ރާއްޖެ ކުޅިވަރު

ސަރުކާރަށް ވަގުތުދީ، އެފްއޭއެމް އިންތިހާބު މާދަމާރެއަށް ފަސްކޮށްފި

މައްސަލަ ހައްލުކުރުމަށް ސަރުކާރަށް ވަގުތުދިނުމުގެ ގޮތުން އެފްއޭއެމް އިންތިހާބު މާދަމާ ރެއަށް ލަސްކޮށްފި އެވެ.

ގައުމީ ފުޓްބޯޅަ އިދާރާއިން ދެންމެ ނެރުނު ނޫސްބަޔާނުގައިވަނީ މާދަމާ ސަރުކާރުގެ މުއައްސަސާތަކާއެކު މަޝްވަރާކުރާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އިންތިހާބު ބާއްވަން ސަރުކާރުގެ އެއްބާރުލުން ނުލިބޭ ކަމަށެވެ. މި ގޮތުން އިންތިހާބަށް ވަޑައިގެން ތިއްބެވި ފީފާ އާއި އޭއެފްސީގެ ބޭފުޅުން މިއަދު ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރާއި ހޯމް މިނިސްޓަރު އަހުމަދު ޒުހޫރާއެކު ބޭއްވި މަޝްވަރާތައް ނާކާމިޔާބު ވެފައިވާ ކަމަށެވެ. އަދި ފީފާ އާއި އޭއެފްސީގެ އޮފިޝަލުން ހޯމް މިނިސްޓްރީގެ ޖަމިއްޔާތަކުގެ ރަޖިސްޓްރާ ޔޫސުފް އަބުދުލްގަފޫރާ ބައްދަލުކުރުމަށް ކުރި މަސައްކަތް ވެސް ނާކާމިޔާބުވެފައިވާ ކަމަށެވެ. ނަމަވެސް މާދަމާ ވެސް ރަޖިސްޓްރާއާ ބައްދަލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ފުޓްބޯޅައިގެ މައި ޖަމާއަތުގެ އިންތިހާބު ބާއްވަންކުރިން އޮތީ މާދަމާ ހެނދުނު ކުރުނބާ މޯލްޑިވްސްގަ އެވެ. އިންތިހާބަށް ކުރިމަތިލައްވާފައިވަނީ ފީފާއިން އެކުލަވާލާފައިވާ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު އެކަންޏެވެ. މިހެންވެ އޮންނާނީ ޝަވީދާއި އޭނާގެ ޓީމަށް ފެންނަ ނުފެންނަ ވޯޓުނެގުމެވެ. ޝަވީދަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޗެއާމަންގެ އިތުރުން އޭޝިޔާގެ ފުޓްބޯޅައިގެ މައި އިދާރާ ކަމަށްވާ އޭއެފްސީގެ އެކްސްކޯ މެމްބަރެކެވެ.

އެފްއޭއެމުގެ އިންތިހާބަށް ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާ އާއި އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާ އޭއެފްސީގެ ބޭފުޅުން އިންތިހާބަށް މާލެ ވަޑައިގެންނަވާފައިވާއިރު އިންތިހާބު ނުބާއްވަން ސަރުކާރުން އޮތީ ނިންމައިފަ އެވެ. މި މައްސަލާގައި ފީފާ އާއި އޭއެފްސީގެ މަންދޫބުން މިއަދު ހަވީރު ވަނީ ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރާ ވެސް ބައްދަލުކުރީ މިނިސްޓްރީން އިންތިހާބު ނުބާއްވަން އޭއެފްސީ އާއި އެފްއޭއެމަށް ސިޓީ ފޮނުވާފައިވާތީ އެވެ.

އެންމެ ފުރަތަމަ އިންތިހާބު ނުބާއްވަން މަސައްކަތްކުރީ ވެސް ޔޫތު މިނިސްޓްރީންނެވެ. އެއަށް ފަހު އެފްއޭއެމުގެ އަސާސީ ގަވާއިދު ބަލައިނުގަނެ ހޯމް މިނިސްޓްރީން ވަނީ އިންތިހާބު ބާއްވަން ހަމަޖައްސައިފައިވާ ކުރުނބާ މޯލްޑިވްސް އަށް އިންތިހާބު ނުބާއްވަން އެންގީ މިއަދު އެވެ. ހޯމް މިނިސްޓްރީން ކުރިން ބުނެފައިވަނީ އެފްއޭއެމުގެ އިންތިހާބު ގާނޫނާ ހިލާފު ކަމަށެވެ.

ނަމަވެސް ސަރުކާރުން އެފްއޭއެމަށް ނުފޫޒު ފޯރުވާނަމަ ރާއްޖެ ފުޓްބޯޅައިން ސަސްޕެންޑްކުރާނެ ކަމުގެ އިންޒާރު ފީފާ އާއި އޭއެފްސީން ވަނީ ދީފަ އެވެ. އެއީ މި މަހުގެ 30 ގެ ކުރިން އިންތިހާބު ބާއްވަން ދެ ވަނަ ފަހަރަށް ފުރުސަތުދީ އެކަން ނިންމުމަށް ފީފާގެ ހިންގާ ކޮމިޓީން މިދިޔަ މަހު ނިންމާފައިވާތީ އެވެ. މީގެ އިތުރުން ފީފާގެ މެމްބަރު އެސޯސިއޭޝަންތަކަކީ މިނިވަންކަމާއެކު ހިންގަންޖެހޭ އިދާރާތައް ކަމަށް ބުނެ އެ ޖަމާއަތުން ވަނީ އެކަން ހަނދާންވެސް ކޮށްދީފަ އެވެ.

އަނެއްކޮޅުން އިންތިހާބަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތުތަކާ ގުޅިގެން އޭއެފްސީން ވަނީ އެ ޖަމާއަތުގެ މެޗު ކޮމިޝަނަރުކަމުން ޔޫތު މިނިސްޓްރީގެ ނައިބަކަށް ހުންނެވި ކުރީގެ ގައުމީ ފޯވަޑް ޝާހު އިސްމާއީލް ސަސްޕެންޑްކޮށްފަ އެވެ.