އިގިރޭސި 23 އަހަރުން ދަށުގެ ލީގްގައި ގައި ވާދަ ކުރާ ޗެލްސީގެ ޑިވެލަޕްމެންޓް ސްކޮޑުގައި ކުރީގެ ކީޕަރު ޕީޓާ ޗެކް މިއަދު ކުޅޭ ގޮތަށް ހަމަޖައްސައިފި އެވެ.
ޗެލްސީގެ ޓެކްނިކަލް އަދި ޕާފޯމަންސް ޑައިރެކްޓާ ޗެކް، ކުޅުން ހުއްޓާލީ 2019 ވަނަ އަހަރު ޔޫރޮޕާ ލީގްގެ ފައިނަލަށް ފަހު އެވެ. އޭރު އާސެނަލްއަށް ކުޅުނު ކީޕަރު ފައިނަލުގައި ނުކުތީ އޭނާ ކުރިން ކުޅުނު ޗެލްސީގެ ޓީމާ ދެކޮޅަށެވެ. ކުޅުން ހުއްޓާލުމަށް ފަހު، ޗެލްސީގެ ޓެކްނިކަލް ޓީމުގައި އެނާ މަސައްކަތް ފެށި އެވެ. ޕްރމިއާ ލީިގްގައި ޗެލްސީގެ ސީނިއާ ޓީމުގައި ގޯލް ކީޕަރެއްގެ ގޮތުގައިވެސް ޗެކްގެ ނަން ހެޑް ކޯޗް ފުރޭންކް ލަމްޕާޑް ވަނީ ހިމަނާފަ އެވެ.
ޒުވާން ސްކޮޑްގައި ޗެކް ހިމަނަން، ޗެލްސީން ނިންމީ އެ ޓީމުގެ ރެގިއުލާ ކީޕަރު ލޫކަސް ބާގްސްސުޓްރޯމް މިދިޔަ ހޮނިހިރު ދުވަހު ޗެލްސީގެ 18 އަހަރުން ދަށުގެ ޓީމުގައި ކުޅެފައިވުމުންނެވެ. ޗެލްސީން ނިންމީ ފިންލޭންޑްގެ ޒުވާން ކީޕަރު ބާގްސްސުޓްރޯމްއަށް މެޗުގެ ވަރުބަލި ކަމުން ރިކަވާ ވުމަށް އެކަށީގެންވާ ވަގުތު ދިނުމަށެވެ.
ޗެލްސީގެ އަނެއް ކީޕަރު ކްރޮއޭޝިއާގެ ކާލޯ ޒިގާރް، 19 އަށް 23 އަހަރުން ދަށުގެ ޓީމުގައި ކުޅެވޭނެ އެވެ. އެހެން ނަމަވެސް އޭނާ އަކީ ސީނިއާ ޓީމުގެ ތެރޭގައި ސީނިއާ ޓީމާއެކު ޕްރެކްޓިސް ކުރަމުން އަންނަ ކީޕަރެކެވެ. އޭނާ ޒުވާން ޓީމާ ގުޅެން ޖެހޭނަމަ ކޮވިޑް-19 ގެ މަރުހަލާތައް ފުރިހަމަ ކުރަން ޖެހޭނެ އެވެ. ޗެކް ޒުވާން ޓީމުގައި ހިމެނުމަށް ނިންމީ ޗެލްސީގެ ޔޫތު ޑިވްލަޕްމެންޓް ހެޑް ނީލް ބާތު އެވެ.
ޕްރިމިއާ ލީގް ދޭއް ގެ ނަމުގައި ޒުވާން ކުޅުންތެރިންނަށް ލީގެއް ތައާރަފް ކުރީ 2016 ގަ އެވެ. އެންމެ ފުރަތަމަ އެ ލީގް ހާއްސަ ކޮށްފައި ވަނީ 21 އަހަރުން ދަށުގެ ކުޅުންތެރިންނަށެވެ. މިހާރު ވަނީ 21 އަހަރާއި 23 އަހަރާ ދެމެދުގެ ކުޅުންތެރިންނަށް އެ ލީގް ހާއްސަ ކޮށްފަ އެވެ. އެ އުމުރަށް ވުރެ މަތީ ކުޅުންތެރިންގެ ތެރެއިން ފީލްޑް ތިން ކުޅުންތެރިންނާއި ސީނިއާ އުމުރުފުރާގެ ގޯލް ކީޕަރެއް ހިމެނުމުގެ ފުރުސަތު ކޮންމެ ޓީމަކަށް ވެސް ލިބެ އެވެ.