އިންޑިޔާގެ މަޝްހޫރު ކޮމެޑިއަން ކަޕިލް ޝަރުމާ އާއި އޭނާގެ ޒަމާންވީ އެކުވެރިޔާ ގިނީ ޗަތުރާތު ކައިވެނިކުރީ 2018ގެ ޑިސެމްބަރު 12 ވަނަ ދުވަހު އެވެ. މި ދެ މީހުންގެ ކައިވެންޏަށް ދެ އަހަރު ފުރުނު މުނާސަބަތާ ފާހަގަ ކުރި ދުވަހު ވެސް ކަޕިލް އުޅުނީ އޭނާގެ ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ"ގެ ޝޫޓިންގަ އެވެ.
ނަމަވެސް ކައިވެންޏަށް ދެ އަހަރު ފުރުނު ދުވަހާ ގުޅުވައިގެން ގިނީ އަށް ވިޝްކުރަން ކަޕިލް ހަނދާން ބެހެއްޓި އެވެ. އޭނާގެ ވިޝްކޮށް ޝެއާ ކުރި ޕޯސްޓު ވެސް އޭނާގެ ވާހަކަ ދެއްކުންހާ މަޖަލެވެ.
"ސޮރީ ބޭބީ. އަހަރެމެންގެ އެނިވަސަރީގައި ވެސް އަހަރެން މި އުޅެން ޖެހެނީ މަސައްކަތުގައި އަވަދިނެތި. އެނިވަސަރީ ހަދިޔާ ދެވޭނީ ފައިސާ ހޯދައިގެންތާ،" ގިނީ އާއެކު ނަގާފައިވާ ފޮޓޯއަކާއެކު ކަޕިލް އިންސްގްރާމްގައި ޝެއާކުރި ޕޯސްޓެއްގައި ބުނެފައި ވެއެވެ.
ކައިވެންޏަށް ދެ އަހަރުވީއިރު ކަޕިލް އާއި ގިނީ އަށް ދަރިއަކު ލިބިފައި ވެއެވެ. އަދި މިހާރުވެސް ގިނީ އިނީ ބަލިވެ ކަމަށާއި 2021 ގައި އެ ދެމަފިރިންނަށް އިތުރު ދަރިއަކު ލިބޭނެ ކަމަށް ބައެއް އޮންލައިން ނޫސްތަކުގައިވާ ޚަބަރުތައް ބުނެ އެވެ.
ކަޕިލް އަކި އޭނާގެ ޝޯގައި ބައިވެރިވާ ހުރިހާ ބަތަލާއިންނާ ވެސް ވަރަށް ސަމާސާ ކުރާ އެކްޓަރެކެވެ. އެހެންވެ ކުއްލިއަކަށް ގިނީ ނަމަކަށް ކިޔާ މީހަކާ ކައިވެނިކުރުމުން ވަރަށް ގިނަ ބަޔަކު މިކަމާ ކަޕިލް އާ ސުވާލުކުރެ އެވެ. އެއްބަޔަކު ހީކުރީ ކަޕިލް މާ ގަދަޔަށް ރާބޮއި ވިޔާނުދާކޮށް އުޅެން ފެށީމަ އޭނާގެ މަންމަ ގަދަކަމުން މީހަކާ ކައިވެނި ކުރުވީ ކަމަށެވެ.
ނަމަވެސް ތަންކޮޅެއް ކުރިން ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއު އެއްގައި ކަޕިލް ވަނީ އޭނާއާއި ގިނީގެ ލޯބީ ފެށިގެން އައި ގޮތާއި ކަން ވީ ގޮތް ހިއްސާ ކޮށްފަ އެވެ.
ގިނީ އާއި ކަޕިލްގެ ލޯބީގެ ވާހަކަ ފެށީފައިވަނީ 2005 ގައެވެ. ދެ މީހުން ބައްދަލުވީ ގިނީގެ ކޮލެޖުގައި އޮތް އޮޑިޝަނަކުންނެވެ.
ދެ މީހުން ކިޔަވަމުންދިޔައީ ދެ ކޮލެޖެއްގައި ނަމަވެސް ޕޮކެޓްމަނީ އަށް ލިބޭ ފައިސާގެ އިތުރުން ފައިސާކޮޅެއް ހޯދަން ކޮލެޖުތަކުގައި އޮންނަ ޑްރާމަތައް ޑައިރެކްޓްކޮށްދިނުމުގެ މަސައްކަތް އޭރު ވެސް ކަޕިލް ކުރެ އެވެ. ގިނީގެ ކޮލެޖުގައި ބާއްވާ ޑްރާމާ މުބާރާތެއްގެ ޑައިރެކްޓަރަކަށް އޭނާ ހަމަޖެހި އެ ޑްރާމާގައި ބައިވެރިވާނެ ކުދިންގެ އޮޑިޝަން ހަދަން ކަޕިލް އަށް ޖެހުނެވެ.
އޭރު ގިނީ އަށް 19 އަހަރެވެ. އޭނާ އޮޑިޝަންއަށް ފޮނުވީ ކިޔަވައިދޭ ޓީޗަރުން ވަރަށް ބާރު އަޅައިގެންނެވެ. ކަޕިލް އަށް ގިނީގެ އޮޑިޝަން ވަރަށް ކަމުދިޔަ އެވެ. އަދި އެހެން ކުދިން ހޮވުމުގައި އޭނާއާ އެހީތެރިވާން ގިނީ ނެގި އެވެ.
"އަހަރެމެން ޑްރާމާގެ ރިހާސަލްތައް ފެށިތަނާ ގިނީ އަހަންނަށް ކެއުން ގެނެސްދޭން ފެށީ. އަހަރެން ހީކުރީ އެއީ އަހަރެންމީ ޑައިރެކްޓަރު ވީމަ އިހުތިރާމް އަދާކުރުމުގެ ގޮތުން ކުރާ ކަމެކޭ،" ކަޕިލް ބުންޏެވެ.
ފަހުން ކަޕިލްގެ އެކުވެރިން އޭނާ ކައިރީގައި ގިނީ އޭނާ ދެކެ ލޯބިވެޔޭ ކިޔަން ފެށި އެވެ. ނަމަވެސް އެ ވާހަކަ ކަޕިލް ގަބޫލެއް ނުކުރެ އެވެ.
"އަހަރެން އެންމެ ފަހުން އެއް ދުވަހު ގިނީ ކައިރި އަހައިފިން އޭނާ އަނެއްކާ އަހަރެންނާ ގަޔާވަނީހޭ. ބުނީމަ ގިނީ ބުނީ އެއްބަހެއް ނުވި. ބުނީ ނޫނެކޯ،" ކަޕިލްގެ އިންޓަވިއުގައި ބުނެފައި ވެއެވެ.
އޭގެ ފަހުން ދަރިވަރެއްގެ ނަމުގައި ކަޕިލް ވަނީ ގިނީ އޭނާގެ މަންމައަށް ތައާރަފްކޮށްދީފަ އެވެ.
"އޭގެ ފަހުން އަހަރެން މުމްބައި އަށް އައިސް 'ލާފްޓާ ޗެލެންޖް' ޝޯ އަށް އޮޑިޝަން ދިނީ. އަދި ޕަންޖާބީ ޓީވީ ޗެނަލްގެ ޝޯއެއްގައި ވެސް ބައިވެރިވިން. އެހާ ޅަ އުމުރުގައި ވެސް ކިޔަވަމުން މަސައްކަތްކުރާތީ އަހަރެންނާ މެދު ގިނީ ހުރީ ވަރަށް ހިތްހަމަޖެހިފަ،" ކަޕިލް ބުންޏެވެ.
މުމްބައިގައި ހުއްޓަސް ކަޕިލް އާއި ގިނި ފޯނުން ވާހަކަ ދައްކަ އެވެ. ނަމަވެސް 'ލާފްޓާ ޗެލެންޖް" އޮޑިޝަނުން ކަޕިލް އަށް ޖާގަ ނުލިބި ކެޓީމަ ދެން އޭނާއަށް ނުގުޅާށޭ ކަޕިލް ގިނީއަށް އެންގި އެވެ.
"އޭރު އަހަރެން އެހެން ބުނީ އަހަރެމެން ދެ މީހުންގެ އޮތް ގާތް އެކުވެރިކަމުގައި އެއްވެސް މުސްތަގްބަލެއް ނެތް ކަމަށް ގަބޫލުކުރެވިގެން. މާލީގޮތުން އޭނާ އަހަރެން އުޅެނީ ވަރަށް ދަށުގައި. ގިނީ އަކީ ފުދޭވަރެއްގެ ލިބޭ އާއިލާއެއްގެ ކުއްޖެއް،" ކަޕިލް ބުންޏެވެ.
ފަހުން އަނެއްކާ 'ލާފްޓާ ޗެލެންޖް' އަށް ކަޕިލް ހޮވުނީމަ ގިނީ ގުޅައި މަރުހަބާ ކިއެވެ.
ކަޕިލް އަށް ރަނގަޅު އާމްދަނީއެއް ލިބެން ފެށުމުން ކަޕިލްގެ މަންމަ ގިނީގެ އާއިލާ ކައިރިއަށް ކަޕިލްގެ ކައިވެނީގެ ޕްރޮޕޯޒަލް ހިފައިގެން ދިޔަ އެވެ. ނަމަވެސް ގިނީގެ ބައްޕަ އެކަމާ ދެކޮޅުހެދީ އެވެ.
"ގިނީގެ ބައްޕަ ވަރަށް ލޯބިން 'ޝަޓްއަޕް' އޭ ބުނީ،" ކަޕިލް ހެމުން ހެމުން ބުންޏެވެ.
އެހާތަނުން އަނެއްކާވެސް އެކިއެކި ޝޯތަކުގައި ކަޕިލް މުމްބައިގައި މާ ބޮޑަށް ބިޒީ ވީ އެވެ. ގިނީ އެމްބީއޭ ފައިނޭންސްގެ ޑިގްރީއެއް ފުރިހަމަކުރިއިރު ވެސް ދެ މީހުންގެ މެދުގައި އެއްވެސް ގުޅުމެއް ނެތެވެ. ކަޕިލް ގަބޫލުކުރާ ގޮތުގައި އެ ހުރިހާ ދުވަހަކުވެސް ގިނީ ކިޔެވުމުގެ މަސައްކަތުގައި އަވަދިނެތި އުޅުނީ އެހެން މީހަކާ ކައިވެނި ކުރުވަން އާއިލާއިން އުޅެފާނެތީ އެވެ.
"އެހާތަނަށް ދިޔައިރު އަހަންނަށް މުމްބައިގައި ރަނގަޅަށް ހަމަޖެހިގެން ދިރިއުޅެވޭވަރު ވެއްޖެ. އަހަރެންގެ ހަޔާތުގައި ވަރަށް ގިނަ ކަންތައްތަކެއް ހިނގައިފި. ގިނީ ހަމަ ކެތްތެރިކަމާއެކު އަހަރެންގެ އިންތިޒާރުގައި ނުވެސް ގުޅާ ހުރި. އަހަރެން ހިތަށް އެރި މި ހުރިހާކަމެއް ހިނގިއިރުވެސް އޭނާ (ގިނީ) ދުވަހަކުވެސް މަށަށް އުނދަގޫކޮޅެއް ނަހަދައޭ. މިހާ ކެތްތެރިމީހެއް އަހަރެން ދުވަހަކުވެސް ނުދެކެމޭ. އެހެންވެ ހަޔާތުގައި އަހަންނަށް ކުރިމަތިވި އެންމެ ގަޑުބަޑު ދުވަސްވަރު ގިނި އާ ކައިވެނިކުރަން އަހަރެން ނިންމީ. އެންމެ ފަހުން ގިނީ އަށް ފޯނުކޮށްފައި ކައިވެނި ކުރާނަންތޯ އެހީ ވެސް އަހަރެން،" ކަޕިލް ބުންޏެވެ.
ގިނީ ހުރިހާ ދުވަހުވެސް ކިޔަވާލަ ކިޔަވާލަ ހުރީ ކަޕިލްގެ އިންތިޒާރުގައި ކަމުން ވަގުތުން އާނއެކޭ ބުންޏެވެ. އަދި އިސާހިތަކު ދެ މީހުންގެ ކައިވެނީގެ ކަންތައްތައް ހަމަޖެހުނެވެ.
ކަޕިލް އާއި އޭނާގެ ޝޯގައި ކުރިން ބައިވެރިވި މުހިއްމު އެކްޓަރެއް ކަމަށްވާ ސުނިލް ގްރޯވަރު އާ ޖެހުނު މައްސަލަ ތަކަށްފަހު ކަޕިލްގެ ދިރިއުޅުން އަނދިރި ވަޅުގަނޑަކަށް ވެއްޓުނެވެ. ރަލުގެ މަސްތުގައި ޖެހި ޝޫޓިންގައި ބައިވެރިވެރި ނުވި ޝޯ މެދުކަނޑާލަން ޖެހޭ ވަރަށް އޭނާގެ ހާލަތު ދެރަވި އެވެ.
ގިނީ ވެގެން ދިޔައީ މި ދަނޑިވަޅުގައި ކަޕިލް އަލުން ފައިމައްޗަށް ކޮޅަށް ނެގުމުގައި އޭނާއަށް ހިތްވަރުދީ އެހީތެރިކަން ފޯރުކޮށްދިން މީހާ އަށެވެ. ދެ މީހުންގެ ކައިވެންޏަށްފަހު ކަޕިލް ހުރިހާ ގޯސް އާދަތަކެއް ދޫކޮށް މުޅިން އާ ދިރިއުޅުމެއް އުޅެން ފަށާފައި ވެއެވެ.