މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އެމެރިކާގެ ބައޮޖެން ފާމަސޫޓިކަލް ކޮމްޕެނީއިން ދެ ދުވަހުގެ އިވެންޓެއް ކެމްބްރިޖްގައި ބޭއްވި އެވެ. މި އިވެންޓްގައި ބައިވެރިވި 99 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވިއެވެ. ހަގީގަތުގައި މި އިވެންޓް ވެގެން ދިޔައީ އެމެރިކާއަށް ބަލި ފެތުރިގެން ދިޔަ އެންމެ ބޮޑު ސަބަބަށެވެ. މިއީ އެ ގައުމުގައި ބަލި ފަތުރާލި "ސުޕަސްޕްރެޑާ" އެވެ.
އެ އިވެންޓުގައި އެ ދުވަހު ބައިވެރިވި މީހުންނަކަށް އެ އިވެންޓުގެ ސަބަބުން ކިހާ ބާރު މިނެއްގައި ކިހާ ދުރަކަށް ބަލި ފެތުރިދާނެކަމެއް ކުޑަކޮށް ވެސް އިހްސާސް ކޮށްލެވިފައެއް ނެތެވެ.
ބޮސްޓޮން ހޮޓެލްގައި އޮތް މި އިވެންޓުގެ އާ އެނަލައިސިސް އެއް ހެދުމުން އެ އިވެންޓުން ދޫވެގެން ދިޔަ ކޮރޯނާވައިރަސްތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރުނުކަން ވަނީ ސާބިތު ކުރެވިފަ އެވެ. މި އިވެންޓުގެ ބައިވެރިންގެ ތެރެއިން ބަލި ޖެހުނު މީހުންގެ ފަރާތުން އެކަނިވެސް އެމެރިކާގެ 245،000 މީހުންނަށް ކޮވިޑް ޖެހުނެވެ. އަދި އޮކްޓޯބަރުގެ ނިޔަލަށް މި އަދަދު 300،000 އަށް އަރާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
މި އިވެންޓުން ދޫވި ވައިރަސް ސްޓްރެއިން އެމެރިކާގެ 29 ސްޓޭޓަކަށް ފެތުރުނެވެ. އަދި އިތުރު ތިން ގައުމަކަށް ވެސް މި ވައިރަސް ފެތުރިފައިވަނީ މި އިވެންޓުންނެވެ. މި ގައުމުތަކަކީ އޮސްޓްރޭލިޔާ، ސްވިޑްން އަދި ސްލޮވާކިއާ އެވެ.
އެ އިވެންޓުގައި ބައިވެރިވި ބައިޓެކްނޮލޮޖީ އެގްޒެކެޓިވްސް ތިބީ އެއް ކޮޓަރިއެއްގައި ވަރަށް ބޮނޑިވެގެން ކަހަލަ ގޮތަކަށެވެ. މި މީހުންގެ ފަރާތުން މި ވައިރަސް ބޮސްޓަންގެ ގެދޮރުނެތް މީހުން ދިރިއުޅޭ ތަނަކަށް ފެތުރުނެވެ. އަދި އެތަނުގައި ތިބި އެތައް ސަތޭކަ ބަޔަކަށް ބަލި ޖެހުނެވެ.
މިއީ ހަމައެކަނި ކޮވިޑް އިންފެކްޝަން ޖެހުނު މީހުންގެ އަދަދެވެ. މި ބަލީގައި މަރުވި މީހުންގެ އަންދާޒާ ކޮށްލަން ވެސް ނޭނގެ އެވެ.
އެމެރިކާގެ އެޕިޑެމިއޮލޮޖިސްޓެއް ކަމަށްވާ ބްރޮނީން މެކްއިނިސް ވިދާޅުވީ މި އިންޒާރަކަށް ބަލަން ރަނގަޅު ވާހަކަ އެކެވެ. މި ކަހަލަ ވާހަކަތަކުގައި އާންމުކޮށް އެނގެނީ 20 ނުވަތަ 25 ވަރަކަށް ކްލަސްޓާ އުފެދިއްޖެ ކަން ކަމަށާއި އޭގެ ފަހުން ވާ ގޮތް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔަގީންވާ ކަމަކީ ބޮސްޓަންގެ އިވެންޓަކީ އެންމެ ބޮޑަށް އެމެރިކާގައި ބަލި ފެތުރެން މެދުވެރިވީ ސަބަބު ކަމަށެވެ. އޭގެ ކުރިން އެމެރިކާ އިން ބަލި ޖެހިގެން ރިޕޯޓު ކޮށްފައިވަނީ 30 ވަރަކަށް މީހުންނެވެ. މި އިވެންޓު ބޭއްވި ފަހުން ކުއްލިއަކަށް އިތުރުވަމުން ގޮސް އެތައް މިލިއަން މީހުންނަކަށް ބަލި ޖެހުނީ އެވެ.