ލައިފްސްޓައިލް

ހަތް އަހަރުގެ މި ކުއްޖާއަށް 80 ކިލޯ އުފުއްލަން އެއްވެސް ކަމެއްނޫން

ރޯރީ: ފަސް އަހަރުއްސުރެ ބަރު އުފުއްލަން ވަނީ ފަށާފަ

ކޮންމެ ދުވަހަކު ގަވާއިދުން ކަސްރަތުކޮށް ހަދަން އުނދަގޫ ހެއްޔެވެ؟ އެހެންވެއްޖިއްޔާ ރޯރީ ވެން އުލްފަތު ނަމަކަށް ކިޔާ ހަތް އަހަރުގެ އަންހެންކުއްޖާގެ ވާހަކަ ކިޔާލާށެވެ.

މި ކުޑަ ކުއްޖާ އަކީ ބަރު އުފުލުމުގައި އެފަދަ ދެވަނަ އެއް ނެތް މިސާލެކެވެ. މިހާ ކުޑަ ކުއްޖަކަށް އުފުލިދާނެކަމަށް މީހަކު ގަބޫލު ވެސް ނުކުރާ ބަރުދަން މި ކުއްޖާ އުފުލަ އެވެ.

ރޯރީ އޭނާގެ އަމިއްލަ އިންސްޓަގްރާމް އެކައުންޓުން މި މަންޒަރުތައް ޝެއާ ކުރަމުންދާއިރު އޭނާ ފޮލޯކުރާ މީހުންގެ އަދަދު އެތައް ލައްކައަކަށް އަރާފައި ވެއެވެ.

ރޯރީ އަކީ އެންމެ ހަތަރު ފޫޓު ދިގުމިނުގައި ހުރި ކުޑަ ކުޑަ އަންހެންކުއްޖެކެވެ. މި ކުޑަ ކުއްޖާއަށް 80 ކިލޯގްރާމް ބަރުދަން އުފުލުމަކީ އެއްވެސް ކަމެއް ނޫނެވެ. އަދި 61 ކިލޯގްރާމާއެކު ސްކޮޓް ހަދާލަން މި ކުއްޖާ ހަމަ ވަރަށް ކުޅަދާނަ އެވެ.

ރޯރީ ބަރު އުފުއްލަން ފެށީ އުމުރުން ފަސް އަހަރުގަ އެވެ. އެއީ އޭނާ ބައިވެރިވާ ޖިމްނާސްޓިކް ކްލާހެއްގައި ފުރަތަމަ ފަހަރަށް ބަރު އުފުލަން ޖެހުނު ދުވަހުން ފެށީގެންނެވެ.

މިހާރު ރޯރީ އަކީ އެމެރިކާގެ ބަރުއުފުލުމުގެ 11 އަހަރުން ދަށް އަދި 13 އަހަރުން ދަށުގެ ޔޫތު ނެޝަނަލް ޗެމްޕިއަން އެވެ. އަދި ރޯރީ އަކީ އެމެރިކާގެ ތާރީޚުގައި ވެސް 11 އަހަރުން ދަށުގެ ބައިން ޗެމްޕިއަންކަން ލިބުނު އެންމެ ހަގު ކުއްޖާ އެވެ.

އެމެރިކާގެ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ރޯރީ ބުނީ ވަރުގަދަވާން އޭނާ ބޭނުންވެ އެވެ. ވަރުގަދަ ވާ ވަރަކަށް އިތުރަށް ވަރުގަދަ ވުމުގެ ހިތްވަރާއި ފުރުސަތު އޭނާއަށް ލިބޭކަމަށް ރޯރީ ބުންޏެވެ.

"އަހަރެންނެއް ނުބަލަން ކުރިން ވީގޮތެއް އަދި ފަހުން ވާނެ ގޮތެއް. އަހަރެން އެއްވެސް ކަމަކާ ނުވިސްނަން. އަހަރެން ކަންކަން ކުރަނީ މުޅިން ސިކުނޑި ހުސްކުށްލައިގެން،" ރޯރީ ބުންޏެވެ.

ގްރޭޑް ތިނެއްގައި ކިޔަވާ ރޯރީ ބުނީ އޭނާ އެންމެ ހިތްހަމަޖެހެނީ ކުރިން ހިފާ ވަރަށް ވުރެ ކުޑަ ތަންކޮޅެއް ވެސް އިތުރަށް ބަރު އުފުލިއްޖެނަމަ އެވެ. އެފަދަ ވަގުތުތަކުގައި އޭނާ އަމިއްލަ ނަފްސަށް ފަހުރުވެރިވެ އެވެ.

ކެނެޑާގެ އޮޓާވާގައި މައިންބަފައިންނާއި ފަސް އަހަރުގެ ފިރިހެން ކޮއްކޮ އާއެކު ދިރިއުޅޭ ރޯރީ ބުނި ގޮތުގައި އޭނާ ތަމްރީނުތައް ހަދަނީ ކޮންމެ ހަފުތާއެކު ނުވަ ގަޑިއިރު އެވެ. އަދި ބަރު އުފުއްލަނީ ހަތަރު ގަޑިއިރު އެވެ.