ވާހަކަ

ނޭދެމޭ ވަކިވުމެއް

(އެޕިސޯޑް 1)

މުޅި ކޮޓަރީގެ ތެރެއަށް ފެތުރިފައި ވަނީ އޭސީގެ ފިނި ކަމެވެ. ފަތިހުގެ ފިނިކަމާއި އެކުވެ، މުޅި ކޮޓަރި ތެރެއަށް ހީވަނީ ސްނޯ އޮހެމުންދާ ހެންނެވެ. އެ ލިބޭ ޝަބްނަމްގެ އަރާމު ކަމާއި، ހިތަށް ލިބޭ ފިނި ކަމުގެ ތެރޭގައި ގަދަ ނިދީގައި އޮތް ލިއުޝާއަށް ހޭލެވުނީ އޭނާގެ ފޯނު އެލާރމް ވާން ފެށުމުންނެވެ. އުނދަގު ގޮތަކަށް ދެލޯ ހުޅުވައިލަމުން، ލިއުޝާ އޭނާގެ ފޯނު ނަގައި އެލާރމް ކަނޑައިލިއެވެ. އަދި ކަންނެތް ގޮތަކަށް މޯޅިއަކަށް ދެމިލަމުން ލިއުޝާ އެނދުން ތެދުވިއެވެ.

ލިއުޝާގެ ސިކުނޑިއަށް ސަވާރުވެފައިވާ ގަދަ ނިދީގެ ސަބަބުން ލިއުޝާއަށް ކޮޅަށް ހުރެވެނީ ވެސް ހަމަ ކިރިޔާއެވެ. ކަންނެތް ފާޑަކަށް ކުރިޔަށް ފިޔަވަޅެއް ނަގަމުން ގޮސް ލިއުޝާ ކޮޓަރީގެ ލައިޓު ޖައްސައިލަމުން، އޭނާގެ އަތުކުރީގައިވާ ގަޑިއަށް ކަޅި ހިންގައިލިއެވެ.

"5 ޖަހަނީއޭ ދޯ؟" އާފުރެމުން ލިއުޝާ ގޮސް ހުއްޓުނީ އެނދުގެ ކުރިމަތީގައެވެ. އަދި އެނދުމަތީގައި ނިދާފައި އޮތް އޭނާގެ ފިރިމީހާ ހައިޝަމަށް ބަލައިލިއެވެ. ވަގުތު ކޮޅަކު ހައިޝަމަށް ބަލަން ހުރުމަށްފަހު، ލިއުޝާ މަޑުމަޑުން ގޮސް ހައިޝަމްގެ ގާތުގައި، ދެފައި އޮޅައިލަމުން އިށީންދެލިއެވެ. ހަމަ އެއާއި އެކު ލިއުޝާ ބަލަން ފެށީ ހައިޝަމްގެ މޫނަށެވެ. ވަގުތުކޮޅަކު ހައިޝަމްގެ ރީތި އަލި މޫނަށް ބަލަން އިނުމަށްފަހު، ލިއުޝާ އޭނާގެ ތުންފަތް ޖައްސައިލީ ހައިޝަމްގެ ކޮލުގައެވެ. އަދި ހައިޝަމްގެ ބުޅި އިސްތަށިގަނޑުގައި އަތުން ކުޅެލަމުން، ލިއުޝާ އެނދުން ތެދުވެގެން ގޮސް ވަނީ ފާޚާނާ އަށެވެ. ވުޟޫކޮށްލުމުގެ ބޭނުމުގައެވެ.

***

"ދަރިފުޅާ ޒީނާ! ދަރިފުޅާ. ފަތިސް ނަމާދު ކުރަން ތެދުވެބަލަ!" ޒީނާ ނިދާފައި އޮތް ކޮޓަރީގެ ދޮރުގައި މަޑުމަޑުން ތަޅަމުން އޭނާގެ މަންމަ ޒުހުދާ ގޮވަމުން ދިޔައެވެ.

"އާނ މަންމާ. މިތެދުވީ. ނަމާދު ކުރަން މިދަނީ." ކުއްލިއަކަށް ދެލޯ ހުޅުވައިލަމުން ޒީނާ އަވަސްކޮށް ބުނެލިއެވެ. ނަމަވެސް ޒީނާގެ ހިތަށް ވަދެގެން ދިޔަ ވަސްވާސްތަކުން އޭނާ އެނދުން ތެދުވާކަށް ބޭނުމެއް ނުވިއެވެ. އެހެން ކަމުން ޒީނާ ނެގީ އޭނާގެ ފޯނެވެ. އަދި ފޭސްބުކާއި، ސްނެޕް ޗެޓް ހާވަން ފެށިއެވެ.

ފޭސްބުކްގެ ތެރޭގައި ޣަރަޤުވަމުން ދަނިކޮށް ޒީނާގެ ލޮލުގައި އެއްލި ކަޅިއަކުން އަޅައިގަތީ، އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔާ ލިއުޝާ ލާފައިވާ ފޮޓޯއެކެވެ. ލިއުޝާ އާއި ހައިޝަމްގެ ލޯބިލޯބި އެ ތަސްވީރަށް ވަގުތުކޮޅަކު ޒީނާ ބަލަން އިނީ ލުއިކޮށް ހީނލައިގެންނެވެ.

އުމުރުން 15 އަހަރުން ފެށިގެން އެއްކޮށް ކިޔަވަމުން ގޮސް، ރާއްޖެއިން ބޭރުން މަތީ ތައުލީމު ވެސް އެދެމީހުން ހާސިލު ކުރީ އެކުއެކީގައެވެ. ރަޝިޔާގެ ޔުނިވާރސިޓީ އަކުން މެޑިސިން ކިޔަވައިގެން، އިންޓާރޝިޕް ނިންމީ ވެސް އެކަކު އަނެކަކު ގުޅިގެން، ވަރަށް ގާތްކޮށެވެ. ލިއުޝާ އާއި ޒީނާގެ އިތުރުން އެމީހުންނާއި އެކު ވަނީ އިތުރު 3 ފިރިހެން ޑޮކްޓަރުން ވެސް ކިޔެވުން ނިންމައި، އިންޓާރޝިޕް ވެސް ފުރިހަމަ ކޮށްފައެވެ. އެހެންކަމުން އެ އެންމެންނާ ވެސް، ލިއުޝާ އާއި ޒީނާ ގާތް ގުޅުމެއް ބާއްވައެވެ. މިހާރު އެ އެންމެން ވެސް އިންތިޒާރު ކުރަމުން ދަނީ، 1 މަސް ފަހުން އެމީހުން ރަސްމީކޮށް ވަޒީފާއަށް ދާން ޖެހޭނެ ދުވަހަކަށެވެ.

އިރުގެ އަލިން މުޅި މާލެ ފާންކުރަން ފަށައިފިއެވެ. ފެންވަރައި ރީތިވެގެން ހައިޝަމް ތައްޔާރު ވަމުން ދިޔައީ ވަޒީފާއަށް ދިޔުމަށެވެ. ހައިޝަމް މަސައްކަތް ކުރަމުން ދިޔައީ ޓީވީގެ ޚިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދޭ އޮފީހެއްގެ ޓެކްނީޝަނެއްގެ މަޤާމެވެ. ލޯގަނޑު ކުރިމަތީގައި ހުއްޓި ހުރެ، ހައިޝަމްގެ ބުޅި އިސްތަށިގަނޑުގައި ކަންޓު ކާއްތަމުން ދިޔައިރު، ލިއުޝާ އެނދުމަތީީގައި ކަޅި ޖަހައި ނުލައި ބަަލަން އޮތީ ހައިޝަމަށެވެ. ގޮޅިތައް އަރާފައިވާ ހައިޝަމްގެ ރީތި ހަށިގަނޑަށް ބަލާބަލާ ދުވަހަކު ވެސް ލިއުޝާ ފޫހި ނުވާ ފަދައެވެ.

ލިއުޝާ އެނދުން ތެދުވެގެން ގޮސް ހައިޝަމްގެ އަތަށް ޓީޝާޓް ދިނެވެ. ހައިޝަމް އުފަލުން ހުރެ ބަލަމުން ގެންދިޔައީ ލިއުޝާގެ ލަކުނެއް ނެތް ރީތި، އޮމާން ދޮން މޫނަށެވެ.

"އަހަރެން ވަރަށް އުފާވޭ! ލިއު އަހަރެންގެ ވައިފަށް ވީމަ.." ހައިޝަމްގެ ފިރިހެންވަންތަ އަޑުން އޭނާ އެހެން ބުނެލީ ލިއުޝާގެ ފުށްކޮޅެއް ފަދަ ލޯބި ކޮލުގައި ހިފައިލަމުންނެވެ.

"އަހަރެން ވެސް." ލިއުޝާގެ މުޅި މޫނު ފިޔާތޮށި ކުލައަށް ބަދަލުވެގެން ދިޔައީ، ލަދުރަކި ހިނިތުންވުމަކާއި އެކުގައެވެ.

"އައްދޭ! އައްދޭ! އަހަރެންގެ ލޯބިގަނޑު ބްލަޝްވީތަ؟ ހެހެ." ހައިޝަމް ހެމުން ހެމުން، ލިއުޝާގެ ފަން އިސްތަށިގަނޑުގައި ފިރުމައިލިއެވެ.

"މިހެން ކިތަންމެ އިރަކުވެސް ތިބެވި ދާނެ. އަހަރެންނެއް ނުވާނެ ފޫސެއް. އެކަމު، ތި ރީތިކަމުގެ ޖާދޫގަ ޖެހިފަ ހުއްޓާ އަހަރެންގެ ގަޑި ޖެހިދާނެ." ހައިޝަމް "ފޮގް" ސެންޓު ފުޅި ނަަގައި މުޅި ޓީޝާޓުގެ ވަސް މީރުކޮށްލަމުންް ބުނެލިއެވެ.

***

ގަޑިން ހެނދުނު 10 ޖަހައި ބޮޑުުވެއްޖެއެވެ. ކޮޓަރީގެ ދޮރު ތަކުން މުޅި ކޮޓަރިތެރެއަށް އިރުގެ އަލި އެޅެމުން ދިޔަ އިރުވެސް މިފްޒާލް އޮތީ ނިދާފައެވެ. މިފްޒާލްގެ ގައިން ހޫނު ކަމުގެ އިޙްސާސް ވިޔަސް، އޭނާ ތެދުވާކަށް ބޭނުމެއް ނުވެއެވެ. އެޔަށްވުރެ، މާ ކަންފަސޭހައެވެ. މުޅިރޭ ހަތަރުދަމު، މިފްޒާލްގެ ކަމަކަށް ވެފައި އޮންނަނީ އެކި އަންހެން ކުދިންނާ އަނގަތަޅާ ވާހަކަ ދެއްކުމެވެ. އެކި ކަހަލަ ވާހަކަތަކެވެ. ދުނިޔެލެއްވި ހުރިހާ ވާހަކައެއް މިފްޒާލް ކިޔައެވެ. އަން ކިޔައިފިއްޔާ އަންގިއެއް ވެސް މިފްޒާލަށް ވަރިހަމައެވެ. ފިރިހެން ކުއްޖަކާ އޮޅިގެން ވެސް ފޭސްބުކުން މިފްޒާލް ވާހަކައެއް ނުދައްކައެވެ. އެޔަށްވުރެ، މިފްޒާލް އަންހެނުން ކުދިންނާ ވާހަކަދެއްކުމުގައި މާ ބިޒީއެވެ. މިފްޒާލަކީ ޑޮކްޓަރެއްކަން އެނގުމުން އަންހެން ކުދިން ވެސް މިފްޒާލާއި ހެދި މާވަރަކަށް އުޅޭތީ، މިފްޒާލަށް އޭނާގެ އަމިއްލަ ނަފްސަށް ވެވޭ ބޮޑާވެރިކަން ވަނީ މާ ބޮޑުވެފައެވެ. މިފްޒާލުގެ އުމުރުން 28 އަހަރުވީ އިރު، އޭނާ ވަނީ އެތައް އަންހެން ކުދިންނަކަށް އެކި ކަހަލަ ޚިޔާލީ ފޮލާ ކައްކައި ދީފައެވެ. ގުނާ އަދަދު ނުކުރެވޭހާ، ގިނަ ރީތި އަންހެން ކުދިން މިފްޒާލްގެ ޙަޔާތަށް ވަނީ އަތުވެފައެެވެ. ނަމަވެސް އެއިން އެއްވެސް ކުއްޖެއް ދެކެ މިފްޒާލް ލޯތްބެއް ނުވެއެވެ. މިފްޒާލަށް އޭނާގެ ޙަޤީޤީ ލޯބި ނުލިބުމުން، އޭނާ ނިންމައިގެން ހުރީ އޭނާގެ ދިރިއުޅުން މިފަދަ ގޮތަކަށް ވޭތުކޮށްލާށެވެ.

ނިދާފައި އޮތް މިފްޒާލަށް ހޭލެވުނީ އޭނާގެ ފޯނު ރިންގުވާން ފެށި އަޑަށެވެ. ދެލޮލުގައި އަތް އުނގުޅައިލަމުން، މިފްޒާލް ބަލައިލީ އޭނާގެ ފޯނަށެވެ. ގުޅަމުން ދިޔައީ ޝިޔާދެވެ. ޝިޔާދަކީ މިފްޒާލާ އެކު މެޑިސިންގ ކިޔަވައިގެން ރާއްޖެ އައިސް ހުރި ޑޮކްޓަރެކެވެ. ބޭރުގައި ކިޔަވަން ހުރި ދުވަސްވަރު، މިފްޒާލާއި އެކު އެންމެ ގިނަ ވަގުތު ހޭދަކުރި އެކަކީ ވެސް ޝިޔާދެވެ.

"އޭ ބްރޯ! އަދިވެސް ކަޑަވެފަތަ؟" މިފްޒާލު ފޯނު ނެގުމާއި އެކު ޝިޔާދު އަހައިލިއެވެ.

"އާނ! އަދިވެސް އޯކޭއެއް ނުވޭ ބްރޯ. ކަޑަ ވާނެ ދޯ؟ އަހަރެން ހާދަ ލޯތްބެކޭ ލިއު ދެކެވީ.. އެކަމު އަހަރެންނަށް ލިއު ވެސް ގެއްލުނީ. ނުވެސް އެނގި ރާއްޖެ އައިސް މެރީ ކޮށްލީ ވިއްޔާ!" މިފްޒާލްގެ އަޑުވަނީ ކުރަކި ވެފައެވެ.

"އަހަރެން ކުރިން ވެސް ބުނިން ދޯ؟ ތިކަން ހުއްޓާލަން. އެކޮޅުގަ ކިޔެވި އިރު، މިފްޒާލް ރައްޓެހިވާން އެހީމަވެސް، ނޯއެއްނު ލިއު ބުނީ.. އެކަމު ވެސް ކައެ ހުރީ ލިއު ވެގެން. އެންމެ ފަހުން ރާއްޖެ އައިސް މެރީ ކުރީ އެ. ދެން ބްރޯ ތިކަން ހުއްޓާލާ!" ޝިޔާދު ބެލީ މިފްޒާލަށް ނަޞޭޙަތް ދެވޭތޯއެވެ.

"އަހަރެން ދެން ލައިފެއް ނުފަށާނަން ބްރޯ. ހަމަ މިހެން އުޅޭނީ.. އެކި އަންހެން ކުދިން ވަގުތީ ބައިވެރިއެއް ގޮތުގަ ގެންގުޅެމުން." މިފްޒާލް އެނދުން ތެދުވިއެވެ.

"ތި ކަޑައޭ ބްރޯ! ދެން ލިއު ނުލިބުނީމަ ވޭތަ އޭގެ ބަދަލު ހުރިހާ އަންހެން ކުދިންނަށް ހިފަން؟" ކަންފަތުގައި ފޯނު ޖަހައިގެން ޝިޔާދު އައިސް އިށީންނީ ސޯފާގައެވެ.

"ދެން ލިއު އަށްތަ ބަދަލު ހިފަންވީ؟ ތިކަން ވެސް ކޮށްފާނަމޭ ބްރޯ." މިފްޒާލް ފޯނު ކަނޑައިލީ ޝިޔާދުގެ ކަންފަތް މައްޗަށެވެ. ޝިޔާދު ފުންކޮށް ނޭވާއެއް ލަމުން، ސޯފާގައި ހަމަޖެހެލިއެވެ.

***

ހަވީރުގެ މަޔިޔާދު ވަގުތެވެ. މުޅި މާލޭގެ މަގުތައް ވަނީ ފުރި ބާރުވެފައެވެ.

"އަސްމާ. އަސްމާ. އަވަސްކޮށްބަލަ!" ވަހީދުގެ އަޑަށް އަސްމާ ވަރަށް އަވަސްކޮށް އަތްދަބަސް އަޅައިގެން ގެއިން ނުކުތެވެ. ވަހީދަކީ ވެސް ޑޮކްޓަރުކަން ކިޔަވައިގެން ރާއްޖެ އައިސް ހުރި މީހެކެވެ. އަދި ވަހީދު ވެފައި ވަނީ ޑޮކްޓަރުކަން ކިޔަވައިގެން އެންމެ ފަހުން ރާއްޖެ އައި 5 މީހުންގެ ތެރެއިން އެންމެ ދޮށީ މީހާއަށެވެ. ވަހީދުގެ އުމުރުން 33 އަހަރެވެ.

ރީތިވެލައިގެން އަސްމާ ގެއިން ނުކުމެ އެރީ ވަހީދުގެ ސައިކަލު ފަހަތަށެވެ. އަސްމާގެ އުމުރުން 31 އަހަރު ކަމުގައި ވިޔަސް، އަސްމާ ބަލާފައި ހީވަނީ 23 އަހަރުގެ ޅަ ޒުވާނެއްހެންނެވެ. އަސްމާގެ މޫނުމަތި ވަނީ ފައުންޑޭޝަންއިން މުޅިން އަލިކޮށްލާފައެވެ. ތުންފަތުގައި ރަތް ކުލަ ޖައްސައިފައި ހުރިއިރު، ހީވަނީ ރަތް ފިނިފެންމަލެއް ފޮޅެން ތައްޔާރު ވަމުން ދަނީހެންނެވެ. އަސްމާ އަޅައިގެން ހުރީ ރަތްކުލައިގެ ރީތިރީތި ބުރުގާއެކެވެ. އެދެމީހުން ސައިކަލުގައި ދުއްވާފައި ދިޔައީ ހުޅުމާލެއަށެވެ. ވަހީދުގެ ޢާއިލާއާ ބައްދަލު ކުރުމުގެ ބޭނުމުގައެވެ.

ރޭގަނޑުގެ އަނދިރިކަމުން މުޅި ދުނިޔެ ބައްދައިލިފިއެވެ. ޒީނާ ފެންވަަރައި ރީތިވެގެން ތައްޔާރު ވެލީ، ލިއުޝާގެ ގެއަށް ދިޔުމަށެވެ. 4 ވަރަކަށް ދުވަހު ލިއުޝާއާ ދިމާނުވެ ހުރީމައެވެ. ގަޔަށް ބާރު ޓޮޕް ކޮޅަކާއި، ބާރު ޖިއްސެއް ލައިގެން، ޒީނާ މުޅި މޫނުގައި ތަފާތު މޭކަޕުތައް އުނގުޅައި މޫނުމަތި އުޖާލާކޮށްލިއެވެ. ކަރާއި ހަމައަށް ކޮށައިލާފައިވާ، ޒީނާގެ އިސްތަށިގަނޑު ރީތިކޮށް ޒީނާ ވަރަށް ބޮޑަށް ނަލަވެލިއެވެ.

***

"ދޭ އަވަހަށް ފެންވަރާލަން. ވަރަށް ވަރުބަލިވެފަ އެއްނު ތިހުރީ؟" ހައިޝަމް ލައިގެން ހުރި ޓީޝާޓުގައި ހިފައިލަމުން ލިއުޝާ ބުނެލިއެވެ.

"އާނ! އެބަ އަންނަން." ހައިޝަމް ޓީޝާޓު ބައިލަމުން ވަނީ ފާޚާނާއަށެވެ. ހައިޝަމް ފާޚާނާއަށް ވަދެފައި، ކުޑަ ވަގުތު ކޮޅެއް ނުވަނީސް، ގޭގެ ބެލް އަޅަން ފެށި އަޑު އިވުނެވެ. ލިއުޝާ އަވަސްކޮށް ގޮސް ގޭގެ ދޮރު ހުޅުވައިލިއެވެ.

"ޒީ.. އަޅޭ! އަހަރެން ވަރަށް އުފާވެއްޖެ. އަވަހަށް ވަދޭ!" ލިއުޝާ އޭނާގެ ބެސްޓު ފްރެންޑުގެ ގައިގައި ބައްދައިގަންނަމުން ބުނެލިއެވެ. ޒީނާ އާއި އެކު ލިއުޝާ އައިސް އިށީންނީ ސިޓިންގރޫމްގެ ސޯފާގައެވެ.

"ލިއު ކިހިނެއްތަ؟" ޒީނާ ހިފައިލީ ލިއުޝާގެ އަތުގައެވެ.

"ވަރަށް ރަނގަޅު. އެންޑް ވެރީ އެކްސައިޓިން.." ލިއުޝާ ހިނިތުންވެލިއެވެ.

"ސޭމް! އައިޖިއެމްއެޗަށް ވޯރކަށް ދާން ޖެހޭނެ ދުވަހެއްގެ އިންތިޒާރުގަ، މިހާރު ކައުންޑައުން ވެސް ޖައްސައިފިން.. ހެހެ." ޒީނާ ހޭންފެށިއެވެ.

"އަސްލު ވެސް. ކިހާ މަޖާ ވާނެ! އަދި އަހަރެމެން 5 މީހުން އެއްކޮށް އުޅޭއިރު. ޒީއަށް ޚަބަރުވޭތަ އެމީހުން؟" ލިއުޝާ ހިނިތުންވުމަކާއި އެކު ބަލަހައްޓައިގެން އިނީ ޒީނާގެ މޫނަށެވެ.

"އާނ! ވަރަށް މަޖާވާނެ. އެންމެންވެސް ޚަބަރުވޭ. ދެން ލިއު މާބިޒީއެއްނު؟ ހެހެ!" ޒީނާ ސަމާސާގެ ރާގެއްގައި ބުނެލިއެވެ.

"ސޮރީއޭ އަސްލު. މެރީ ކުރި ފުރަަތަމަ ދުވަސްކޮޅު ވީމަ ވަރަށް ޓައިމް ނުވޭ އަދި. ހައިޝަމް ވެސް ވަރަށް ބިޒީކޮށް އުޅެނީ. އަދި ކުރިއަށް އޮތީނު ހޭންގްތައް.." ލިއުޝާގެ ތުންފަތުން ހިނިތުންވުން ނުފިލައެވެ.

"އާނ ދޯ؟" ޒީނާ އެހެން ބުނުމާއި އެކު، އިވުނީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑެވެ. ކޮޓަރިން ބޭރަށް ނުކުތީ ތުވާލި އޮޅައިލައިގެން ހައިޝަމެވެ. ހައިޝަމްގެ ބުޅި އިސްތަށިގަނޑު ތެމިފައި އޮތް އިރު، އޭނާގެ މޭމަތީގެ ޗާލު ކަމާއި، ބަނޑުމަތީގައި ފެތުރިފައިވާ ޗާލު ގޮޅިތައް ހަމަ ރަނގަޅަށް ވެސް ޒީނާއަށް ފެނުނެވެ. ޒީނާއަށް ކުރުވީ އޭނާގެ ނަފުސް އެދޭނެ އިޙްސާސެއް ނޫނެވެ. ޒީނާ ވަގުތުން އިސްދަށަށް ޖެހިއެވެ. ޒީނާ ސިޓިންގރޫމްގައި އިނުމުން ހައިޝަމް އެނބުރި ކޮޓަރިއަށް ވަނެވެ. ލިއުޝާ މިއަންނަނީ ކަމަށްބުނެ، ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ.

ހައިޝަމަށް ގަމީހެއް ދިނުމަށްފަހު، ލިއުޝާ އައިސް ޒީނާ އާއި އެކު އެމީހުންގެ ވާހަކަތައް ކުރިއަށް ގެންދަން ފެށިއެވެ. ވަގުތުކޮޅަކު އެދެމީހުން އެގޮތުގައި ވާހަކަދެއްކުމަށްފަހު، ޒީނާ އެގެއިން ދިޔައެވެ.

***

ގަޑީގެ ސިކުންތު ކަށި އޭގެ ވާޖިބު އަދާ ކުރަމުން ގެންދިޔައީ އޭގެ އެންމެ އަވަސް މިނުގައެވެ. ރޭގަނޑުގެ ވަގުތުތައް ގަޑި އިރަކަށްފަހު، ގަޑި އިރެއް ހޭދަވަމުން ދިޔައިރު ލިއުޝާ އޮތީ އެނދުމަތީގައި އޮށޯވެގެންނެވެ. ހައިޝަމް ބޭރަށް ގޮސްވުމުން، އޭނާ އެނބުރި އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އެގޮތުގައި ލިއުޝާ ވަގުތުތައް ހޭދަކުރަމުން ގޮސް، ގަޑިން ރޭގަނޑު 1130 ވެއްޖެއެވެ. އަދިވެސް ހައިޝަމެއް ގެއަކަށް ނާދެއެވެ. އެތައް ފަހަރަކު ގުޅިއިރު ހައިޝަމް ފޯނަކަށް ޖަވާބެއް ވެސް ނުދެއެވެ. ލިއުޝާގެ ހިތް އަވަސްވާ ގޮތްވިއެވެ. ހިތް ތެޅެން ފެށިއެވެ. މިފަދަ ލަސް ކަމެއް ހައިޝަމްގެ ފަރާތުން ދުވަހަކުވެސް ފެނިފައި ނުވާތީއެވެ. ލިއުޝާ އަށް މުހިންމު ރެއެއްގައި ހައިޝަމް ގޭގައި ނެތުމުން ލިއުޝާގެ ހިތަށް ލިބުނީ ހިތާމަވެރި އިޙްސާސެކެވެ. މިރޭގެ މުހިންމުކަން ހައިޝަމް ހަނދާން ނެތުނީ ކަމަށް ހީކޮށެވެ.

ހުޅުމާލޭގައި ޢާއިލާއާ އެކު އުފާވެރި އަދި މަޖާ ވަގުތުތަކެއް ހޭދަކުރުމަށްފަހު، އަސްމާ އާއި ވަހީދު ސައިކަލުގައި ދުއްވަމުން ދިޔައީ މާލޭ ދިޔުމަށެވެ. ބްރިޖު މަތީގައި 40ގެ ސްޕީޑެއްގައި ވަހީދު ސައިކަލް ދުއްވަމުން ދިޔައިރު، ފަހަތުގައި އިން އަސްމާގެ ދެއަތުން ވަނީ ވަހީދުގެ ބަނޑު ވަށައިލައިފައެވެ. ޖެހެމުންދާ ފިނި ރޯޅިން އެދެމީހުންގެ ހިތައް ހީވަނީ އާދަޔާ ޚިލާފު ހިތްހަމަ ޖެހުމެއް ލިބެމުންދާ ހެންނެވެ.

"އައި ލަވް ޔޫ." އެއްވެސް އެއްޗެއް ނުބުނެ ވަގުތު ކޮޅަކު އިނުމަށްފަހު، އަސްމާ ވަރަށް ބާރަށް ވަހީދުގެ ގައިގައި ބައްދައިގަންނަމުން ބުނެލިއެވެ. ވެފައިވާ ފިންޏާއި އެކުގައެވެ. ހަމަ އެއާއި އެކު ވަހީދު ދުއްވަމުން ދިޔަ ސައިކަލުގެ ފަހަތުން ބާރު ދުވެލީގައި އައި ސައިކަލެއް، ކޮންޓުރޯލުން ނެއްޓިގެން އައިސް ޖެހުނީ ވަހީދާއި އަސްމާ އިން ސައިކަލްގައެވެ. އަސްމާ ބިންމައްޗަށް ވެއްޓުނު އިރު، ސައިކަލާއި އެކު ވަހީދު ދިޔައީ ބުރައިގެންނެވެ. (ނުނިމޭ)