ދުނިޔެ

އިންޑިޔާގައި ތުއްތު ދެ ކުއްޖަކު ދިރިތިއްބާ އަންދާލައިފި

ނިއުދިއްލީ (ބީބީސީ) - ވެރިރަށް ނިއުދިއްލީ ބޭރުގައި އޮންނަ އަވަށެއް ކަމަށްވާ ފަރީދުއާބާދުގައި އަހަރު ނުފުރޭ ތުއްތު ދެ ކުއްޖަކު ދިރި ތިއްބާ އިއްޔެ އަންދާލައިފިއެވެ.

ލާއިންސާނީ މި އަމަލު ހިންގާފައި ވަނީ އެކުދިންގެ ގެއަށް ޕެޓްރޯލު އެޅުމަށްފަހު ރޯކޮށްލައިގެނެވެ، މި ހަމަލާގެ ތެރޭގައި އެކުދިންގެ މަންމަ އަށް ލިބުނު އަނިޔާތަކާހެދި އަދިވެސް އޮތީ ސީރިޔަސް ހާލަތެއްގައެވެ. ކުދިންގެ ބައްޕަ ބުނީ އެގޭ ކުޑަދޮރުން ބަޔަކު ގޭތެރެއަށް ޕެޓްރޯލު އަޅަންފެށުމުން އޭގެ ވަހަށް އޭނާ ތެދުވެ އަނބިމީހާ އަށް ގޮވަން ފެށި ކަމަށާއި އެކަމަކު އޭރު އެމީހުން ހުޅުޖަހާފައިވާ ކަމަށެވެ. އަދި ދެ ދަރިން އަލިފާނުން ސަލާމަތް ނުކުރެވި އަނދައިގެން ދިޔައީ ކަމަށް ވެސް އޭނާ ބުނެ އެވެ.

އޭނާ ބުނި ގޮތުގައި ހުޅުޖެހި މީހުން ވަނީ އޭނާގެ އާއިލާގެ ދުވަސް ދުއްވާލާނެ ކަމަށް ބުނެ ކުރިން އިންޒާރުކޮށްފައެވެ. އަދި އެ އަވަށް ދޫކޮށް ދިޔުމަށް އެމީހުން އަމަރުކުރި ކަމަށް ވެސް ބުންޏެވެ.

އިއްޔެ ހިނގި މި ހާދިސާއާއި އެކު އެ ސަރަހައްދުގެ އާންމުންގެ ގިނަ ބަޔަކު ވަނީ މަގުތަކަށް ނިކުމެ، މަގުތައް ބަނދުކޮށް މި ނުބައި އަމަލު ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވައި ހަޅުތާލު ކޮށްފައެވެ. މިއަދު އިތުރު އެތައް ބަޔަކު ވަނީ މި މުޒާހަރާއާ ގުޅިފައެވެ
.
ފަރީދުއާބާދުގައި ނުތަނަވަސްކަން ފެތުރިފައި ވާއިރު، ފުލުހުން ވަނީ އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައެވެ. މި ހަމަލާއާއި ގުޅިގެން ތިން މީހުން ހައްޔަރުކޮށްފައި ވާއިރު، ފުލުހުން ދަނީ އިތުރު ނުވަ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އިންޑިޔާގައި އެކި ފަންތިތަކަށް މީހުން ބެހިފައިވަނީ ޒަމާނުއްސުރެ ގަބޫލުކުރާ ކާސްޓް ސިސްޓަމްގެ ދަށުންނެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި މަތީ ކާސްޓެއްގެ މީހަކު ދަށު ކާސްޓެއްގެ މީހަކާ އެއްވެސް ގުޅުމެއް ބާއްވައިގެން ނުވާނެއެވެ. އަދި މުޖަތަމައުގެ އެންމެ ދަށް ކަމަށް ގަބޫލުކުރެވޭ މަސައްކަތްތައް ކުރަން ޖެހޭނީ ދަށް ކާސްޓުތަކަށް ނިސްބަތްވާ މީހުންނެވެ. މި ހާދިސާ ހިނގި ސަރަހައްދުގައި ދަށް ކަމަށް ބަލާ ދަލިތު ކާސްޓުގެ މީހުންނާއި މަތީފަންތިއެއް ކަމަށް ބަލާ ރާޖްޕުތު ކާސްޓުގެ މީހުންގެ މެދުގައި ޒަމާނުއްސުރެ ދެކޮޅުވެރިކަން އޮވެއެވެ.