ބޭރު ކުޅިވަރު

ބާސާ ދޫކޮށްލުމުގެ ވިސްނުމެއް ނެތް: މެސީ

ބާސެލޯނާ ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި ބާސާގެ ކޯޗު ލުއިސް އެންރީކޭ މަގާމުން ވަކިކުރަން ކްލަބަށް ހުށަހެޅި ކަމަށް ބުނާ ވާހަކަތަކީ ވެސް ދޮގެއް ކަމަށް ބާސާގެ އާޖެންޓީނާ ފޯވަޑް ލިއޮނެލް މެސީ ބުނެފި އެވެ.

"ޗެލްސީ ނުވަތަ މެންޗެސްޓާ ސިޓީ ނުވަތަ އެހެން ޓީމަކަށް ވެސް ބަދަލުވާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެން ކްލަބަކަށް ހުށައެއް ނާޅާން އެއްވެސް މީހަކު މަގާމުން ވަކިކުރާކަށް،" މެސީ ބުންޏެވެ. "މީހުން ވާހަކަދައްކާ ގޮތުން ހީވަނީ އަހަރެން ހިންގާ ކްލަބެއްހެން މިއީ. އެކަމަކު އެއީ ކަން އޮތް ގޮތެއް ނޫން. ކްލަބުގެ ނިންމުންތަކުގައި އަހަރެންގެ ނުފޫޒެއް ނޯންނާނެ. މި ފަހުން މި ފެތުރުނު ވާހަކަތަކުގައި ހަގީގަތެއް ނެތް."

ސްޕެއިން ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑް އަތުން 3-1 އިން މޮޅުވެ، ތާވަލްގެ ދެވަނައިގައި އޮތް ބާސާ ވަނީ ތާވަލްގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑްގެ ލީޑު އެއް ޕޮއިންޓަށް ކުޑަކޮށްފަ އެވެ. މި މެޗުގައި ބާސާގެ ނޭމާ އާޢި ލުއިސް ސުއަރޭޒް ލަނޑު ޖެހީ މެސީ ތަނަވަސްކޮށްދިން ފުރުސަތުތަކުންނެވެ. އަދި ބާސާގެ ތިން ވަނަ ލަނޑު ޖެހީ މެސީ އެވެ.