަސްވެރިން ކަމަަށެވެ.

އިއްޔެއިން ފެށިގެން އެ ސަރަހައްދަށް ކައްދޫގައި ތިބި ސިފައިން ގޮސް ދެ ބޯޓް ހޯދަން މަސައްކަތް ކުރި ނަމަވެސް ދެ ބޯޓް ފެނިފައި ނުވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ދެ ބޯޓްގެ އެއްވެސް އިޝާރާތެއް ފެންނަން ނެތުމުން ކޯސްޓްގާޑް މިހާރު ކައްދޫއަށް ދަތުރު ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.