ބާސެލޯނާ

ބާސާއަށް އަދިވެސް ލީގް ހޯދޭނެ: ކޫމަން

މި ސީޒަންގެ ލަލީގާގެ ޗެމްޕިއަންކަން ބާސެލޯނާއަށް އަދިވެސް ހޯދޭނެ ކަމަށް އެ ޓީމުގެ ކޯޗް ރޮނަލްޑް ކޫމަން ބުނެފި އެވެ.

ކެޕްޓަން ލިއޮނެލް މެސީގެ ލަނޑުން ލެވަންޓޭ ބަލިކޮށް ބާސާ ވަނީ ތާވަލުގެ އަށް ވަނައަށް ޖެހިލާފަ އެވެ. އެ ޓީމު އޮތީ ތާވަލުގެ އެއް ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑަށް ވުރެ ނުވަ ޕޮއިންޓް ފަހަތުގަ އެވެ.

"ހަމަ ޔަގީން އަދިވެސް އަހަރެމެންނަށް ލީގް ހޯދޭނެ،" ކޫމަން ބުންޏެވެ. "އަހަރެމެން އިތުރަށް ރަނގަޅު ކޮށްފިނަ އަދި އަހަރެމެންގެ އިތުބާރު ދަމަހައްޓައި، ހަމަލާތަކުގައި އަހަރެމެން އިތުރަށް ކުރިއެރުން ހޯދައިފިނަމަ ލީގް ހޯދުމުގެ ފުރުސަތު އެބައޮތް. އަދިވެސް ވަރަށް ގިނަ ގޭމްތަކެއް އެބަހުރި ކުރިމަތީގައި."

މެސީ ޖެހި ގޯލަކީ، ލީގްގައި އޭނާގެ ފަސް ވަނަ ގޯލެވެ. މިދިޔަ އަހަރުތަކަށް ވުރެ މެސީ ވިދުން މި ސީޒަންގައި ފެންނަނީ ފަނޑު ކޮށެވެ. ކޫމަން ބުނީ މެސީ އާ ދެކޮޅަށް އެހެން ޓީމުތަކުން ކުޅޭއިރު އިދިކޮޅު ޓީމުތަކުން އޭނާއަށް ހުއްޓުވަން ގިނަ ކަންކަން ކުރާ ކަމަށެވެ. އެގޮތުން އެހެން ކުޅުންތެރިޔަކު މާކު ކުރާވަރަށް ވުރެ ގިނަ ކުޅުންތެރިން މެސީ މާކު ކުރުމަށް ކުރިމަތިލާ ކަމަށް ކޫމަން ބުންޏެވެ.