ކުޅިވަރު

ރެއާލް އާޖެހި އެތުލެޓިކޯއަށް ލީގުގައި ފުރަތަމަ ބަލި

ރެއާލް މެޑްރިޑް އަތުން 2-0 އިގެ ނަތީޖާ އަކުން ބަލިވެ، ތާވަލުގެ އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ލަލީގާގައި ފުރަތަމަ ފަހަރަށް ބަލި ވެއްޖެ އެވެ.

ރެއާލްގެ ވަގުތީ ހޯމް ދަނޑު އަލްފްރެޑޯ ޑި ސްޓެފަނޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ރެއާލްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ކާލޯސް ކަސަމީރޯ އެވެ. މެޗުގެ 15 ވަނަ މިނެޓްގައި ޓޯނީ ކްރޫޒް ނެގި ކޯނަރު ނިއާ ޕޯސްޓް ކައިރިން ބޮލުން ޖަހައި ކަސެމީރޯ ވަނީ ބޮލުން ގޯލްގެ ތެރެއަށް ވައްދާލާފަ އެވެ.

ރެއާލްގެ ދެ ވަނަ ލަނޑު 63 ވަނަ މިނެޓްގައި ޑެނީ ކަވަހާލް ފޮނުވާލި ބޯޅަ ދަނޑިގައި ޖެހިފައި ގޯލްގެ ތެރެއަށް ވަނެވެ. ކްރޫޒް ދިން ބޯޅައިން ކަވާހާލް ވަނީ އޭރިއާގެ ބޭރުގައި ހުރެފައި އެ ބޯޅަ ގޯލްގެ ތެރެއަށް ވައްދާލާފަ އެވެ. ގޯލް ދަނޑިގައި ޖެހިފައި އެ ބޯޅަ ގޯލަށް ވަނީ އެތުލެޓިކޯގެ ކީޕަރު ޔޭން އޮބްލެކްގެ ގައިގައި ޖެހިފަ އެވެ. އެހެންވެ އެ ގޯލް ލިސްޓް ކޮށްފައި ވަނީ އޮބްލެކް އަތުން ބައިކޮޅަށް ވަން ގޯލްގެ ގޮތުގަ އެވެ.

އެތުލެޓިކޯ މިވަގުތު އެއް ވަނައިގައި އޮތް ނަމަވެސް، ރެއާލް ސޮސިއެޑާޑުން މިރޭ އައިބާ އާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ސޮސިއެޑާޑަށް ތާވަލުގެ އެއް ވަނަ ހޯދާނެ އެވެ.