ބޭރު ކުޅިވަރު

ލިވަޕޫލްގެ ކުރީގެ ކޯޗު ހޫލިއޭ މަރުވެއްޖެ

Dec 14, 2020

އިނގިރޭސި ޕްރެމިއާ ލީގުގައި ލިވަޕޫލްގެ އިތުރުން އެސްޓަން ވިލާއަށް ކޯޗު ކޮށްދިން، މަޝްހޫރު ފުޓުބޯޅަ މެނޭޖަރު ގެރާޑް ހޫލިއޭ މަރުވެއްޖެ އެވެ.

ފްރާންސަށް ނިސްބަތްވާ ހޫލިއޭ ވަނީ އެ ގައުމުގައި ޕީއެސްޖީގެ އިތުރުން ލިޔޯނަށް ވެސް ކޯޗުކޮށްދީފައި އެވެ. އުމުރުން 73 އަހަރުގައި އޭނާ މަރުވިކަން ބޭރުގެ މީޑިއާތަކުން ބުނެފައިވާއިރު، އޭނާ މަރުވި ސަބަބެއް އަދި ބުނެފައެއް ނުވެ އެވެ.

ނަމަވެސް، ހިތުގެ ބަލި ފަދަ ބޮޑެތި ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދަމުން އަންނަތާ މިހާރު ގިނަ އަހަރުތަކެއް ވަނީ ވެފައި އެވެ.

މިގޮތުން، 2001 ވަނަ އަހަރު، ލިވަޕޫލުން ލީޑްސް އާ ދެކޮޅަށް ކުޅުނު މެޗެއްގެ ތެރެއިން، ހޫލިއޭއަށް ހިތުގެ މައްސަލައެއް ދިމާވެގެން، ވަގުތުން ހޮސްޕިޓަލަށް ގެންގޮސްގެން ހިތުގެ އޮޕަރޭޝަނެއް ވަނީ ކޮށްފައި އެވެ.

އޭގެ ފަސް މަސް ފަހުން އެނބުރި އައިސް، އެ ސީޒަނުގައި ހޫލިއޭ ވަނީ ލިވަޕޫލަށް ލީގުގެ ދެވަނަ ހޯދައިދީފައި އެވެ.

ހޫލިއޭ ލިވަޕޫލާ ހަވާލުވީ 1998 ވަނަ އަހަރުގެ ތެރޭގައި އެވެ. ޑީޓްމާ ހަމާން އާއި ސެމީ ހަޕިއާ ފަދަ ވަރުގަދަ ކުޅުންތެރިން ގެނެސް، ހޫލިއޭ ވަނީ ލިވަޕޫލްގެ ކުޅުން ބަދަލުކޮށްލައި، ލީގުގެ އިތުރުން ޔޫރަޕުގައި ވެސް ވާދަކޮށްލެވޭ ވަރުގެ ޓީމެއް ބިނާކޮށްފައި އެވެ.

މިގޮތުން، 2001 ވަނަ އަހަރު ފަސް ތަށި ކާމިޔާބުކޮށްދީ، ޗެމްޕިއަންސް ލީގުގައި ތިން ވަނަ ލިވަޕޫލުން ހޯދީ ހޫލިއޭގެ ކޯޗުކަމުގެ ދަށުންނެވެ.

ލިވަޕޫލްގެ ކޯޗު ކަމުން ހޫލިއޭ 2004 ވަނަ ވަކިވިއިރު، ކްލަބުގެ މުޅި ޔޫތު ސިސްޓަމްވެސް އޭނާ ވަނީ ބަދަލުކޮށްފައި އެވެ.