ދުނިޔެ

ޔަހޫދީން މަރަން ހިޓްލަރަށް ހިޔާލުދިނީ ފަލަސްތީނުގެ މުފްތީއެއް: ނަތަންޔާހޫ

Oct 22, 2015
1

ހިޓްލަރަށް ޔަހޫދީން މަރަން ހިތްވަރު ދެއްވީ ފަލަސްތީނުގެ ލީޑަރެއް ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވުމާ ގުޅިގެން އޭނާއަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

އިއްޔެ އޮތް "ދުނިޔޭގެ ޒަޔަނިސްޓް ކޮންގްރެސް" ގައި ވާހަކަ ދައްކަމުން ނަތަންޔާހޫ ވިދާޅުވީ، އެޑޮލްފް ހިޓަލަރު ހަމަ އެކަނި ބޭނުންވީ ޔަހޫދީން ޔޫރަޕުން ބޭރުކުރަން ކަމަށެވެ. އެކަމަކު ޔަހޫދީން ޔޫރަޕުން ބޭރުކުރިޔަސް އެނބުރި އަންނާނެ ކަމަށާއި ހައްލަކީ "އެމީހުން އަންދާލުން" ކަމަށް ބުނެ ޔަހޫދީން މަރަން ހިޓަލަރަށް ހިތްވަރު ދެއްވީ ގުދުސްގެ މުފްތީ ހައްޖު އަމީން އަލް ހުސެއިނީ ކަމަށެވެ.

ހަ މިލިއަން ޔަހޫދީން މެރި އެޑޮލްފް ހިޓްލަރު ދިފާއު ކުރައްވައި ހިޓްލަރުގެ ކުށްތައް ފަލަސްތީނު ލީޑަރެއްގެ ބޮލުގައި އަޅުވާ މިންވަރަށް ނަތަންޔާހޫ ފަލަސްތީނު ރައްޔިތުންދެކެ ރުޅި އަންނަކަން ދޭހަވާ މި ވާހަކައިން ސިހިފައި ވަނީ ހަމައެކަނި މުސްލިމުންނެއް ނޫނެވެ.

ނަތަންޔާހޫގެ މި ވާހަކައަށް އިޒްރޭލުގެ ބައެއް އޮފިޝަލުންގެ ފާޑިކިޔުން ވެސް ވަނީ އަމާޒުވެފައެވެ. މިގޮތުން އިޒްރޭލުގެ ހޮލަކޯސްޓް ހަނދާނީ މަރުކަޒުގެ ޗީފް ހިސްޓޯރިއަން ވިދާޅުވީ ނަތަންޔާހޫގެ މި ވާހަކަ ހަގީގަތާ ހިލާފު ކަމަށެވެ. އިޒްރޭލުގެ އިދިކޮޅު ލީޑަރު ވިދާޅުވީ މިއީ "ތާރީހު އޮޅުވާލުމުގެ ނުރައްކާތެރި ވާހަކައެއް" ކަމަށެވެ.

ފަލަސްތީނުގެ އިސް ލީޑަރަކު ވިދާޅުވީ ނަތަންޔާހޫގެ މި ވާހަކައިން ދޭހަވަނީ އޭނާ ފަލަސްތީނުގެ ރައްޔިތުންދެކެ ރުޅި އަންނަ މިންވަރު ކަމަށެވެ.
މުފްތީ ހުސެއިނީ އަކީ ފަލަސްތީނުގެ ވަތަނީ ލީޑަރެކެވެ. އަދި ޔަހޫދީންނާއި އިނގިރޭސީން ފަލަސްތީނު އިސްތިއުމާރު ކުރުމާ ދެކޮޅަށް ތެދުވެ ވަޑައިގެންނެވި ބޭފުޅެކެވެ. މުފްތީ ނާޒީންނާއި ބައްދަލުކުރެއްވިކަން ތާރީހުން ފެންނަން އެބަ އޮތެވެ. އެކަމަކު ހޯލަކޯސްޓާއި ގުޅުމެއް އޮތްކަމަށް ތާރީހީ އެއްވެސް ހާދިސާއަކުން ނުވަތަ ލިޔުމަކުން އެނގޭކަށް ނެތެވެ.