ވިޔަފާރި

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ އިތުރު 10 ރަށަކަށް

Dec 14, 2020

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނީޓ ފަންޑުން އިތުރު 10 ރަށަށަކަށް މާލީ ގޮތުން އެހީތެރިކަން ދީފި އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ ތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓް ތަކަށް އެހީވުމުގެ ގޮތުން ބީއެމްއެލް އިން ހިންގާ "އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑު" ގެ ދަށުން މި އަހަރު ފަހު ފިޔަވަހީގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެއް ހޮވިފައިވާ ކަމަށެވެ.

އަލަށް އެހީތެރިކަން ދޭން ހޮވުނު ރަށްތައް

  • ށ. ގޮއިދޫގެ މަގުތަކުގައި ސޯލާ ލައިޓް ހަރުކުރުން - އިބްރާހިމް ނިޝާމް އަހުމަދު
  • ރ. ފައިނުގައި ލައިބްރަރީއެއް ތަރައްގީ ކުރުން - ފައިނު އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެންޑެވަސް
  • ބ. އޭދަފުށީގައި ކޮމިއުނިޓީ ޕާކެއް ތަރައްގީ ކުރުން - ވެސްޓް ވިންގްސް އޭދަފުށި
  • ޅ. ކުރެންދޫގައި ކޮމިއުނިޓީ ފެސިލިޓީ ތަރައްގީ ކުރުން - ކުރެންދޫ އެންވަޔަރަމަންޓް އެޑިޔުކޭޝަން ސްޕޯޓްސް އެސޯސިއޭޝަން (ކީސާ)
  • ހުޅުމާލޭގައި ކުޑަކުދިން ފޮތް ކިޔުމަށް ހާއްސަ ތަނެއް ތަރައްގީ ކުރުން - ޗިލްޑްރަން އޮފް މޯލްޑިވްސް
  • އއ. ބޮޑުފުޅަދޫގައި މަސްކަނޑަން ހާއްސަ ތަނެއް ގާއިމް ކުރުން - ރިވަލޫޝަނަރީ ބޮޑުފުޅަދޫ ޖެނެރޭޝަން
  • އއ. ތޮއްޑޫގައި ފޮތް ކިޔާ ޕާކެއް ގާއިމް ކުރުން - އާދަމް އަފްސަލް
  • ލ. ފޮނަދޫގައި ކޮމިއުނިޓީ ގާޑަންއެއް ތަރައްގީ ކުރުން - ފޮނަދޫ އެންވަރަމެންޓް އެންޑް ސަސްޓެއިނަބިލިޓީ ޑިވަލޮޕްމަންޓް
  • ގދ. ގައްދޫގައި ވޭސްޓް މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކޮށްދިނުން - ސާސްޓްރާ ކޮމުއުނިޓީ
  • ގދ. ހޯޑެއްދޫގައި ނޭޗަ ޕާކް ތަރައްގީ ކުރުން - ހޯޑެއްދޫ ސްޕޯޓްސް

ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް މި ފަހަރު ވެސް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގުމަށް ވަރަށް ރަނގަޅު ގިނަ ޕްރޮޕޯސަލް ތަކެއް ލިބިގެންދިޔަ ކަމަށެވެ. އަދި ޖަމިއްޔާ ތަކުންނާ އާންމު ފަރުދުންގެ ފަރާތުން ރަށްރަށަށް ބޭނުންތެރި މި ފަދަ ޕްރޮޖެކްޓްތައް ގެނެސް، އަމަލީ މަސައްކަތް ކުރުމަށް ކުރާ ބުރަ މަސައްކަތް ފާހަގަކޮށް އެ ފަރާތް ތަކަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

މިދިޔަ އަހަރު ބޭންކުން ތައާރަފް ކުރި މި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 40 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް މިވަނީ މާލީ އެހީތެރިކަން ފޯރުކޮށްދެވިފަ އެވެ. މިދިޔަ އަހަރު ވެސް 20 ރަށެއްގައި މި މަޝްރޫއު ހިންގާފައިވެ އެވެ. މި މަސައްކަތްތަކުގެ އަގު ދެ މިލިއަން ރުފިޔާއަށްވުރެ ގިނަ އެވެ.