ވިޔަފާރި

ޓޫރިސްޓުން އުފުލަން ޖުމެއިރާއިން ހާއްސަ އުޅަނދެއް!

ޖުމެއިރާ ވިތަވެލި ރިސޯޓަށް އަންނަ ޓޫރިސްޓުން އުފުލަން ހާއްސަ ލަގްޒަރީ އުޅަނދެއްގެ ހިދުމަތް ފަށައިފި އެވެ.

ޓޫރިޒަމް ހަބަރު ގެނެސްދޭ "ރަސް" ޓޫރިޒަމް ނިއުސްގައި ވާގޮތުން ހާއްސަ ހިދުމަތްތައް ލިބޭ ގޮތަށް ފެށި "އެކްސްކްލޫސިވް ސްޕީޑް ބޯޓް" ހިދުމަތް ދިނުމަށް ބޭނުންކުރާނީ ހާއްސަ ގޮތަކަށް ފަރުމާކޮށްފައިވާ އުޅަނދެކެވެ.

މި ލޯންޗުގައި ހިލޭ ވައިފައި އާއި ޓީވީ އަދި ތަފާތު ރިފްރެޝްމަންޓްތައް ލިބެން ހުންނާނެ ކަމަށް ވސް ޖުމެއިރާއިން ބުނެ އެވެ. ނަމަވެސް ބޯޓްގެ ޖާގައިގެ އަދަދެއް ނުބުނެ އެވެ.

އެ ރިސޯޓުން ބުނި ގޮތުގައި ދެ ކަނދުގެ މައްޗަށް ހަދާފައިވާ "އައި ކެޓަމަރާން" ގެ މި އުޅަނދުގެ ބޮޑު މިނުގައި 52 ފޫޓު ހުންނާނެ އެވެ. ދެކުނު އެފްރިކާގައި ބަނދެގެން ރާއްޖެ ގެނެސް ބޭނުންކުރަމުން ގެންދާ މި އުޅަނދުގައި 800 ހޯސްޕަވަރުގެ އިންޖީނެއް ހުންނައިރު، މިއީ މިފަދަ ލަގްޒަރީ ސްޕީޑް ބޯޓެއްގެ ހިދުމަތް ރާއްޖޭގައި ފެށި ފުރަތަމަ ފަހަރު ކަމަށް އެ ރިސޯޓުން ބުނެފައިވެ އެވެ.

ޖުމެއިރާ ވިތަވެލި ރިސޯޓަކީ "ގްރީން ގްލޯބް" އެވޯޑު އެވޯޑު ލިބިފައިވާ ރިސޯޓެކެވެ. މި ރިސޯޓަކީ ދުނިޔޭގެ މަޝްހޫރު ގިނަ ބައެއްގެ މެދުގައި މަގުބޫލު ރިސޯޓެކެވެ. ޖުމެއިރާ އިން ވިތަވެލީގެ އިތުރުން، ދެވަނަފުށީގެ ނަމުގައި ވެސް އިތުރު ރިސޯޓެއް ހިންގަމުންދެ އެވެ.