ހަބަރު

"އަދީބު ގޭގައި ހުންނެވީ ދެކޮޅު ހެކިބަހުގެ ހަދިޔާއެއްގެ ގޮތުން"

ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް އެމަނިކުފާނު ގޭގައި ހުންނެވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް ހެކިބަސް ދިނުމުގެ ހަދިޔާއެއްގެ ގޮތުން ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.

ޔާމީންގެ ވަކީލުންގެ ޓީމާ ބައްދަލް ކުރަން ހޯމް މިނިސްޓްރީން ހުރަސް އަޅަމުން ގެންދާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް މިއަދު ނެރެނު ބަޔާނެއްގައި ބުނެފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑްގެ އެތެރޭގައި ހިންގާފައިވާ ޖަރީމާތަކުގައި އިސްކޮށް ތިބީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އޭރުގެ އެމްޑީ އަބްދުﷲ ޒިޔަތު ކަމަށެވެ. އަދި އެ ދެ ބޭފުޅުންނާއިއެކު ދައުލަތުން ސިއްރު އަދި ގާނޫނު ވެސް ނުދަންނަ އެއްބަސްވުންތަކެއް ހަދާފައިވާ ކަމަށެވެ.

އަދީބަކީ ދައުލަތުގެ މުދަލަށް ބޮޑެތި އަދަދުތަކުން ހިޔާނާތް ވެފައިވާ ކަމަށް އެބޭފުޅެއްގެ އަމިއްލަ އިއުތިރާފުން އެބޭފުޅެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ ބޭފުޅެއް ކަމަށާ އަދި އެބޭފުޅެއްގެ މައްޗަށް 800 އަހަރުގެ ހުކުމެއް ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ހުރި ކަމަށް ދައުލަތުގެ ޕްރޮސިކިއުޓަރު ޖެނެރަލް ވިދާޅުވެފައިވާ ބޭފުޅެއް ކަމަށެވެ. ނަމަވެސް އަދީބު ގޭގައި ބަހައްޓާފައިވަނީ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ހެކިބަސް ދިނުމުގެ ހަދިޔާއެއްގެ ގޮތުން ގައިރު ގާނޫނީ ލުއިތަކެއްގެ ތެރެއިން ކަމަށެވެ.

އަދީބު ގޭގައި ބަހައްޓާފައިވަނީ ހާއްސަ މެޝިނެއް ބޭނުން ކޮށްގެން ނޫނީ ނުނިދޭތީ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި ވިދާޅުވުމަށްވެސް ވަނީ މި ބަޔާނުގައި ރައްދު ދީފައެވެ. އިމްރާން ވިދާޅުވީ އަހުމަދު އަދީބަށް ނިދުމުގައި މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ކުރިން ޖަލު ގޮޅިއަށް ވެއްޓި ލިބުނު އަނިޔާތަކާއި ގުޅިގެން ޑޮކްޓަރަށް ދެއްކުމުން ހާއްސަ މެޝިނެއްގެ އެހީގައި ނިދަން އަންގާފައިވާ ކަމަށެވެ.

އެއީ ޖަލުގައި ބެހެއްޓިފައިވާ މެޝިނަކަށް ނުވާތީ މިވަގުތު އަދީބު ގޭގައި ހުރީ އެ ސަބަބާއި ގުޅިގެން ކަމަށް އިމްރާން ވިދާޅުވިއެވެ. ނަމަވެސް އިމްރާން މި ޖަވާބު ދެއްވީ އެއީ އަދީބު ގޭގައި ބަހައްޓަވާ ހަގީގީ ސަބަބުތައް ޔަގީން ކުރައްވާ ނޫންކަން ދެއްވި ޖަވާބުން ސާފުވެއެވެ.

"އަހުމަދު އަދީބު، ނިދުމުގައި މައްސަލަތަކެއް ދިމާވާ އަދި ފުއްޕާމެއަށް މައްސަލަތަކެއް ދިމާވެފައިވާ ކަމަށް ޑޮކްޓަރުން ލަފާދީފައިވަނީ. ކުރީ ފަހަރެއްގައި ޖަލުތެރޭގައި ހުންނަވަކޮށް ޖަލު ގޮޅިއަށްވެ ވެއްޓި ނިތްކުރިމަތި ދުޅަވެ، ކަންތައްތަކެއް ހިނގާފައި ހުރީ. އޭގެ ފަހުން ޑޮކްޓަރު ދެއްވާފައިވޭ ވަކި މެޝިނެއް ބޭނުންކޮށްގެން ނިދުމަށް. އެ މެޝިނަކީ ޖަލުގެ ތެރޭގައި ބޭނުންކުރެވޭ ގޮތަށް ހުރި މެޝިނެއް ނޫން ކަމަށް ވަނީ. އެެހެންވީމަ އެ މެޝިން ގޭގައި ގާއިމްކުރެވިފައިވާ ކަމަށް ވަނީ. އެެހެންވީމަ އެކަމުގެ މައްޗަށް ރިއާޔަތްކޮށްފައި އަހުމަދު އަދީބު ގޭގައި ހުރުމަށް ހުއްދަ ދެއްވާފައިވާ ކަމަށް ވަނީ،" އިމްރާން ވިދާޅުވިއެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާ ސާބިތުވެ 20 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އޮކްޓޫބަރު މަހުގެ ފަސްވަނަ ދުވަހު އެ ހުކުމް އައީވެސް އަދީބު ގޭގައި ހުންނަވަނިކޮށެވެ. 20 އަހަރުގެ ޖަލު ހުކުމާއެކުވެސް އަދީބު ހުންނެވީ ގޭގައެވެ.