ވިޔަފާރި

ސަޓާ އެވޯޑު މިފަހަރު ވާޗުއަލްކޮށް، މިމަހު 15 ގައި

Dec 13, 2020

ސައުތު އޭޝިއަން ޓްރެވަލް އެވޯޑް (ސާޓާ) ގެ އެވޯޑު ދިނުން މިމަހުގެ 15 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ދެކުނު އޭޝިއާގެ ޓްރެވަލް އެންޑް ޓޫރިޒަމް ސިނާއަތަށް ހާއްސަކޮށް ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ ސަޓާ އިންތިޒާމު ކުރާ ރާއްޖޭގެ ހައިރައިސް ކުންފުނިން ބުނި ގޮތުގައި މި އަހަރުގެ އެވޯޑަށް ޖަޖު ކުރުން ނިމިފައިވާއިރު، މި އިވެންޓު މި މަހުގެ 15 ގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.

އަދި މި އަހަރުގެ އެވޯޑު އޮންލައިންކޮށް ބާއްވަން ނިންމީ ކޮވިޑް-19 އިގެ ބަލީގެ ސަބަބުން މި ހާލަތަށް ބެލުމަށް ފަހު ކަމަށެވެ.

ސަޓާ ވާޗުއަލް އެވޯޑަށް މި އަހަރު 52 ކެޓަގަރީއަކުން 1،000 ފަރާތެއް ނޮމިނޭޓް ވެފައިވެ އެވެ. އަދި މި އެވޯޑު ބާއްވަނީ މި ސަރަހައްދުގެ ޓޫރިޒަމް ސިނާއަތުގެ ގިނަ ޖަމިއްޔާތަކެއްގެ ބައިވެރިވުމާއެކުގަ އެވެ. މި އެވޯޑަކީ މި ޖަމިއްޔާތަކުން އެންޑީޒްކޮށްފައިވާ އެވޯޑު ތަކެކެވެ.

މިއީ މި އެވޯޑު ބާއްވާ ފަސް ވަނަ ފަހަރެވެ. މީގެ ކުރިން މި އެވޯޑު ސްރީލަންކާ އާއި އިންޑިއާ އަދި ރާއްޖޭގެ އައްޑޫ ސިޓީގައި ވެސް ބާއްވާފައިވެ އެވެ.