ބޮލީވުޑް

"ދަމާކާ"ގައި ކާރްތިކް އާއެކު މުރުނާލް

ކާރްތިކް އާރްޔަންގެ އުފަން ދުވަސް ކަމަށްވާ ނޮވެމްބަރު 22 ވަނަ ދުވަހު އޭނާ ވަނީ 'ދަމާކާ"ކިޔާ ފިލްމެއް ކުޅޭކަން އިއުލާން ކޮށްފަ އެވެ. މިއީ "ނީރްޖާ" އާއި "އާރްޔާ"ގެ ޑައިރެކްޓަރު ރާމް މަދްވާނީގެ ފިލްމެކެވެ. ކާރްތިކް އެ ދުވަހު އިއުލާން ކޮށްފައިވާ ގޮތުގައި ފިލްމުގެ މަސައްކަތް އޭނާ ވަރަށް އަވަހަށް ފަށާނެ އެވެ.

ފަހުގެ ހަބަރުތައް ބުނާ ގޮތުގައި މި ފިލްމުގެ ބަތަލާ އަކަށް މުރުނާލް ޓާކޫރް ވަނީ ހަމަޖެހިފަ އެވެ. ކުރިން އިންޑިޔާގެ ނޫސްތަކުން ބުނެފައިވަނީ "ދަމާކާ"ގެ ބަތަލާއަކީ ޔަމީ ގޯތަމް ކަމަށެވެ. ނަމަވެސް ފިލްމާ ގުޅުން ހުރި މީހުން އިންޑިޔާގެ ނޫހަކަށް ޔަގީން ކޮށްދީފައިވާ ގޮތުގައި ފިލްމުގެ ބަތަލާއަކަށް މުރުނާލް މިހާރު ވަނީ ސޮއިކޮށްފަ އެވެ.

މީގެ ކުރިން މުރުނާލް ވަނީ "ބަޓްލާ ހައުސް" އާއި "ސުޕަ 30"ގައި ލީޑް ރޯލު އަދާ ކޮށްފަ އެވެ.

މިއީ ކާރްތިކް އާއި މުރުނާލް އެކުގައި ކުޅޭ ފުރަތަމަ ފިލްމަށް ވާތީ މުޅިން ތާޒާ އާ ޖޯޑެއް ފިލްމުގައި ފެންނާތީ ގިނަ ބައެއްގެ އުންމީދުތައް ވަނީ މި ފިލްމަށް އިތުރުވާގޮތް ވެފަ އެވެ.

މި ފިލްމުގެ ޝޫޓިންގްގައި ކާރްތިކް ބައިވެރިވާން ފަށާނީ ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެންނެވެ. ހޮޓަލެއްގައި ކަރަންޓީނު ވެގެން ހުރެ ފިލްމު ޝޫޓިން ފަށަން ކާރްތިކް ދަނީ ތައްޔާރުވަމުން ކަމަށް ވެއެވެ. މުރުނާލް ވެސް ދެ ދުވަހެއްގެ ތެރޭގައި ފިލްމުގެ ޝޫޓިންގްގައި ބައިވެރިވާން ފަށާނެ އެވެ.

މުރުނާލް މިހާރު ދެ ފިލްމެއްގެ މަސައްކަތް ކުރަމުން އެބަ ދެއެވެ. އޭގެ ތެރެއިން އެއް ފިލްމަކީ ޝާހިދު ކަޕޫރާއެކު ކުޅޭ "ޖާޒީ" އެވެ. ދެ ވަނަ ފިލްމަކީ ފަރްހާން އަޚްތަރް އާއެކު ކުޅޭ "ތޫފާން" އެވެ.

ކާރްތިކް ވެސް ސޮއިކޮށްފައިވާ އިތުރު ދެ ފިލްމެއްގެ މަސައްކަތް ވަކި ހިސާބަކަށް ނިމިފައި ވެއެވެ. އޭގެ ތެރެއިން އެއް ފިލްމަކީ ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 2" އެވެ. އަނެއް ފިލްމަކީ ޖާންވީ ކަޕޫރާއެކު ކުޅޭ "ދޯސްތާނާ 2" އެވެ.